ރެސިޑެންޓް ވިސާއަށް ޝަރުތު ހަމަވާ އަދަދަކަށް ފަސް ލައްކަ ޑޮލަރު ހަމަޖައްސަން އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލް ހުށައަޅުއްވައިފިއެވެ.

މަޖިލީހުގެ ގައުމީ ސަލާމަތާއި ހާރިޖީ ގުޅުންތަކާ ބެހޭ ކޮމިޓީއަށް ހާޒިރުވެވަަޑައިގެން ވާހަކަ ދައްކަވަމުން މިއަދު ފައްޔާޒް ވިދާޅުވީ މާލޭގައި ކުއްޔަށް ތަންތަން ހިފައިގެން އުޅޭ މީހުންނަށް ރެޒިޑަންޓް ވިސާ ދިނުމުގެ ބޭނުމެއް ނެތް ކަމަށާއި ސަރުކާރުގެ ވިސްނުން ހުރީ ރިސޯޓުތަކުން ވިލާ ގަންނަ ފަރާތްތަކަށް "ސެކަންޑް ހޯމް" ޕްރޮގްރާމެއް ތައާރަފް ކޮށް އެއަށް ރެޒިޑެންޓް ވިސާއެއް ދިނުން ކަމަށެވެ.

އަދި އެއްލައްކަ ރުފިޔާ ހަރަދު ކުރާ މީހުންނަށް ވެސް ރެސިޑެންޓް ވިސާ ދިނުމަކީ މިވަގުތަށް މުހިއްމު ކަމެއް ނޫން ކަމަށާއި ބޭރުގެ ފަރާތްތަކަށް ދިވެހި ރައްޔިތުކަން ދިނުމުގެ އެއްވެސް ވިސްނުމެއް ނެތް ކަމަށް އޭނާ ވިދާޅުވިއެވެ.

ވަކި އަދަދަކަށް އިންވެސްޓު ކުރުމުން ރެޒިޑެންޓް ވިސާ ދިނުމާ ގުޅޭގޮތުން މިނިސްޓަރާ ކުރެވުނު ސުވާލަށް ޖަވާބު ދެއްވަމުން ވިދާޅުވީ އިންވެސްޓު ކުރާ އަދަދު ކުޑަކުރުމާއި ފިކްސްޑް ޑިޕޮސިޓަކަށް، ނުވަތަ އިންވެސްޓްމަންޓް، އެއް މިލިއަން ޑޮލަރުން ބައިމިލިއަން ޑޮލަރަށް ކުޑަކުރުމަކީ ރަނގަޅު ހިޔާލެއް ކަމަށެވެ. އެގޮތުން ވިސްނުންފުޅު ގެންގުޅުއްވަނީ ރެޒިޑެންޓް ވިސާއަށް ޝަރުތު ހަމަވާ އަދަދަކަށް ފަސް ލައްކަ ޑޮލަރު ހަމަޖައްސަން ކަމަށް ފައްޔާޒު ވިދާޅުވިއެވެ.

އަޅުގަނޑު ގަބޫލުކުރާ ގޮތުގައި އެ އަދަދުތައް ކުޑަކޮށްލުމަކީ ވަރަށް ރަނގަޅުކަމެއް، ޚާއްސަކޮށް އަޅުގަނޑުގެ ވިސްނުންވެސް ހުރީ ފަސް ލައްކައާއި ހިސާބަށް، ބައި މިލިއަނާއި ހިސާބަށް އެކަން ކުޑަކުރަން، ފަސް ލައްކަ ޑޮލަރުގައި ފިކްސްޑް ޑިޕޮސިޓް ބެހެއްޓީމަ ނުވަތަ ފަސް ލައްކަ ޑޮލަރުގެ އިންވެސްޓްމެންޓެއް ހެދީމަ ވެސް ރެޒިޑެންސް ވިޒާއެއް ދިނުމުގެ ފުރުސަތު.
އިކޮނޮމިކް މިނިސްޓަރ ފައްޔާޒް އިސްމާއިލް

އެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން މެންބަރުން ފާހަގަ ކުރައްވާފައި ވަނީ ކޮމިޓީން ބޭނުންވަނީ ރާއްޖެއަށް ވަންނަ އިންވެސްޓްމަންޓްތައް އިތުރު ކުރެވޭނެ މަގު ފަހިކޮށްދިނުން ކަމަށާއި ރާއްޖެއަށް ވަންނަ ބޭރު ފައިސާ އިތުރުމަކީ މުހިއްމު ކަމެއް ކަމަށެވެ.

ރާއްޖޭގައި އުޅޭ ބޭރު މީހުން، 10 އަހަރަށް ގެއެއް ކުއްޔަށް ހިފައިގެން އުޅޭ ނަމަ، ރެސިޑެންޓް ވިސާ ދޭން ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ހުށައަޅުއްވާފައިވާ ހަބަރު ފެތުރިގެން ދިޔައީ މިދިޔަ ހުކުރު ދުވަހެވެ.

އެކަމަށް އާންމުންގެ ގިނަ ބައެއްގެ ފާޑު ކިއުން އަމާޒުވެފައި ވާއިރު، ރައީސް ނަޝީދު ހުށަހެޅުއްވި އިސްލާހަކީ ގައުމުގެ މިނިވަންކަން ނަގާލަން ހުށަހަޅުއްވާފައިވާ އިސްލާހެއް ކަމަށާއި އެކަމަށް ރައްޔިތުން ހޭލާ ތިބުމަށް ރައްޔިތުން މަޖިލީހުގެ ބައެއް މެންބަރުންވެސް ވަނީ ގޮވާލައްވައިފައެވެ. ނަމަވެސް ފަހުން ރައީސް ނަޝީދު ވަނީ އެ އިސްލާހު ހުށަނާޅުއްވާ ކަމަށް ވިދާޅުވެ އެ ވާހަކަތައް ދޮގުކުރައްވާފައެވެ.