ކޮވިޑްގެ ބަލިމަޑުކަމުން އަރައިގަނެވުމުން މިދާއިރާއިން ދެން އެންމެ ބޮޑު އިސްކަމެއް ދޭނީ ސިއްހީ ހިދުމަތް ރާއްޖޭގެ އެކި ކަންކޮޅުތަކަށް ފޯރުކޮށް ދިނުމަށްޓަކައި ޒަމާނީ މުއާމަލާތުގެ ޓެކްނޮލޮޖީ ނުވަތަ ޓެލެމެޑިސިންނާ އެކު އެ ދާއިރާއިން ދެވޭ ހިދުމަތްތައް އިތުރަށް ފުޅާކުރުމަށް ކަމަށް މިނިސްޓާ އޮފް ހެލްތް އަބްދުﷲ އަމީން ވިދާޅުވެއްޖެއެވެ.

އަމީން މިފަދައިން ވިދާޅުވީ، ގއ.ވިލިނގިލީ އަދި ލ.ގަމުގައި ގާއިމް ކޮށްފައިވާ ކޮވިޑް މެނޭޖްމަންޓް ފެސިލިޓީ ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުންނެވެ. މި ރަސްމިއްޔާތު ބާއްވާފައި ވަނީ އޮންލައިންކޮށެވެ.

މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އަމީން ވިދާޅުވީ، ކޮވިޑްގެ ވެކްސިނެއް ހޯދިއްޖެނަމަ އެންމެ އަވަހަށް އެވެކްސިނެއް ލިބޭ ގައުމުތަކުގެ ތެރޭގައި ރާއްޖެ ހިމެނުމަށް ކުރަންޖެހޭ އެންމެހާ މަސައްކަތްތައް ކުރަމުން ގެންދަވާ ކަމަށެވެ.

ކޮވިޑް-19 އިން އަރައިގަތުމަށް ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން، މާލެ ސަރަހައްދު ފިޔަވާ 5 ސަރަހައްދެއްގައި ކޮވިޑް މެނޭޖްމަންޓް ފެސިލިޓީތަކެއް ގައިމުކުރުމަށް ވަނީ ނިންމާފައެވެ. އެގޮތުން، ހއ، ހދ، ށ ގެ ޒޯނުގެ ކޮވިޑް މެނޭޖްމަންޓް ފެސިލިޓީ ށ. ފުނަދޫގައި ގާއިމްކޮށްފައިވާއިރު، ނ، ރ، ބ، ޅ ގެ ޒޯނުގެ ކޮވިޑް މެނޭޖްމަންޓް ފެސިލިޓީ ގާއިމްކޮށްފައި ވަނީ ބ. އޭދަފުށީގައެވެ. މި ދެ ފެސިލިޓީވެސް ވަނީ މިމަހު 16 ވަނަ ދުވަހު ހުޅުވާފައެވެ.

މ، ފ، ދ، ތ، ލ ގެ ޒޯނުގެ ކޮވިޑް މެނޭޖްމަންޓް ފެސިލިޓީ ލ.ގަމުގައި ގާއިމްކޮށްފައިވާއިރު، ގއ، ގދ ޒޯނުގެ ކޮވިޑް މެނޭޖްމަންޓް ފެސިލިޓީ ގާއިމްކޮށްފައި ވަނީ ގއ. ވިލިނގިލީގައެވެ. މި ދެ ފެސިލިޓީ ހުޅުވުމުގެ ގޮތުން ރޭ ވަނީ ރަސްމިއްޔާތެއް ބާއްވާ، އެ ދެ ފެސިލިޓީ ވެސް ހުޅުވާފައެވެ. މީގެ އިތުރުން، ޏ، ސ ޒޯނުގެ ކޮވިޑް މެނޭޖްމަންޓް ފެސިލިޓީ ގާއިމް ކޮށްފައިވަނީ އައްޑޫ ސިޓީ ހިތަދޫގައެވެ.

ހެލްތް މިނިސްޓްރީން ބުނީ، އަލަށް ގާއިމްކުރާ ކޮންމެ ފެސިލިޓީ އެއްގައިވެސް މަދުވެގެން 20 އެނދުގެ އައިސީޔޫ އަކާއި 30 އައިސޮލޭޝަން އެނދު ހުންނާނެ ކަމަށެވެ. އަދި ހއ. އިހަވަންދޫ އަދި ޏ. ފުވައްމުލަކުގައި 3 އެނދުގެ އައިސީޔޫ ހުންނާނެ ކަމަށް އެ މިނިސްޓްރީން ބުނާއިރު، އެ މިނިސްޓްރީން ބުނީ މިތަންތަން ގާއިމު ކުރެވިފައިވަނީ ކޮވިޑްގައި ހާލުބޮޑުވާ ބަލިމީހުންނަށް ބޭނުންވާ ވަސީލަތްތަކާއެކު ކަމަށެވެ.

އެ މިނިސްޓްރީން ބުނީ ކައިރި މުސްތަގްބަލުގައި ހުޅުވޭ ފެސިލީތަކުގައި ކޮވިޑަށް ޓެސްޓް ކުރެވޭ ނިޒާމް ގާއިމު ކުރެވިގެންދާނެ ކަމަށެވެ. އަދި ރޭ ހުޅުވި ކޮވިޑް މެނޭޖްމަންޓް ފެސިލިޓީތަކަކީ ދެކުނުގެ ރަށްތަކުގެ ރަށްޔިތުންނަށް، ކޮވިޑް އަށް ޓެސްޓް ކުރުމާއި، ފައްސިވާ މީހުންނަށް ފަރުވާ ދިނުމަށް ވެގެންދާ ވަރަށް ބޮޑު ފަސޭހައެއް ކަަމަށް ވެސް އެ މިނިސްޓްރީން ބުނެއެވެ.

މީގެ އިތުރުން މިކަމަށް ހާއްސަކޮށް ރޭ ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ޑިރެކްޓާ ޖެނެރަލް އޮފް ޕަބްލިކް ހެލްތް މައިމޫނާ އަބޫބަކުރު ވިދާޅުވީ، ބަލިޖެހޭމީހަކާއި ކޮންޓެކްޓްވާ ކޮންމެ ފަރާތަކީ އާއިލާއާއި މުޖުތަމައުއާއި އެކެހެރިވެ ތިބެ އެހެންމީހުން ބަލިން ރައްކާތެރިކުރުމަށް ބޮޑު ގުރުބާނީއެއް ވަމުންދާ ބައެއް ކަމަށެވެ. އަދި މި ގުރުބާނީ އެންމެން ބަލައިގަނެ އެފަރާތްތަކަށް ބޭނުންވާ އެހީތެރިކަމާއި، އަޅާލުން ދިނުމަކީ ވަރަށް ބޮޑު އެދުމެއް ކަމަށް މައިމޫނާ ވިދާޅުވިއެވެ.