ރާއްޖެއިން އިތުރު 31 މީހަކު ކޮވިޑުން ރަނގަޅުވެފައިވާ ކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފިއެވެ.

އެޗްޕީއޭއިން ބުނީ ވޭތުވެ ދިޔަ 24 ގަޑިއިރުގެ ތެރޭގައި ކޮވިޑުން ރަނގަޅުވި މީހުންގެ ޖުމްލަ 31 އަށް އަރާފައިވާއިރު ރާއްްޖެއިން ރަނގަޅުވި މީހުންގެ ޖުމްލަ އަދަދު 2328 އަށް އަރާފައިވާ ކަމަށެވެ.

ރާއްޖެއިން ކޮވިޑް ޖެހޭ މީހުންގެ އަދަދު މިހާރު ދައްވަމުންދާއިރު، މިއަދު ކޮވިޑަށް ޕޮޒިޓިވްވެފައި ވަނީ 17 މީހަކެވެ.

ރާއްޖެއިން ކޮވިޑް ޖެހުނު މީހުންގެ ޖުމްލަ އަދަދު 3120 އަށް އަރާފައިވާއިރު، އޭގެ ތެރޭގައި ދިވެހިންގެ އަދަދުވެސް ވަނީ 1366 އަށް އަރާފައެވެ. ބަންގްލަދޭޝްގެ ޖުމްލަ 1404 މީހަކު ޕޮޒިޓިވް ވެފައިވާއިރު، އިންޑިއާގެ 253 އަދި ލަންކާގެ ނުވަ މީހަކާއި ނޭޕާލްގެ 46 މީހަކު ވަނީ ޕޮޒިޓިވްވެފައެވެ. މީގެ އިތުރުން އެކު ގައުމުތަކުން ޖުމްލަ 51 މީހަކު ވަނީ ޕޮޒިޓިވް ވެފައެވެ.

މިހާތަނަށް އައި އިރު ރާއްޖެއިން މި ބަލި ޖެހިގެން 15 މީހަކު މަރުވެފައި ވާއިރު، އޭގެ ތެރޭގައި ހިމެނެނީ 10 ދިވެހިންނާއި 5 ބިދޭސީންނެވެ. 10 ދިވެހިންގެ ތެރޭގައި 5 ފިރިހެނުންނާއި 5 އަންހެނުން ހިމެނޭ އިރު ގިނައީ ދޮށީ އުމުރުގެ މީހުންނެވެ.

އެ ގޮތުން މަރުވި ދިވެހިންގެ ތެރޭގައި ހިމެނެނީ މިއަދު މަރުވި 42 އަހަރުގެ ދިވެހި ފިރެހެނަކާއި 83 އަހަރުގެ އަންހެނަކާއި 89 އަހަރުގެ އަންހެނަކާއި 70 އަހަރުގެ އަންހެނެއްގެ އިތުރުން 80 އަހަރުގެ ފިރިހެނަކާއި 88 އަހަރުގެ ފިރިހެނަކާއި 92 އަަހަރުގެ ފިރިހެނެއްގެ އިތުރުން 80 އަހަރުގެ ފިރިހެނަކާއި 70 އަހަރުގެ ދިވެހި އަންހެނަކާއި 79 އަހަރުގެ ދިވެހި އަންހެނެކެވެ.

މަރުވި ބިދޭސީ މީހުންގެ ތެރޭގައި ހިމެނެނީ 43 އަހަރުގެ ފިލިޕީންސް އަށް ނިސްބަތްވާ ފިރިހެނަކާއި 33 އަހަރުގެ ބަންގްލަދޭޝް ފިރިހެނަކާއި 45 އަހަރުން ބަންގްލަދޭޝް ފިރިހެނެއްގެ އިތުރުން 54 އަހަރުގެ ބަންގްލަދޭޝް ފިރިހެނަކާއި 38 އަހަރުގެ ބަންގްލަދޭޝް ފިރިހެނެކެވެ.