ރާއްޖޭގެ މިނިވަންކަމާއި އިސްތިގުލާލަށް ބުރޫއަރާނެ އަދި ގައުމީ ސަލާމަތަށް ނުރައްކާވާނެފަދަ އެއްވެސް އެއްބަސްވުމެއް އެއްވެސް ގައުމަކާއެކު މިިދިޔަ ސަރުކާރުން ހަދާފައިނުވާނެ ކަމަށް އިދިކޮޅު ކޯލިޝަނުން ބުނެފިއެވެ.
އިދިކޮޅު ކޯލިޝަނުން މިރޭ ނެރުނު ބަޔާނެއްގައި ބުނީ ގައުމީ ދިފާއީ ބާރުގެ ހުނަރާއި ގާބިލްކަން އިތުރު ކުރުމަށްވެސް އަދި ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށްވިޔަސް ނުވަތަ ރާއްޖޭގެ ފަސްގަަނޑުގައި އެހެން ގައުމެއްގެ އަސްކަރީ ބަޔކު ގާއިމްވެފައި ތިބުމަކީވެސް އެއްވެސް އިރެއްގައި އެ ކޯލިޝަނުން ތާއީދުކުރި ކަމެއް ނޫން ކަމަށެވެ.
އަދި އެފަދަ ކަމަކަށް މަގުފަހިވާ ގޮތަށް މުއާމާލަތްކޮށް އެއްބަސްވުންތައް ހެދުމަކީވެސް އެ ކޯލިޝަނުން ކުރާނެ ކަމެއް ނޫން ކަމަށާއި ރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ހާރިޖީ އަދި އަސްކަރަީ ދާއިރާއިންވެސް އެކުވެރި ގައުމުތަކާ ގުޅުން ބަދަހިކޮށް ދެމެހެއްޓުމަކީ އެ ކޯލިޝަނުން އަބަދުވެސް މަރުހަބާ ކިޔާނެ ކަމެއް ކަމަށް ފާހަގަ ކޮށްފައި ވެއެވެ.
އަދި ދިވެހިންގެ ގައުމިއްްޔަތު ދިފާއުކޮށް، ރާއްޖޭގެ މިނިވަންކަން ކަށަވަރުކުރުމުގައި ޕްރޮގްރެސިވް ކޯލިޝަން އަބަދުވެސް ދެމި ތިބޭނެ ކަމުގެ ޔަގީންކަން ދޭ ކަމަށާއި ގައުމުގެ ސިޔާދަތާއި އިގްތިސާދީ މިނިވަން ކަމަށް ހުރަސް އެޅޭނެ އެއްވެސް ކަމެއް ނުކުރުމަށް ސަރުކާރަށް އެ ކޯލިޝަނުން ވަނީ ގޮވާލާފައެވެ.
ގައުމުގެ މިނިވަންކަމާއި އިސްތިގުލާލަށް ހުރަސް ނޭޅޭ ކަންކަމުގައި ރާއްޖޭއާއި އެކުވެރި ގައުމުތަކާއެކު ގައުމުގެ ތަރައްގީއަށްއަށް އެހީތެރިކަން ހޯދުމާއި ވަސީލަތްތައް ހޯދުމާއި ވަސީލަތްތައް ގާއިމްކުރުމަކީ މުހިންމު ކަމެއް ކަމަށާއި ކުރީގެ ސަރުކާރުން އަބަދުވެސް މަސައްކަތް ކޮށްފައިވާނެ ކަމަށް އެ ކޯލިޝަނުން ބުނެއެވެ.
އެ ކޯލިޝަނުން ބަޔާނެއް ނެރެފައި ވާއިރު، އިންޑިއާގެ މަތިންދާ ބޯޓެއް ދިވެހިރާއްޖޭގައި ބޭއްވުމަށް ދިވެހިރާއްޖެއާއި އިންޑިއާ އާ ދެމެދު ކުރީ ސަރުކާރުން ސޮއިކޮށްފައިވާ ކަމަށް މި ސަރުކާރުގެ ބައެއް އިސްވެރިން ވަނީ ވިދާޅުވެފައެވެ.