ރައްޔިތުންގެ މަޖިލީހުގެ ކޮމެޓީއެއްގެ މުވައްޒަފަކު ކޮވިޑަށް ޕޮޒިޓިވްވެއްޖެއެވެ.

"ދަ ޕްރެސް" އަށް މައުލޫމާތު ދެއްވަމުން ރައްޔިތުން މަޖިލީހުގެ މީޑިއާ ޑިރެކްޓާ ހަސަން ޒިޔާއު ވިދާޅުވީ މަޖިލީހުން ޕޮޒިޓިވް ވެފައި ވަނީ އަންހެން މުވައްޒަފެއް ކަމަށާއި އެއީ މަޖިލީހުގެ ކޮމެޓީއެއްގައި މަސައްކަތް ކުރާ މުވަޒަފެއް ކަމަށެވެ.

އޭނާ ޕޮޒިޓިވްވީކަން އެނގުނީ މިއަދު ހެންދުނު 10:00 ހާއިރު ކަމަށާއި އެޗްޕީއޭއާ ގުޅިގެން ޕޮޒިޓިވްވި މުވައްޒަފަކު ކޮންޓެކްޓް ޓްރޭސިން ހެދުމުގެ މަސައްކަތް މިހާރު ކުރަމުންދާ ކަމަށް އޭނާ ވިދާޅުވިއެވެ. އަދި އެތަން ޑިސްއެންފެކްޓްކުރުމަށް މިހާރު މަސައްކަތް ކުރަމުންދާކަމަށްވެސް އޭނާ ވިދާޅުވިއެވެ.

މިއީ މަޖިލީހުން ކޮވިޑަށް ޕޮޒިޓިވްވި ތިންވަނަ މީހާއެވެ. ކުރިން ޕޮޒިޓިވްވި މީހާއާ ގުޅިގެން މަޖިލީހުގެ ޖަލްސާތައް މެދުކަނޑާލާ މަޖިލީސް ވަނީ ޑިސްއިންފެކްޓްކޮށްފައެވެ. ނަމަވެސް ފަހުން ވަނީ މަޖިޅިހުގައި ޖަލްސާތައް ބާއްވަން ފަށާފައެވެ.

ރާއްޖެއިން ބަލި ޖެހިފައިވާ މީހުންގެ ޖުމްލަ އަދަދު 2930 އަށް އަރާފައިވާ އިރު މި ބަލިން ރަނގަޅުވެފައިވާ މީހުންގެ އަދަދު ވަނީ 2340 އަށް އަރާފައެވެ.

މިވަގުތު ކަރަންޓީންގައި ތިބީ 21 މީހުން އަދި އައިސޮލޭޝަންގައި ތިބީ 433 މީހުން ކަމަށް އެޗްޕީއޭއިން ބުނެއެވެ. ކޮވިޑް ބަލީގައި މިހާތަނަށް ރާއްޖެއިން މަރުވީ 15 މީހުންނެވެ.