ކުރީގެ ނައިބް ރައީސް އަހުމަދު އަދީބު މާފުށީ ޖަލަށް ގެންދަން ތައްޔާރު ވެއްޖެއެވެ.

"ދަ ޕްރެސް" އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި އަދީބު ގެންދަން ހަމަޖެހިފައި ވަނީ މާފުށީ ޖަލަށެވެ. އަދި މާފުށީ ޖަލަށް ގެންދިއުމަށް އެމަޖެންސީ ސަޕޯޓް ގްރޫޕެއް ވަނީ މާފުށީ ޖަލުން ފުރާފައެވެ.

އަދީބު މާފުށީ ޖަލަށް ގެންދަން ތައްޔާރު ވެފައި ވަނީ ދައުލަތުން އިސްތިއުނާފް ކޮށްފައިވާ އަދީބުގެ މައްސަލަ ވަކި ގޮތަކަށް ނިމެންދެން ރިމާންޑް ޖަލެއްގައި އަދީބު ބަންދު ކުރަން ހައިކޯޓުން އަމުރު ކުރުމާ ގުޅިގެންނެވެ.

"ދަ ޕްރެސް" އަށް މައުލޫމާތު ދެއްވަމުން ކަރެކްޝަންސްގެ މީޑިއާ އޮފިސާ އާމިނަތު ޔުސްރީން އަހުމަދު ވިދާޅުވީ، އަދީބާ ހަވާހުލުވުމުގެ މަސައްކަތްތައް ކުރިއަށް ގެންދާ ކަަމަށާއި އަދި ގެންދިއުމަށް ހަމަޖެހިފައި ވަނީ ކޮން ޖަލަކަށް ކަމެއް ކަނޑައެޅިފައި ނުވާ ކަމަށެވެ.

ގައިދީއަކު ޖަލަށް ގެންދާނަމަ ގާނޫނީ ގޮތުން ފުރިހަމަ ކުރަން ޖެހޭ މެޑިކަލް އެސެސްމންޓް ތަށް އަދި އެހެން އިޖުރާއަތްތަށް ފުރިހަމަކޮށް ނިންމުމަށް ފަހު ނޫނީ ނުގެންދާނެއެވެ.

ރާއްޖޭގެ ފަހުގެ ތާރީހުގައި ހިންގި އެންމެ ބޮޑު ހިޔާނާތް، މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ)ގެ ހިޔާނާތާ ގުޅިގެން އަދީބަށް ކުރި 7 ދައުވާއެއް ކްރިމިނަލް ކޯޓުން ބޭރު ކޮށްލުމުން ޕީޖީން އެ މައްސަލަ ހައިކޯޓުގައި ވަނީ އިސްތިއުނާފު ކޮށްފައެވެ.

އަދީބުގެ މައްސަލަތައް ކުރިމިނަލް ކޯޓުން ބޭރު ކޮށްލުމާއެކު ޕީޖީން ވަނީ އަދީބު ފުރުން މަނާކުރާ އަމުރެއް ހޯދަން ކްރިމިނަލް ކޯޓަށް ގޮސްފައެވެ. އެއާއެކު އެ ކޯޓުން ވަނީ އޭނާ ފުރުން މަނާކޮށް އަމުރެއް ނެރެފައެވެ. އެ އަމުރުގެ ދަށުން އަދީބުގެ ޕާސްޕޯޓު ވަނީ ހިފަހައްޓާފައެވެ.

މިއަދުގެ ހައިކޯޓުގައި އޮތް އަޑުއެހުމުގައި ޕީޖީގެ ފަރާތުން ވާހަކަ ދައްކަވަމުން ޕަބްލިކް ޕްރޮސެކިޓާ އަހުމަދު ނައުފަލް ވިދާޅުވީ ޝަރީއަތް ނިމެންދެން އަދީބު ބަންދުގައި ބެހެއްޓުމުގެ އަމުރަކަށް ދައުލަތުގެ ފަރާތުން އެދެނީ މީގެ ކުރިން އޭނާ ފިއްލަވައިގެން ވަޑައިގެންފައި ވާތީ، އެ ފުރުސަތު އަދިވެސް އޮތް ކަމަށް ދެކޭތީ އެވެ.

މީގެ ކުރިން އަދީބު ވަނީ ފިލައިގެން ޓަގު ބޯޓެއްގައި އިންޑިއާއަށް ގޮސްފައެވެ. ނަމަވެސް އޭނާ އިންޑިއާއަށް އެރިއަ ނުދީ ކަނޑުމަތިން ހިފަހައްޓާ ޓުޓިކޮރިން ބަނދަރަށް ވެއްދުމަށް ފަހު، އިންޑިއާގެ ކޯސްޓްގާޑުގެ ބެލުމުގެ ދަށުން ރާއްޖޭގެ ކަނޑުގެ ސަރަހައްދަށް ގެނެސް، ރާއްޖޭގެ ސިފައިންގެ ބެލުމުގެ ދަށުން ރާއްޖެ ގެނައެވެ. އަދި އޭނާއަށް ގާނޫނު ހިންގުމަށް ހުރަސް އެޅި ކަމުގެ ދައުވާ އުފުލިއެވެ. އެ މައްސަލާގައި އޭނާ 3 މަހާއި 18 ދުވަހަށް ޖަލަށްވެސް ލިއެވެ.