ދިވެހި ތާރީހުގެ ވާހަކަ ދައްކާއިރު އެންމެ އާންމު ކޮށް އިވޭ އެއް އަޑަކީ ވޯރާއިންގެ ވާހަކައެވެ. ވޯރާއިން ރާއްޖެއައީ މީލާދީން 1857 ވަނަ އަހަރުއެވެ. އޭރު ދިވެހި ރަސްކަމުގައި ހުންނެވީ މުސްކުޅި ބަންޑާރައިންނެވެ.

ވޯރާއިންނަކީ އިންޑިއާގެ އުތުރަށް ނިސްބަތްވާ ޝީޢީ މަޒްހަބުގެ ބައެކެވެ. ބުންބާއިން އައި މީހުންނަކީ މިއީއެވެ. އެ ޖަމާއަތުގެ 300 އެއްހާ މީހުން، މި ކުޑަކުޑަ ދިވެހިރާއްޖޭގައި ވަޒަންވެރިވެ ތިބީ ވިޔަފާރި ކުރުމުގެ ނަމުގައެވެ. ދިވެހިންގެ މެދުގައި އެ ޖަމާއަތަށް ނިސްބަތް ކޮށް އުޅުނީ ބުމްބާ މީހުންގެ ނަމުންނެވެ. ބޯރާއިންނޭވެސް ކިއެވެ. ތާރީހީ ލިޔުންތަކަށް ބަލާއިރު، "ވޯރާއިން" ނަކީ ރާއްޖޭގެ ފުރަތަމަ ރައީސް މުޙައްމަދު އަމީން، އެ މީހުންނަށް ދެއްވި ނަމެކެވެ.

ސިޔާސީ ކޯޅުމަކާއެކު ވޯރާއިންނަށް އިގުތިސޯދީ "ވިސާ"

މާޒީގެ ސޮފުހާތަކަށް އަވަސް ކަޅިއެއް ހިނގާއިރު، ވޯރާއިން ރާއްޖެ "ގެނެވުނީ" ސިޔާސީ ކޯޅުންގަނޑެއްގެ ތެރެއިން ނޫންކަމަށް ބުނެ، އޮޅުވާލެވޭކަށް ނެތެވެ. ވޯރާ ވިޔަފާރިވެރިންނަކީ، އޭރު ދިވެހި ވެރިކަމަށް ފާރަވެރިވަމުންދިޔަ އާއިލާތަކުގެ ތެރެއިން އާއިލާއެއް ކަމަށްވާ ކަކާކޭގެ މުޙައްމަދު ރަންބަނޑޭރި ކިލެގެފާނެވެ. އޭރުގެ އެންމެ ބޮޑު ވިޔަފާރިވެރިއަކީ، ގަލޮޅުގޭ ޢަލީ ދޮށިމޭނާ ކިލެގެފާނެވެ. ވާދަވެރިއަކަށް ހުންނެވީ ކަކާގޭ ޢަލީ ރަންނަބަނޑޭރި ކިލެގެފާނެވެ. ސިޔާސީ ނުފޫޒަށް އޮތް ވާދަވެރިކަމުގެ ތެރެއިން އަލީ ދޮށިމޭނާ ކިލެގެފާނުގެ ވިޔަފާރި ބަލިކޮށްލުމަށް، ކަކާކޭ އަލީ ރަންނަބަނޑޭރި ކިލެގެފާނުގެ ދޮށި ދަރިފުޅު، މުޙައްމަދު ރަންނަބަނޑޭރި ކިލެގެފާނުގެ އެހީން ރާއްޖޭގައި ވޯރާއިން ވަޒަންވެރިކުރުވިއެވެ. ވޯރާއިން ރާއްޖޭގައި ނުފޫޒު ގަދަ ކުރަމުން ދިޔައީ ޓީއައިޖޭ ނޫރުބަހީ ކުންފުނީގެ ވިޔަފާރިވެރިންގެ ގޮތުގައެވެ.

