ހަލުވިކަމާއެކު ފެތުރެމުންދާ ކޮވިޑް-19އަށް ރާއްޖެއިން މިއަދު ޖުމްލަ 59 މީހަކު ޕޮޒިޓިވް ވެފައިވާ ކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފިއެވެ.

އެޗްޕީއޭން ބުނީ މިއަދު ޕޮޒިޓިވް ވެފައި ވަނީ 44 ދިވެއްސަކާއި ބަންގްލަދޭޝްގެ 14 މީހަކާއި އިތުރުން އިންޑިއާ މީހެއް ކަމަށެވެ.

މިއަދު 59 މީހަކު ޕޮޒިޓިވް ވެފައި ވާއިރު، ދުވަހެއް ދުވަހަކަށް ރާއްޖޭގައި ޕޮޒިޓިވްވާ މީހުންގެ އަދަދު ދަނީ އިތުރު ވަމުންނެވެ.

އެގޮތުން ބަލި ޖެހިފައިވާ މީހުންގެ ޖުމްލަ އަދަދު 3103 އަށް ވަނީ އަރާފައެވެ. ވޭތުވެދިޔަ 24 ގަޑިއިރު ތެރޭ ބަލިން ރަނގަޅުވެފައިވާ އެއްވެސް މީހަކު ނުވެއެވެ. މިހާތަނަށް ރާއްޖެއިން ބަލިން ރަނގަޅު ވެފައިވާ މީހުންގެ އަދަދު ވަނީ 2397 އަށް އަރާފައެވެ.

މިހާތަނަށް އައި އިރު ރާއްޖެއިން މި ބަލި ޖެހިގެން 15 މީހަކު މަރުވެފައި ވާއިރު، އޭގެ ތެރޭގައި ހިމެނެނީ 10 ދިވެހިންނާއި 5 ބިދޭސީންނެވެ. 10 ދިވެހިންގެ ތެރޭގައި 5 ފިރިހެނުންނާއި 5 އަންހެނުން ހިމެނޭ އިރު ގިނައީ ދޮށީ އުމުރުގެ މީހުންނެވެ.

އެ ގޮތުން މަރުވި ދިވެހިންގެ ތެރޭގައި ހިމެނެނީ މިއަދު މަރުވި 42 އަހަރުގެ ދިވެހި ފިރެހެނަކާއި 83 އަހަރުގެ އަންހެނަކާއި 89 އަހަރުގެ އަންހެނަކާއި 70 އަހަރުގެ އަންހެނެއްގެ އިތުރުން 80 އަހަރުގެ ފިރިހެނަކާއި 88 އަހަރުގެ ފިރިހެނަކާއި 92 އަަހަރުގެ ފިރިހެނެއްގެ އިތުރުން 80 އަހަރުގެ ފިރިހެނަކާއި 70 އަހަރުގެ ދިވެހި އަންހެނަކާއި 79 އަހަރުގެ ދިވެހި އަންހެނެކެވެ.

މަރުވި ބިދޭސީ މީހުންގެ ތެރޭގައި ހިމެނެނީ 43 އަހަރުގެ ފިލިޕީންސް އަށް ނިސްބަތްވާ ފިރިހެނަކާއި 33 އަހަރުގެ ބަންގްލަދޭޝް ފިރިހެނަކާއި 45 އަހަރުން ބަންގްލަދޭޝް ފިރިހެނެއްގެ އިތުރުން 54 އަހަރުގެ ބަންގްލަދޭޝް ފިރިހެނަކާއި 38 އަހަރުގެ ބަންގްލަދޭޝް ފިރިހެނެކެވެ.