ލިޔެކިޔުން ނެތި ގަވާއިދާ ހިލާފަށް ރާއްޖޭގައި އުޅެމުންދާ ބަންގްލަދޭޝް މީހުންގެ ތެރެއިން މިދިޔަ ފަސްމަސް ތެރޭ މިހާތަނަށް 4000 އަށް ވުރެ ގިނަ ބިދޭސީން އަނބުރާ ގައުމަށް ފޮނުވާލައިފިއެވެ.

"ދަ ޕްރެސް" އަށް މައުލޫމާތު ދެއްވަމުން ފޮރިން މިނިސްޓްރީގެ ޑިރެކްޓާ އޮފް ކޮމިއުނިކޭޝަންސް މިއުވާން މުހައްމަދު ވިދާޅުވީ މިދިޔަ އޭޕްރީލް މަހުގެ 21 އިން ފެށިގެން މިއަދާ ހަމައަށް ރާއްޖޭގައި ގަވައިދާ ހިލާފަށް އުޅޭ ބިދޭސީންގެ ތެރެއިން 4205 މީހަކު ފޮނުވާލާފައިވާ ކަމަށެވެ. އަދި ފޮނުވާލި މީހުންގެ ތެރޭގައި ހިމެނެނީ ހުސް ބަންގްލަދޭޝްގެ މީހުން ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ރާއްޖެއަކީ ގިނަ ބިދޭސީންތަކެއް މަސައްކަތް ކުރަމުން އަންނަ ގައުމަކަށް ވީ އިރު ގަވައިދާ ހިލާފަށް އުޅޭ ގިނަ އަދަދެއްގެ ބަންގްލަދޭޝް މީހުން ގައުމަށް މި ވަނީ ފޮނުވާލާފައެވެ. އޭގެ އިތުރުން އެކި ގައުމު ތަކުން ރާއްޖޭގައި މަސައްކަތް ކުރާ ބިދޭސީންވެސް ވަނީ އެމިޙުންގެ ގައުމަށް އަނބުރާ ފޮނުވާލާފައެވެ.

އެގޮތުން ޖޫން މަހާއި ޖުލައިމަހު މިހާތަނަށް ގައުމަށް ފުރުވާލި ބިދޭސީން:

  • 2 ޖޫން - ބަންގްލަދޭޝް 200 މީހުން
  • 3 ޖޫން - އިންޑިއާގެ 171 މީހުން
  • 4 ޖޫން - އިންޑިއާގެ 171 އަދި ޔޫރަޕްގެ 29 މީހުން
  • 5 ޖޫން - ބަންގްލަދޭޝް 200 އަދި އިންޑިއާގެ 700 މީހުން
  • 6 ޖޫން - ބަންގްލަދޭޝް 265 މީހުން
  • 14 ޖޫން - އިންޑިއާގެ 171 މީހުން
  • 16 ޖޫން - ބަންގްލަދޭޝް 200، އިންޑިއާގެ 156 އަދި ނޭޕާލްގެ 149 މީހުން
  • 19 ޖޫން - ބަންގްލަދޭޝް 200، އަދި ނޭޕާލްގެ 156 މީހުން
  • 20 ޖޫން - އިންޑިއާގެ 339 މީހުން
  • 21 ޖޫން - އިންޑިއާގެ 198 އަދި ސްރީލަންކާގެ 292 މީހުން
  • 22 ޖޫން - އިންޑިއާގެ 169 މީހަކާއި ނޭޕާލްގެ 156 މީހުން
  • 23 ޖޫން - ބަންގްލަދޭޝް 200 މީހުން
  • 27 ޖޫން - ބަންގަލަދޭޝް 200 މީހުން
  • 30 ޖޫން - ބަންގަލަދޭޝް 200 މީހުން
  • 4 ޖުލައި - ބަންގަލަދޭޝް 200 މީހުން
  • 6 ޖުލައި - ބަންގަލަދޭޝް 200 މީހުން
  • 11 ޖުލައި - ބަންގްލަދޭޝް 200 މީހުން
  • 13 ޖުލައި - ބަންގްލަދޭޝް 200 މީހުން
  • 16 ޖުލައި - ބަންގްލަދޭޝް 152 މީހުން
  • 17 ޖުލައި - އައްޑޫއިން ފުރުވާލި 135 ބަންގްލަދޭޝް މީހުން
  • 18 ޖުލައި - 200 ބަންގްލަދޭޝް މީހުން
  • 20 ޖުލައި - 199 ބަންގަލަދޭޝް މީހުން
  • 25 ޖުލައި - ބަންގްލަދޭޝްގެ 200 މީހުން

ބަންގްލަދޭޝްގެ އަސްކަރީ މަނަވަރެއްގައި އަދި އެ ގައުމުގެ ގައުމީ އެއާލައިންގެ ފްލައިޓްތަކުގައި ރާއްޖޭގައި ގަވާއިދާ ހިލާފަށް ދިރިއުޅެމުން ދިޔަ ހާހެއްހާ ބަންގްލަދޭޝްގެ ރައްޔިތުން ވަނީ އެ ގައުމަށް ފޮނުވާލާފައި ވާއިރު، ރާއްޖޭގެ ގައުމީ އެއާލައިން މޯލްޑިވިއަން އާއި، އިކޮނޮމިކް މިނިސްޓްރީ އާއި ފޮރިން މިނިސްޓްރީގެ އިތުރުން ކަމާ ބެހޭ އެހެން އިދާރާތައް ގުޅިގެން ވަނީ ރާއްޖޭގައި ގަވާއިދާ ހިލާފަށް ދިރިއުޅޭ ބަންގްލަދޭޝްގެ ރައްޔިތުންނާއި، ގަވާއިދާ އެއްގޮތަށް އުޅޭ ރައްޔިތުންގެ ތެރެއިން ވެސް އަނބުރާ ގައުމަށް ދާން ބޭނުންވާ މީހުން ގައުމަށް ފޮނުވާލުމުގެ މަސައްކަތް ފަށާފައެވެ.

އެގޮތުން އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއީލް ދާދި ފަހުން ވަނީ މިއަހަރުތެރޭގައި 20،000 ބިދޭސީން ރާއްޖެއިން ފޮނުވާލެވޭނެ ކަމަށް ވިދާޅުވެފައެވެ.

ކޮވިޑް-19 އާއި ގުޅިގެން ރާއްޖޭގެ ބޯޑަރު ބަންދުކުރުމަށް ފަހު މިހާރު ވަނީ ހުޅުވާލާފައެވެ. ނަމަވެސް ރާއްޖޭގައި ކޮވިޑް ފެތުރުން ކޮންޓްރޯލް ކުރުމަށް ބޯޑަރު ބަންދުކޮށްފައި އޮތުމަށް ފަހު ވަނީ އިންޓަނޭޝަނަލް ދަތުރުތަކަށް މިމަހުގެ 15 ވަނަ ދުވަހު ފަށާފައެވެ.