ރާއްޖޭގައި އުޅުނު ވޯރާ ވިޔަފާރިވެރިންގެ ބާޒާރު

ނޭނގުމެއްގެ ތެރެއިން ކަމުގައި ވީ ނަމަވެސް، އޭރުވެސް ދިވެހި އިގުތިސޯދުގެ ހުންގާނު، ބިދޭސީންގެ އަތްމައްޗަށް ދޫކޮށްލީއެވެ. ވަކި ގާނޫނެއްގެ ދަށަކުން ނޫނެވެ. އެންމެ ކުޑަ މިނުން، ސައްހަ އެއްބަސްވުމެއްވެސް ނެތެވެ. ނަތީޖާއަކަށްވީ، އިގުތިސޯދު ބިނާ ކުރުމުގެ ބަދަލުގައި، ސުންނާފަތި ކޮށްލުމާ ދިމާލަށް ވޯރާއިން މިސްރާބު ޖެހުމެވެ. މިކަން ކުރުމަކީ ވޯރާއިންނަށް މާ ދަތި ކަމަކަށް ނުވިއެވެ. ދިވެހިންގެ އަގުލަބިއްޔަތު އޭރު އޮތީ ބައިނަލްއަގުވާމީ ބަވަނަ ވެށީގައި ހިނގަމުންދިޔަ ކަންކަމަށް ލޯހުޅުވިފައެއް ނޫނެވެ. ދުނިޔޭގެ ވިޔަފާރި ހިނގާ އުސޫލުތަކަށް ފެންފަދަ ދޭސީއަކު ނެތޭވެސް ދެންނެވިދާނެއެވެ.

ވޯރާއިންނަށް ސަރުކާރުން އެއްވެސް ޑިމާންޑެއް ކުރިމައްޗެއް ނުކުރެއެވެ. އަގުތައް ހުންނަންވީ މިންވަރެއް ބަޔާންކޮށެއް ނުދެއެވެ. ވޯރާއިން ރާއްޖޭގައި ތިބިއިރު ކުރި ހަމައެކަނި އިންވެސްޓަމަންޓަކަށް ފެންނަން ހުރީ އެމީހުން ނަމާދު ކުރަން އެޅި މިސްކިތް އެކަންޏެވެ. ވިޔަފާރި ގެތަށް އަޅާފައި ހުރީ، އެ މީހުން އެތަނުގެ ބޭނުން ކޮށް ނިމުމުން، އިތުރު ބަޔަކަށް އެކަމުން މަންފާއެއް ހާސިލު ނުވާހާ ދެރަ ފެންވަރެއްގައެވެ. ބޮޑު ހުޅުގެ ގަޑުބަޑުގެ ތެރެއިން ހަމަލާތަކެއް ވޯރާއިންގެ ފިހާރަތަކަށް އަމާޒުވުމުން، ތަންކޮޅެއް ފެންވަރު ރަނގަޅުކުރިއެވެ.

އޭރުވެސް ވޯރާއިން ދިޔައީ ވިޔަފާރީގައި އިންތިހާއަށް މަކަރު ހަދަމުންނެވެ. މިނެކިރުމުގައި މަކަރު ހަދައެވެ. ހިސާބު ކުރުމުގައި މަކަރު ހަދައެވެ. އިލްމު އުނގެނުމަށް އޭރު ދިވެހިން ލޯހުޅުވިފައި އޮތްލެއް ކުޑަކަމާ، ހިތު ހިސާބަށް ވޯރާއިންގެ ކުޅަދާނަކަން އޮތް މިންވަރުގެ ފައިދާ ނަގަމުންދިޔައީ އޭގެ އިންތިހާއަށެވެ. ދިވެހިން އެކަމަކަށް ފަރިތަ މަސްވެރިކަމުގެ ވިޔަފާރިންވެސް ނާޖައިޒު ފައިދާ ހާސިލުކުރީ ވޯރާއިންނެވެ. އޭރު އެމީހުން ދިޔައީ އެގޮތް މިގޮތުން މި ރާއްޖޭއިން ރަނާ ރިހި ބޭރުކަމުންނެވެ. މިއީ އަދުގެ ގޮތަށް ބަލާނަމަ ބޭރު ފައިސާ ބޭރުކުރުމެވެ.

