ރައްޔިތުންގެ މަޖިލީހުގެ ވަކި މެންބަރުންތަކަކަށް އަމާޒުކޮށް އެ މެންބަރުންގެ ގެ ނުވަތަ ދިރިއުޅުއްވާ ތަންތަން ރެއިޑް ކުރަން ފުލުހުން އުޅޭ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވި ވާހަކަ ކޮމިޝަނަރު އޮފް ޕޮލިސް މުހައްމަދު ހަމީދު (ސީޕީ) ދޮގުކުރައްވައިފިއެވެ.

ރޭ ރާއްޖެޓީވީގައި ވާހަކަ ދައްކަވަމުން ސީޕީ ވިދާޅުވީ އެފަދަ ވާހަކަފުޅެއް ރައީސް ނަޝީދު ވިދާޅުވުމުން ފޯނުން ގުޅުއްވާ މަޝްވަރާ ކުރެއްވި ކަމަށާއި ފުލުހުންގެ ތެރެއިން އެއްވެސް ބަޔަކު މަޖިލީހުގެ އެއްވެސް މެންބަރަކަށް ފާރަލުމުގެ ހަރަކާތެއް ހިންގާފައި ނުވާ ކަމަށެވެ.

އަދި އެފަދަ ކަމެއް ކުރިއަށް އޮތް ތަނުގައިވެސް ނުހިނގާނެކަމަށާއި ރައީސް ނަޝީދު އެހެން ވިދާޅުވި ދުވަސްވަރާއި އޭގެ ފަހުންވެސް އެފަދަ އެއްވެސް ކަމެއް ހިނގާފައި ނެތް ކަމަށް ސީޕީ ވިދާލުވިއެވެ.

ފުލުހުންނެއް އަޅުގަނޑަށް އެނގިގެނެއް ރައްޔިތުންގެ މަޖިލީހުގެ އެއްވެސް މެންބަރަކަށް ފާރަލުމުގެ ހަރަކާތެއް ހިންގާފައެއް ނުވޭ
ސީޕީ

މިމަހުގެ އެއްވަނަ ދުވަހު މަޖިލީހުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ ފުލުހުންގެ ހިދުމަތުގެ އާ ބިލެއްގެ މަސައްކަތް މަޖިލީހުގެ މެންބަރުން ކުރައްވަމުން ގެންދަވާ ދަނޑިވަޅުގައި ބައެއް މެންބަރުންނަށް އަމާޒުކޮށް ބައެއް ކަންކަން ކުރަން ފުލުހުންތަކެއް އުޅޭ ކަމުގެ މައުލޫމާތު ލިބިވަޑައިގެންފައިވާ ކަމަށެވެ.

ރައީސް ނަޝީދު ވިދާޅުވީ އެފަދަ ދަނޑިވަޅެއްގައި އެކަހަލަ ވާހަކަ ނުދެއްކުމަށްވެސް އެދިވަޑައިގަންނަވާ ކަމަށެވެ. އަދި މަޖިލީހުގެ މެންބަރުންގެ ގެއަށް ވިޔަސް، ސައިކަލަކަށް ވިޔަސް، އެހެން ރައްޔިތަކަށް ޝައުގުވެރިކަން ނުދޭ މިންވަރަށް، ފުލުހުންގެ އުސޫލުތަކާ ހިލާފަށް މެންބަރުން ހުއްޓުވައި ބަލައިފާސްކޮށް ގެތަކަށް ގޮސް ބަލައި ފާސް ކުރުމުގެ ކަންކަން ނުކުރަން ފުލުހުގެ ގާތުން އެދިވަޑައިގަންނަވާ ކަމަށްވެސް ރައީސް ނަޝީދު ވަނީ ވިދާޅުވެފައެވެ.

އަޅުގަނޑަށް ވަރަށް މައުލޫމާތު ލިބޭ އެބަ، ފުލުހުންގެ ތެރެއިން މަދު ކުދިންކޮޅެއް ރައްޔިތުންގެ މަޖިލީހުގެ ވަކިވަކި މެންބަރުންގެ އެކިއެކި ކަންކަން ރެއިޑް ކުރުމަށް، ބެލުމަށް، މަސައްކަތް ކުރަމުންދާ ކަމަށް
ރައީސް ނަޝީދު

ރައީސް ނަޝީދު އެފަދައިން ވިދާޅުވެފައި ވާއިރު، މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަސް ތެރޭގައިވެސް ރައީސް ނަޝީދަށް ރާއްޖޭގެ ސަލާމަތީ ބާރުރަކުން ފާރަލާ ކަމަށް ވިދާޅުވިއެވެ. ނަމަވެސް އެ ވާހަކަވެސް ސަލާމަތީ ބާރުތަކުން ވަނީ ދޮގު ކޮށްފައެވެ.

ރައީސް ނަޝީދާއި ރައްޔިތުންގެ މަޖިލީހުގެ ބައެއް މެންބަރުންނަށް ފާރަލާ، ރެއިޑް ކުރާ ވާހަކަ ނަޝީދު ވިދާޅުވި ސަބަބެއް ސާފު ނުވި ނަމަވެސް ބައެއް ފަރާތްތަކުން ބުނެފައި ވަނީ، އެވާހަކަ ވިދާޅުވީ ފުލުހުންގެ ގާނޫނަށް ގެންނަ އިސްލާހުގައި ރައްޔިތުންގެ މަޖިލީހަށް ފުލުހުންގެ ބޮޑެތި ބާރުތަކެއް ނެގުމަށް މަގުފަހިކުރެއްވުމަށް ކަމަށެވެ.

ފުލުހުންގެ ގާނޫނަށް އަލަށް ގެންނަ އިސްލާހުގައި، މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާ ބެހޭ، 241 ކޮމިޓީއަށް ލިބިދޭ ބާރުތަކުގެ ތެރޭގައި، ޕޮލިސް ކޮމިޝަނަރާއި ހޯމް މިނިސްޓަރު ޖަވާބުދާރީ ކުރުވުމުގެ އިތުރުން ފުލުހުންގެ ހިދުމަތަށް ގެންނަން ޖެހޭ އެކި ބަދަލުތައް ގެންނަން އެންގުމުގެ ބާރު ކޮމިޓީ އަށް އޮވެއެވެ. އަދި ފުލުހުން ހިންގަމުންދާ ނުވަތަ ހިންގާފައި ވާ ނުވަތަ ހިންގަން ގަސްދުކުރާ އެކި އެކި އޮޕަރޭޝަންތަކާއި ހަރަކާތްތަކާ ބެހޭ މައުލޫމާތު (އިންޓަލިޖެންސް އިންފޮމޭޝަން) ގެ ތެރެއިން ކޮމިޓީން ސާފުކުރަން ބޭނުންވާ މައުލޫމާތު އޮޅުންފިލުވޭނެއެވެ. ތަހުގީގަށް ބަންދުކުރާ މީހުންނާ މެދު އަމަލުކުރާ އުސޫލުތައް ދެނެގަތުމާއި އެ އުސޫލުތައް ބަދަލުކުރަން އެންގުމުގެ ބާރު ވެސް އެ ބިލް ގާނޫނަކަށް ވުމުން ކޮމިޓީ އަށް އޮންނާނެއެވެ.