ދާދި ފަހުން، އަލުން އަނބުރާ މިސްކިތަކަށް ބަދަލުކޮށްފައިވާ ތާރީހީ ބިނާ ހާޔާ ސޯފިއާއަށް، ތުރުކިވިލާތުގެ ރައީސް ރަޖަބު ތޮއްޔިބު އުރުދުގާން ވަޑައިގެންފިއެވެ.
ހާޔާ ސޯފިއާއަށް އުރުދުގާން ކުރެއްވި ކުއްލި ޒިޔާރަތަކީ، އެ ބިނާ މިސްކިތަކަށް ބަދަލުކޮށް، ނަމާދު ކުރަން ފެށުމުގެ ކުރިން ކުރެއްވި ޒިޔާރަތެކެވެ.
ނަސޯރާ ދީނުގެ ފައްޅިއެއްގެ ގޮތުގައި އެންމެ ފުރަތަމަ ބިނާކުރި ހާޔާ ސޯފިއާގައި ހުރި ޣައިރު ދީނުގެ ރަމްޒުތަކަކީ ނަމާދު ވަގުތުތަކުގައި ފަރުދާ ދަމައިގެންނާ، އަލިތައް ނިއްވާލައިގެން ފޮރުވާލާނެ ރަމްޒުތަކެއް ކަމަށް ތުރުކީވިލާތުގެ ދީނީ ކަންކަމާ ބެހޭ އިދާރާއިން ޚަބަރު ދެއެވެ.
މުސްލިމުންގެ ގިބްލައަށް ވާ ގޮތަށް ހާޔާ ސޯފިއާގައި ނަސޯރާއިން ބޭނުންކުރި ބައެއް ތަސްވީރުތައް ހުރިއިރު، ފަރުދާ ބޭނުންކޮށްގެން މިމަންޒަރުތައް ފޮރުވާލާނެ ކަމަށް ރައީސްގެ ތަރުޖަމާނު އިބްރާހީމް ކޭލިން ވަނީ ވިދާޅުވެފައެވެ.
ތުރުކީވިލާތުގެ ކަމާބެހޭ ފަރާތްތަކުން ބުނީ، ނަމާދު ވަގުތުތައް ނޫން ވަގުތުތަކަކީ ޣައިރު މުސްލިމުންނަށްވެސް އެ މިސްކިތަށް ޒިޔާރަތް ކުރެވޭނެ ވަގުތެއް ކަމަށާ، ޣައިރު ދީންތަކުގެ ރަމްޒުތަކާ މަންޒަރުތައް އެވަގުތުތަކުގައި ފެންނަން ހުންނާނެ ކަމަށެވެ.
ދާރުލް އަސާރެއްގެ ގޮތުގައި މަޝްހޫރުވި ހާޔާ ސޯފިއާއަކީ މީގެ ފަހުން މިސްކިތެއްގެ ގޮތުގައި މުސްލިމުންނަށް ބޭނުން ކުރެވޭނެ ތަނެއް ކަމަށް ތުރުކީވިލާތުގެ ރައީސް ރަޖަބު ތޮއްޔިބު އުރުދުގާން އިއުލާން ކުރެއްވީ، އެ ބިނާއަށް ދީފައިވާ ދާރުލް އަސާރެއްގެ ދަރަޖަ ބާތިލު ކުރުމަށް ކޯޓުން ނިންމި ނިންމުމާ ގުޅިގެންނެވެ. މީގެ 1500 އަހަރު ކުރިން ނަސޯރާ ފައްޅިއެއްގެ ގޮތުގައި ބިނާ ކުރި ހާޔާ ސޯފިއާ، މިސްކިތަކަށް ބަދަލު ކުރީ 1453 ވަނަ އަހަރުއެވެ. އަށްފަހު 1934 ވަނަ އަހަރު ދާރުލް އާސާރަކަށް ބަދަލުކުރިއެވެ. އެއަށްފަހު، ހާޔާ ސޯފިއާއަކީ ޔުނެސްކޯއިން ލިސްޓުކުރާ ދުނިޔޭގެ ތަރިކައިގެ ލިސްޓުގައިވެސް ހިމެނުނު ބިނާއެކެވެ. ހާޔާ ސޯފިއާއަށް އަލުން އަނބުރާ މިސްކިތެއްގެ ދަރަޖަ ދީފައިވަނީ، ތުރުކީވިލާތަށް ލިބިދީފައިވާ އިސްތިގުލާލީ ބާރުގެ ތެރެއިން ކަމަށް އުރުދުގާން ވަނީ ވިދާޅުވެފައެވެ.
އުސްމާނީ ދައުލަތުގެ ރަން ދުވަސްވަރު، މުސްލިމުންގެ ތަނެއްގެ ގޮތުގައި ހާޔާ ސޯފިއާ އޮތެވެ. އެއަށްފަހު ތުރުކީވިލާތަކީ ސެކިއުލާ ގައުމަކަށް ހެދުމަށް ކުރި މަސައްކަތުގެ ތެރެއިން، 1934 ވަނަ އަހަރު ހާޔާ ސޯފިއާ ދާރުލް އާސާރަކަށް ބަދަލު ކުރެވުނެވެ. ހާޔާ ސޯފިއާއަކީ ތުރުކީވިލާތަށް ދަތުރު ކުރާ ގިނަ އަދަދެއްގެ ފަތުރުވެރިންގެ މެދުގައި މަގުބޫލު މަންޒިލެކެވެ. އަހަރަކު، ގާތްގަނޑަކަށް 3.7 މިލިއަން މީހުން ހާޔާ ސޯފިއާއަށް ޒިޔާރަތް ކުރެއެވެ.