ކޮވިޑް-19 އާ ގުޅިގެން މާލޭ ސަރަހައްދަށް އިއުލާން ކުރި ލޮކްޑައުންއާ ހިލާފުވި މީހުންނަށް ދައުވާ ނުކުރަން ޕްރޮސިކިއުޓާ ޖެނަރަލް (ޕީޖީ) އިން ނިންމައިފިއެވެ.
ޕީޖީން ބުނީ ލޮކްޑައުންއާ ހިލާފު ވެގެން ދައުވާކޮށް މިހާރު ކޯޓުތަކުގައި ހިންގަމުންދާ މައްސަލަތައް ވެސް އަނބުރާ ނަގައި ދެން ހުރި އެހެން މައްސަލަތަކުގައި ދައުވާ ނުކުރުމަށް ނިންމާފައިވާ ކަމަށާއި ލޮކްޑައުންއާ ގުޅިގެން ކުރި ޖޫރިމަނާތައް ދައުލަތަށް ހޯދަން ކުރަން ޖެހޭ ކަންކަން ކުރަން މުއައްސަސާތަކަށް އަންގާފައިވާ ކަމަށެވެ.
ލޮކްޑައުންއާ ހިލާފުވި މީހުންނަށް ދައުވާ ނުކުރަން ނިންމި މައިގަނޑު ސަބަބެއް ކަމަށް ބުނީ ލޮކްޑައުންއާ ހިލާފު ވެގެން ފިޔަވަޅު އަޅާނަމަ އެންމެންނަށް ވެސް ފިޔަވަޅު އަޅަން ޖެހޭނީ ހަމަހަމަކަމާއެކު ކަމަށް ވާތީ ކަމަށެވެ.
އަދި ބައެއް މީހުން ލޮކްޑައުންއާ ހިލާފުވެފައި ވަނީ މަޖުބޫރު ވެގެން ކަމަށް ގަބޫލު ކުރެވޭތީ މިކަމުގައި ޖިނާއީ ކުށުގެ ރިކޯޑެއް އުފަން ކުރުމަކީ މުޖުތަމައުގެ އާންމު މަސްލަހަތު އޮތް ކަމެއް ނޫން ކަމަށް ދެކޭތީ އެގޮތައް ނިންމީ ކަމަށް ޕީޖީން ބުނެއެވެ.
ލޮކްޑައުންއާ ހިލާފު ވެގެން ހައްޔަރުކުރި ބައެއް މީހުންގެ މައްޗަށް ދައުވާ ކޮށް ދިނުމަށް ފުލުހުން ޕީޖީއަށް ވަނީ ފޮނުވާފައެވެ. އޭގެ ތެރެއިން ބައެއް މީހުންގެ މައްޗަށް މީގެކުރިން ވަނީ ދައުވާވެސް އުފުލާފައެވެ.