ދިޔަވަރު ބޮޑުވާ ގަޑިތަކުގައި ބައެއް ރަށްރަށަށް އުދައެރުން އެކަށީގެންވާ ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް އޮފީސް) އިން ބުނެފިއެވެ.

ބައެއް ރަށްރަށަށް އުދައެރުމުގެ ފުރުސަތު އޮތުމާ ގުޅިގެން މެޓް އޮފީހުން ވަނީ މިއަދު މެންދުރު ފަހު 14:00 އިން އިރުއޮއްސި 18:00 އަށް މުޅި ރާއްޖެއަށް ވައިޓް އެލާޓު ނެރެފައެވެ.

އޭގެ އިތުރުން މެޓް އޮފީހުން ވަނީ އުތުރާއި މެދުރާއްޖެތެރޭގެ އެކިހިސާބަށް ވިއްސާރަ ކުރާނެ ކަމަށާއި ގުގުރުން އެކަށީގެންވާ ކަމަށް ވެސް ބުނެފައެވެ. އެގޮތުން އުތުރުގެ ބައެއް ރަށްތަކަށް ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާކުރެވޭ ކަމަށާއި ދެކުނުގެ އެކިހިސާބަށް ކެރީގެ އަސަރު ފޯރާނެ އަދި ގުގުރުން އެކަށީގެންވާ ކަމަށް މެޓް އޮފީހުން ވަނީ ބުނެފައެވެ.

ވައިޖެހޭނީ އުތުރާއި މެދުރާއްޖެތެރޭގެ އަތޮޅުތަކަށް ހުޅަނގުއުތުރާއި އުތުރުން ގަޑިއަކު 13 މޭލާއި 23 މޭލާ ދެމެދުގެ ބާރުމިނުގައެވެ. އަދި ދެކުނުގެ އަތޮޅުތަކަށް އުތުރާއި އިރުއުތުރުން ގަޑިއަކު 07 މޭލާއި 17 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ޖޭހެނެ ކަމަށް މެޓް އޮފީހުން ވަނީ ބުނެފައެވެ.

ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 40 މޭލަށް ވައި ގަދަވުން އެކަށީގެންވާ ކަމަށް މެޓް އޮފީހުން ބުނެއެވެ.

މެޓް އޮފީހުން ބުނީ އުތުރާއި މެދުރާއްޖެތެރޭގެ ކަނޑުތައް ގަދަވާނެ ކަމަށާއި ދެކުނުގެ ކަނޑުތަށް އާދައިގެވަރަކަށް ގަދަވެފައި ކެރިގަނޑުގައި ގަދަ ވާނެ ކަމަށެވެ. އަދި ހުރިހައި ފަރާތްތަކުންވެސް ހާއްސަކޮށް ކަނޑު ދަތުރުކުރައްވާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް މެޓް އޮފީހުން ވަނީ އެދިފައެވެ.