އެމްއެމްޕީއާރްސީ މައްސަލައިގައި 37 ރަށް ދީފައި ވަނީ ގާނޫނީ އިމުގެ ބޭރުން ކަމަށް އެސެޓް ރިކަވަރީ ކޮމިޝަނުގެ ރައީސް އަހުމަދު އައްސަދު ވިދާޅުވެއްޖެއެވެ.

މިއަދު އެ ކޮމިޝަނުން ބޭއްވި ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އައްސަދު ވިދާޅުވީ ކޮރަޕްޝަންގެ ތެރެއިން ދޫކުރި ފަޅުތަކާއި ރަށްތައް ދީފައިވަނީ ޓޫރިޒަމްގެ ގާނޫނުގައިވާ އިސްތިސްނާ ހާލަތެއްގެ ބޭނުން ނަހަމަ ގޮތުގައި ހިފައިގެން ކަމަށާއި ދައުލަތުން ހިއްސާވެގެން އަމިއްލަ ފަރާތްތަކާއެކު ރަށްތަކާއި ފަޅުތައް ތަރައްގީކުރެވޭ މޮޑެލްގެ ބޭނުން ނަހަމަ ގޮތުގައި ހިފައިގެން ކަމަށެވެ.

އެގޮތުން 37 ރަށާއި 12 ފަޅު އެކި ފަރާތްތަކަށް ދޫކޮށްފައި ވަނީ ގާނޫނާ ހިލާފަށް ކަމަށާއި އެ މައްސަލައިގައި ހިމެނޭ 49 ރަށް ވަކިވަކިން ފެންނަން ހުރި ލިޔެކިޔުންތަކާއި އޭސީސީން ހޯދާފައި ހުރި ލިޔުންތައް ބެލުމުން މިކަމުގައި ގާނޫނީ ސައްހަކަމާ މެދު ސުވާލު އުފެދޭ ކަމަށް އޭނާ ވިދާޅޫވިއެވެ.

އަދި އެކަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށްވެސް ދަންނަވާފައިވާ ކަމަށް އައްސަދު ވިދާޅުވިއެވެ.

"އަޅުގަނޑުމެންނަށް ފާހަގަކުރެވުނީ މި 37 ރަށާއި 12 ފަަޅު ދީފައިވަނީ ގާނޫނީ އިމުގެ ތެރެއިން ނޫނޭ. އަޅުގަނޑުމެންނަށް އެންމެ ބޮޑުވި އެއް މައްސަލައަކީ މިއީ" އަސްއަދު

ބޮޑު ހިޔާނާތުގެ ތެރެއިން ނުއަގުގައި ރަށްތަކާއި ފަޅުތައް ވިއްކުމުގެ ސަބަބުން، ދައުލަތަށް ލިބުނު ގެއްލުމުގެ އަގު ގާތްގަނޑަކަށް ހަތަރު ބިލިއަން ރުފިޔާއަށް އަރާނެކަމަށް އެސެޓްސް ރިކަވަރީ ކޮމިޝަނުން ބުނެފައި ވާއިރު، ފަޅުތައް ނުހިމަނައި، ރަށްތަކުގެ އަގުތަކަށް ބަލާއިރު 3.4 ބިލިއަން ރުފިޔާ ލިބެންޖެހޭ ކަމަށް އެ ކޮމިޝަނުން މިއަދު ވަނީ ބުނެފައެވެ.

އެމްއެމްޕީއާރުސީ މެދުވެރިކޮށް ހިންގި ހިޔާނާތުގެ ތެރެއިން އެ ރަށްތަކާއި ފަޅުތައް ދޫކޮށްގެން 77 މިލިއަން ޑޮލަރު ދައުލަތަށް ގެއްލުން ވެފައި ވާކަމަށް އޮޑިޓާ ޖެނެރަލް އޮފީހުގެ އިތުރުން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިންވެސް މީގެ ކުރިން ވަނީ ބުނެފައެވެ.