ފިޝަރީޒް މިނިސްޓްރީގެ ޑިރެކްޓާ ކޮމިއުނިކޭޝަންގެ މަގާމުގައި ހުންނެވި އަހުމަދު ފަޒީލްގެ މައްސަލަ ބަލާދިނުމަށް އޭނާ ނިސްބަތްވާ މޯލްޑިވްސް ރިފޯމް މޫވްމެންޓް (އެމްއާރްއެމް) އިން ފުލުހުންނަށް ހުށަހަޅައިފިއެވެ.

އެމްއާރްއެމް އިން ބުނީ ފަޒީލްގެ މައްޗަށް ކުރެވިފައިވާ ޖިންސީ ފުރައްސާރައިގެ މައްސަލައާ ގުޅިގެން ޖެންޑާ މިނިސްޓްރު އައިޝަތު މުހައްމަދު ދީދީ އާއި ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދަށް ސިޓީއެއް ފޮނުވާފައިވާ ކަމަށާއި އެ މައްސަލަ ބަލާ ދިނުމަށް އެދިފައިވާނެ ކަމަށެވެ.

އިއްޔެ އެމްއާރް އެމުން ވަނީ އޭނާ ސަސްޕެންޑްކުރުމަށް އެދި ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ އަރިހުގައި ދަންނަވާފައެވެ. އެމްއާރްއެމުން ބުނެފައި ވަނީ ފަޒީލްގެ މައްޗަށް ޖިންސީ ފުރައްސާރަ ކުރި ކަމަށް ތުހުމަތު ކުރެވޭ މައްސަލަ ބަލައި ނިމެންދެން އޭނާ މަސައްކަތުން އެކަހެރި ކޮށްދިނުމަށް އެދޭ ކަމަށެވެ. އަދި މިހާރު އޭނާ ވަނީ އެ މަގާމުން ސަސްޕެންޑް ކޮށްފައެވެ.

ފަޒީލްގެ ފަރާތުން ޖިންސީ ފުރައްސާރަ ލިބުނު އަންހެނުން އަންނަނީ ސޯޝަލް މީޑިއާގައި އެކަން ހިއްސާކުރަމުންނެވެ. އެގޮތުން ފަޒީލަށް ރޭޕްގެ ތުހުމަތާއި 18 އަހަރު ނުފުރޭ ކުދިންނަށް ބަދުއަހުލާގީ ފޮޓޯ އާއި ވީޑިއޯ ފޮނުވުން ފަދަ ބޮޑެތި ތުހުމަތުތައް އޭނާގެ މައްޗަށް އަންނަނީ ކުރެވެމުންނެވެ.

މި ދުވަސްވަރަކީ ސަރުކާރުގެ އެކި މަގާމުތަކުގައި ތިބޭ ފަރާތްތައްް ތުހުމަތުކޮށް ޖިންސީ ފުރައްސާރައާއި ޖިންސީ ގޯނާ ކުރި ކަމުގެ މައްސަލަތައް ތިލަވަމުން އަންނަ ދުވަސްވަރެކެވެ. އެ ގޮތުން ޓޫރިޒަމް މިނިސްޓްރީގެ މުވައްޒަފުން ތަކަކަށް ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ޖިންސީ ގޯނާ ކުރައްވައިފައި ވާ ކަމުގެ ޝަކުވާ ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ހުށަހެޅުމުން، އޭނާ މަގާމުން ވަނީ ވަކިކޮށްފައެވެ.‏

އަލީ ވަހީދު މަގާމުން ވަކިކުރީ ރައީސް ސޯލިހް އެންގެވީ، މަސައްކަތުގެ މާހައުލުގައި ހިނގައިގެން ނުވާނެފަދަ އަހުލާގީ މައްސަލަތަކެއް ހިނގާފައި ވާކަމުގެ ޝަކުވާ އެމިނިސްޓްރީގެ މުވައްޒަފުންތަކެއް ރައީސް ސޯލިހަށާއި، ޖެންޑާ މިނިސްޓްރީއަށް ހުށަހަޅާފައިވާ ވުމުން އޭނާ އިސްތިއުފާ ދެއްވަން ރައީސް އެދިވަޑައިގަތުމުން އޭނާ އިސްތިއުފާ ނުދެއްވުމުންނެވެ.

ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދުގެ މައްސަލައާ ގުޅިގެން އެ މިނިސްޓްރީގެ ސީނިޔާ ޕޮލިސީ ޑިރެކްޓަރުގެ މަގާމުގައި ހުންނެވި މުހައްމަދު ހައްސާން ފުއާދުވެސް ވަނީ މަގާމުން ވަކިކޮށްފައެވެ.