ރާއްޖެއަށް ސިޔާސީ މިނިވަންކަން ހޯއްދަވައިދެއްވި ބާނީ ރައީސް އިބްރާހިމް ނާސިރު

ހީލަތް ގަދަވެ ވޯރާއިން ފަހާލުން

ދެވަނަ ބޮޑު ހަނގުރާމައިގެ ކަޅު ވިލާގަނޑު ދިވެހި ރާއްޖެއަށް ބޯމަތިވީވެސް ވޯރާއިންގެ ދުވަސްވަރުއެވެ. މިކަމުގައިވެސް އެމީހުން ހެދީ ހީލަތެވެ. ދިވެހި އުފެއްދުންތަކުގެ އަގު ވައްޓާލިއެވެ. ސަރުކާރުގެ ބޮޑުންނަށް ރިޝްވަތު ދިނުން އޮތީ އޭގެ އިންތިހާއަށެވެ. ދިވެހި ކަސްޓަމްސް އުފެދި، އޭރުގެ އުސޫލުން ޑިއުޓީ އާއި ޓެކްސްގެ ނިޒާމު ތައާރަފުވި ނަމަވެސް، ވޯރާއިންގެ ނުފޫޒު އޭގެ މައްޗަށް ހިންގާ، އެކަމުންވެސް ހަވާސާވިއެވެ.

މިމަސައްކަތް ފެށުނީ އޭރު އޮތް ރައްޔިތުންގެ މަޖިލީހުން ގާނޫނު ފާސްކޮށްގެންނެވެ. އަމަލީ މަސައްކަތްތައް ފެށުނީ މީލާދީން 1961 ވަނަ އަހަރުގެ ފަހުކޮޅުއެވެ. 105 އަހަރަށްފަހު ވޯރާއިން ރާއްޖެ ދޫކޮށް ދިއުމަށް މަޖުބޫރުކުރުވީއެވެ. ނަމަވެސް ވޯރާއިން ފައިބައިގެން ދިޔައީ ގައުމަށް ބޮޑެތި ގެއްލުންތަކެއް ދީފައި ކަމީ މިއަދުވެސް އެކަމުން އިބުރަތް ހާސިލުކުރަން ޖެހޭނެ ކަމެކެވެ. ބޭރުގެ ނުފޫޒުތަކާ، ދޭސީންގެ އަތްމައްޗަށް ގައުމު ދޫކޮށްލުމުގައި ހުރި ހިތިކަން ދިވެހި އަރުތޭގައި ކިތަންމެ ރަނގަޅަކަށްވެސް ލައިފިއެވެ. އަނެއްކާވެސް އެފަދަ ކައްޓެއް ކަރުގައި ޖެހެން ދޫކޮށްލައިގެން ތިބުމަކީ ހަމަ އެންމެ ރަނގަޅު ގޮތެއްތޯއެވެ؟ ދިވެހި މިނިވަން ފަސްގަނޑުގައި ވޯރާއިން ޖެއްސި ފަދަ މުޑުދާރު ލައްގަނޑެއް ޖެއްސުމުގެ ފުރުސަތު، އަނެއްކާވެސް އިތުރު ދޭސީންތަކަކަށް ދޭންވީތޯއެވެ؟ މިއީ ހަމަ ޔަގީނުންވެސް ގައުމު ދެކެ ލޯބިވާ އެއްވެސް ދަރިއެއްގެ ހިތް ރޫހިގެން އޮންނާނެ ކަމެއް ނޫނެވެ!