ލޮނުޒިޔާރާތްކޮޅުގައި ތަރައްގީކުރަމުންދާ ޕާކު މި ހަފުތާގެ ތެރޭގައި އާންމުންނަށް ހުޅުވާލުމަށް މަސައްކަތް ކުރަމުންދާ ކަމަށް ސިޓީ ކައުންސިލުގެ ޑެޕިއުޓީ މޭޔަރު ޝަމާއު ޝަރީފް ވިދާޅުވެއްޖެއެވެ.

ޝަމާއު ވިދާޅުވީ ޕާކުގެ ބޮޑެތި ހުރިހާ މަސައްކަތްތައް މިހާރު ނިމިފައިވާ ކަމަށެވެ. އަދި މިހާރު ކުރަމުން ދަނީ ފިނިޝިންގެ މަސައްކަތްތައް ކަމަށް ޝަމާއު ވަނީ ވިދާޅުވެފައެވެ. އޭގެ ތެރޭގައި ދަވާދު ލުމާއި ތަކެތި އެތުރުންފަދަ ކަންކަން ހިމެނޭ ކަމަށް ޝަމާއު ވިދާޅުވިއެވެ.

އެގޮތުން މި މަސް ނިމުމުގެ ކުރިން އެ ޕާކު އާންމުންނަށް ހުޅުވާލުމުގެ ތައްޔާރީތައް ވަމުންދާ ކަމަށް ވެސް ޝަމާއު ވަނީ ވިދާޅުވެފައެވެ.

ސިނަމާލެ ބްރިޖް ކައިރިން، އަޑި ޕާކު ހެދުމުގެ މަސައްކަތް ފަށާފައިވަނީ މިދިޔަ އަހަރުގެ ފެބްރުއަރީ މަހުގެ ތެރޭގައެވެ. އެޕާކު ތަރައްގީ ކުރަމުންދަނީ ވަރަށް ހިތޔްގައިމު ގޮތަކަށެވެ. އެގޮތުން ޕޮންޑަކާއި، ޕޮންޑް ހުރަސްކުރެވޭގޮތަށް ކުޑަ ބްރިޖަކާއި، އުސްފަސްގަނޑެއް ހިމެނެއެވެ

އޭގެ އިތުރުން 300 އަށްވުރެ ގިނަ ބެންޗާއި، ކަސްރަތަށް ދުވެވޭނެ ލޭނެއްގެ އިތުރުން ބައިސްކަލު ދުއްވާ ލޭނެއް ވެސް ހިމެނެއެވެ.

އެ ޕާކާ ބެހޭގޮތުން ސަރުކާރާއި އިދިކޮޅު ފަރާތްތަކުންވެސް ދަނީ ތަފާތު ވާހަކަތަށް ދައްކަމުންނެވެ. އެގޮތުން ކުރީގެ ހައުސިންގް މިނިސްޓަރު އަދި ޕީޕީއެމްގެ ނައިބު ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ ސިނަމާލެ ބްރިޖާ އިންވެގެން އޮންނަ އަޑި ޕާކް ސަރަހައްދުގައި މާލޭ ސިޓީ ކައުންސިލުން ހަދަން ފަށާފައިވާ ޕާކަކީ "ކޮރަޕްޝަން ޕާކް" ކަމަށެވެ.