ދިރާގުން ފޯރުކޮށްދޭ ޑިޖިޓަލް ހިދުމަތްތައް ފުޅާކޮށް ތަރައްގީކުރުމުގެ ގޮތުން ދިރާގު ޓީވީގެ ހިދުމަތާއެކު ދިރާގުގެ ހައިސްޕީޑް ފައިބާގެ ހިދުމަތް ލ. މާވަށުގައި ރަސްމީކޮށް އިފްތިތާހްކޮށްފިއެވެ.
ދިރާގުން ބުނީ، ދިރާގު ފައިބާ ބްރޯޑްބޭންޑްގައި ކަސްޓަމަރުންނަށް ތަފާތު އަގުތަކުގައި އަދި ޑޭޓާ އެލަވަންސްތައް ހިމެނޭ ގިނަ ޕެކޭޖްތަކެއް ހިމެނޭނެ ކަމަށެވެ. އަދި އެއީ ވީހާވެސް ގިނަ ކަސްޓަމަރުންގެ ބޭނުންތަކަށް ބަލައި، ވީހާވެސް ގިނަ ޕެކޭޖްތަކުން އިހްތިޔާރު ކުރުމުގެ ފުރުސަތު ހުޅުވާލުމަށާއި އެގޮތުން ރާއްޖޭގެ ގޭބިސީތަކަށް ފޯރުކޮށްދޭ އެންމެ ގިނަ ޑޭޓާ އެލަވަންސް ހިމެނޭ ޕެކޭޖްވެސް ދިރާގު ފައިބާ ބްރޯޑްބޭންޑް ހިދުމަތުން ފޯރުކޮށްދޭ ކަމަށެވެ. އެހެންކަމުން މިހާރު ލ. މާވަށުގެ ކަސްޓަމަރުންނަށް ވެސް ދިރާގު ފައިބާ ބްރޯޑްބޭންޑްގެ ހުރިހާ ޕްކޭޖެއް ތަޖުރިބާ ކޮށްލެވޭނެ ކަމަށް ދިރާގުން ބުނެއެވެ.
ދިރާގު ޓީވީ އަކީ ރާއްޖޭގައި އެންމެ ފުޅާދާއިރާއެއްގައި ފޯރުކޮށްދޭ އައިޕީޓީވީގެ ހިދުމަތެވެ. ދިރާގު ޓީވީއަށް ދާދިފަހުން ދިވެހިންގެ މެދުގައި އެންމެ މަގްބޫލު އެއް ނެޓްވޯކް ކަމަށްވާ "ސްޓާ" ނެޓްވޯކްގެ ޗެނަލްތައް ވެސް ވަނީ ތައާރަފުކޮށްފައެވެ. ދިރާގު ޓީވީގެ ހުރިހާ ޗެނަލަކާއި އޮން-ޑިމާންޑްގެ ކޮންޓެންޓްތައް އަގާއި ކޮލިޓީގެ އެއްވެސް ތަފާތެއްނެތި މިހާރު ލ. މާވަށުގެ ރައްޔިތުންނަށް ބަލާލެވޭނެ ކަމަށް ދިރާގުން ބުނެއެވެ.
ދިރާގު ސީނިއާ މެނޭޖާ ބްރޭންޑް އެންޑް މާކެޓިން ކޮމިއުނިކޭޝަންސް މުހައްމަދު މިރްޝާން ހަސަން ވިދާޅުވި ގޮތުގައި ދިރާގުގެ އަމާޒަކީ އަބަދުވެސް ކަސްޓަމަރުންނަށް އިތުބާރު ހިފޭ ރަނގަޅު ހިދުމަތެއް ފޯރުކޮށްދީ، ވީހާވެސް ގިނަ ރަށްތަކަށް ދިރާގު ހައިސްޕީޑް ފައިބާ އިންޓަނެޓް ފޯރުކޮށްދިނުން ކަމަށެވެ.
ފައިބާ ބްރޯޑްބޭންޑަކީ ބްރޯޑްބޭންޑް ހިދުމަތް ފޯރުކޮށްދިނުމަށް ބޭނުންކުރެވޭ އެންމެ ފަހުގެ ޓެކްނޮލޮޖީ ކަމަށާއި ދިރާގު ފައިބާ ބްރޯޑްބޭންޑް ހިދުމަތަކީ ރާއްޖޭގައި މިހާރު ފޯރުކޮށްދެމުންދާ އެންމެ ގިނަ އެލަވަންސް އަދި އެންމެ މަތީ ސްޕީޑްގެ ޕެކޭޖްތައް ހިމެނޭ ހިދުމަތް ކަމަށް ދިރާގުން ބުނެއެވެ.
މިހާރު ރާއްޖޭގެ ގޭބިސީގެ 75 ޕަސެންޓަށް ދިރާގު ފައިބާ ބްރޯޑްބޭންޑް ހިދުމަތް ވަނީ ފޯރުކޮށްދީފައިއެވެ. މީގެ ތެރޭގައި 60 ރަށް ހިމެނެއެވެ.
100 އަށް ވުރެ ގިނަ ޗެނަލް ހިމެނޭ ދިރާގު ޓީވީ އަކީ ރާއްޖޭގައި އެންމެ ފުޅާދާއިރާއެއްގައި ފޯރުކޮށްދޭ އަދި އެންމެ ފުރަތަމަ އައިޕީޓީވީގެ ހިދުމަތެވެ. ކޮންޓެންޓް، ކޮލިޓީ އަދި އަގުގައި އެއްވެސް ތަފާތު ކުރުމެއްނެތި ދިރާގުން ވަނީ ރާއްޖޭގެ 73 ޕަސެންޓް ގޭބިސީއަށް މިހާރު ދިރާގުޓީވީ ހިދުމަތް ފޯރުކޮށްދީފައެވެ. އޭގެ ތެރޭގައި 53 ރަށް ހިމެނޭ އިރު، ފިކްސްޑް ބްރޯޑްބޭންޑް ހިދުމަތް ނެތް ރަށްތަކަށްވެސް ޕްރައިވެޓް ނެޓްވޯކްތަކާ ގުޅިގެން ވަނީ ދިރާގު ޓީވީގެ ހިދުމަތް ފޯރުކޮށްދީފައިއެވެ.