ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) ހުސައިން ޝަމީމަށް އޮތް އިތުބާރު ގެއްލިފައިވާ ކަމަށާ އޭނާ މަގާމުން އިސްތިއުފާ ދެއްވަން ޖެހިވަޑައިގަންނަވާ ކަމަށް އިދިކޮޅު ކޯލިޝަނުން ބުނެފިއެވެ.

ރޭ އެ ކޯލިޝަނުން ޕީޕީއެމްގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ވިދާޅުވީ އެމްއެމްޕީއާރުސީގެ ހިޔާނާތުގެ މައްސަލާގައި ހިމެނޭ ބައެއް މީހުންގެ ގާނޫނީ ވަކީލުކަން ޝަމީމް ކުރައްވާފައި ވާ ކަމަށާ އަދި އޭނާއާ ގުޅުން ހުރި ސީރިއަސް މައްސަލަތަކެއް އަމިއްލަ ފަރާތަކުން ބާ ކައުންސިލަށް ހުށައަޅާފައި ވާ ކަމަށެވެ. އެ މައްސަލައާ ގުޅިގެން އިދިކޮޅުން ބުނީ ޕީޖީގެ އިންޓަގްރީޓީއާ މެދު ސުވާލު އުފެދި އިތުބާރު ގެއްލިއްޖެ ކަމަށެވެ.

އަބްދުއްރަހީމް ވަނީ، އެކި މައްސަލަތަކުގައި ވަކާލާތު ކޮށްދެއްވުމުން އަދީބު އާއި ޒިއަތުގެ ފަރާތުން ޝަމީމަށް ދީފައިވާ ފައިސާގެ އަދަދު ހާމަކުރުމަށްވެސް ގޮވާލާފައެވެ. އަދި ޕީޖީގެ މަގާމުން ޝަމީމް އިސްތިއުފާ ދެއްވަން ދެކޮޅު ހައްދަވާނަމަ އޭނާ މަގާމުން ދުރުކުރަން ޖެހޭ ކަމަށެވެ.

އެހެންވީމަ އަޅުގަނޑުމެން މި ދަންނަވަނީ ރައީސް ޔާމީނަށް ކުރާ ދައުވާއަކީ މަސްލަހަތު ފުށުއަރާ ޕީޖީއަކު ހުރެގެން، ވަކީލާ މުވައްކިލާ ދެމެދު އޮންނަންޖެހޭ ސިއްރު މައުލޫމާތު ނަހަމަގޮތުގައި ބޭނުންކޮށްގެން ކުރިއަށް ގެންގޮސްފައިވާ ދައުވާއެއްކަން ސާބިތުވޭ, ހުސައިން ޝަމީމަށް ދަންނަވާލަން ބޭނުންވަނީ މަނިކުފާނު އަވަހަށް އިސްތިއުފާ ދެއްވާށޭ. މަނިކުފާނު ތިޔަ މަގާމުގައި ހުންނަވާކަށް އެއް ގޮތަކަށްވެސް ތަސަައްރަފެއް ނުފެދޭ. މަނިކުފާނުގެ އިތުބާރެއް ދިވެހި ރައްޔިތުންނަކަށް ނެތޭ
އިދިކޮޅު

މީގެ އިތުރުން އޭނާ ވިދާޅުވީ އެމްއެމްޕީއާރުސީގެ މައްސަލަ މިހާރު ވުޖޫދުގައި ނެތް ކަމަށާ އެހެން ކަމުން ވަގުތުން ވަގުތަށް ރައީސް ޔާމީން މިނިވަން ކުރުމަށްވެސް އޭނާ ވަނީ ގޮވާލައްވާފައެވެ.

އެ ބައްދަލުވުމުގައި ޕީޖީ ޝަމީމަށް އޭނާ ފާޑުވިދާޅުވެފައި ވާއިރު، މިމަހުގެ ކުރީކޮޅު ޝަމީމާއެކު ބޭއްވި ބައްދަލުވުމަކަ ށްފަހު އިދިކޮޅުން ވަނީ އޭނާއަށް ވަރަށް ބޮޑަށް ތައުރީފު ކޮށްފައެވެ.