ހުޅުމާލޭ ހޮސްޕިޓަލަށް ވިހަން ދިޔަ މާބަނޑު މީހަކު ކޯވިޑް-19އަށް ޕޮސިޓިވް ވެއްޖެއެވެ.

"ދަ ޕްރެސް" އަށް މައުލޫމާތު ދެމުން ހެލްތް އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ)އިން ބުނީ ހުޅުމާލޭ ހޮސްޕިޓަލަށް ވިހަން ދިޔަ މާބަނޑު މީހަކު ޕޮޒިޓިވް ވެފައިވާ ކަމަށާއި އޭނާ ޕޮޒިޓިވީ އެޑްމިޓް ކުރުމުގެ ކުރިން ހެދި ސާމްޕަލް ޓެސްޓަކުން ކަމަށެވެ.

އަދި މީހާރު އެޑްމިޓް ކޮށްފައިވާ ކަމަށާއި އޭނާގެ ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތް ކުރިއަށް ދާ ކަަމަށް އެޗްއީއޯސީން ބުނެއެވެ.

ހުޅުމާލޭ ހޮސްޕިޓަލަށް ދިޔަ މީހަކު ޕޮޒިޓިވް ވެފައިވާއިރު، ކޮވިޑާ ގުޅިގެން ހުޅުމާލޭ ހޮސްޕިޓަލުގައި އަޅާފައިވާ ފިޔަވަޅުތަކުގެ ތަފްސީލް އެ ހޮސްޕިޓަލުން އަދި ހާމަކޮށްފައެއް ނުވެއެވެ.

އައިޖީއެމްއެޗުންވެސް މީގެ ކުރިންވެސް ވަނީ ކޮވިޑް-19ގެ ކޭސްތަކެއް ފެނިފައެވެ. އެގޮތުން އެ ހޮސްޕިޓަލްގެ މުއައްޒަފުންތަކަކާއި، ބަލި މީހުންތަކެއް ވަނީ ބައްޔަށް ޕޮސިޓިވްވެފައެވެ.

އޭގެ އިތުރުން މިދިޔަ މަހުގެ 9 ވަނަ ދުވަހު ވަނީ ހުޅުމާލޭގައި ހުންނަ ޓްރީޓޮޕް ހޮސްޕިޓަލުން ދެ ނަރުހެއް ކޮވިޑަށް ޕޮޒިޓިވް ވެފައެވެ. ޕޮޒިޓިވްވި ކޭސްއަކާއި ގުޅިގެން ކޮންޓެކްޓް ޓްރޭސިންގެ ތެރެއިން 9 ސްޓާފެއް އެކަހެރި ކޮށްފައިވާ ކަމަށާއި ޕޮޒިޓިވްވި ސްޓާފްގެ ކޮންޓެކްޓުންގެ ތެރޭގައި އެއްވެސް ބަލި މީހަކު ނުހިމެނޭ ކަމަށް އެޗްއީއޯސީން ވަނީ ބުނެފައެވެ.

މީގެ އިތުރުން ބީއެމްއެލްގެ ދެ ސްޓާފުންނާއި ދަރުމަވަންތަ ސްކޫލަގެ މުވައްޒަފަކާއި އެފްއޭއެމް ގެ މުވައްޒަފަކާއި ރައްޔިތުން މަޖިލީހުގެ ޑްރައިވަރަކާއި ހުޅުމާލެގައި ހުރި ޖިމްއަކާ ގުލޫންހުރި 8 ކޭސެއް ފެނިފައިވާ ކަަމަށް އެޗްއީއޯސީން ވަނީ ބުނެފައެވެ.