ލ. ގަމު ކޮވިޑް މެނޭޖްމަންޓް ފެސިލިޓީ ފަރުވާ ދެވޭވަރަށް ތައްޔާރު ވެއްޖެއެވެ.

ގަމު ރީޖަނަލް ހޮސްޕިޓަލުން ބުނީ ބަލި މީހުންނަށް ފަރުވާދެވޭ ވަރަށް ގަމު ކޮވިޑް މެނޭޖުމަންޓް ފެސިލިޓީ ތައްޔާރު ވެފައިވާ ކަމަށާއި 24 ގަޑިއިރު އެ ފެސިލިޓީން ހިދުމަތް ދިނުމަށް ނިންމާފައިވާ ކަމަށެވެ. ފެސިލިޓީގައި 20 އައިސީޔޫ އެނދާއި 23 އައިސޮލޭޝަން އެނދު ހުންނާނެއެވެ.

ގަމުގެ ފެސިލިޓީ ފަރުވާ ދޭން ތައްޔާރުވެފައި ވާއިރު، ށ. ފުނަދޫ އާއި ބ. އޭދަފުށީގައި ގާއިމްކޮށްފައިވާ ކޮވިޑް މެނޭޖްމަންޓް ފެސިލިޓީ ރަސްމީކޮށް ހުޅުވައިފައި ވަނީ މިމަހުގެ 16 ވަނަ ދުވަހެވެ.

ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ބަލި ދެނެގަތުމަށް ތަހްލީލްތައް ކުރުމަށްޓަކައި، ޖީން އެކްސްޕާޓް މެޝިން ބޭނުންކޮށްގެން ރާއްޖޭގެ ހަތް ރަށެއްގައި ކޮވިޑަށް ޓެސްޓްކުރުމުގެ އިންތިޒާމް ހަމަޖެހިގެން ގޮސްފައިވާކަން ސަރުކާރުން އިއުލާން ކޮށްފައި ވަނީ މިދިޔަ ޖޫން މަހުގެ 29 ވަނަ ދުވަހެވެ.

އެއީ ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް އަދި އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލްގެ އިތުރުން ށ އަތޮޅު ހޮސްޕިޓަލާއި ރ.އުނގޫފާރު ރީޖަނަލް ހޮސްފިޓަލާއި ބ އަތޮޅު ހޮސްޕިޓަލާއި ކުޑަ ދ.ހުވަދޫ ހޮސްޕިޓަލާއި ގއ އަތޮޅު ހޮސްޕިޓަލާއި ޑރ. އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލެވެ.

އެގޮތަށް ހަމަޖެހުމުން ބަލިމީހުންގެ ސާމްޕަލްތައް އެންމެ ކައިރީގައި ހުންނަ ޓެސްޓް ސެންޓަރއަކަށް ގެންދެވި، ނަތީޖާ ލިބުން އަވަސްވެގެންދާނެކަން މިނިސްޓްރީން ފާހަގަކުރެއެވެ.