ރާއްޖޭގައި އުޅޭ ބޭރު މީހުން، 10 އަހަރަށް ގެއެއް ކުއްޔަށް ހިފައިގެން އުޅޭ ނަމަ، ރެސިޑެންޓް ވިސާ ދޭން ރައީސް ނާޝީދު ހުށަހެޅުއްވި އިސްލާހަށް އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒެއިނާ އާދަމް ދެކޮޅު ހައްދަވައިފިއެވެ.

އެމްޑީޕީ މެންބަރު ރޮޒެއިނާ ވިދާޅުވީ އެއް ލައްކަ ރުފިޔާގެ އިންވެސްޓްމެންޓަކާއެކު ރެސިޑެންސް ވިސާ ދިނުމަށް އޭނާ ދެކޮޅު ކަމަށާއި ބޮޑު އިންވެސްޓްމެންޓެއް ގެނައުމުން ނޫނީ ރެސިޑެންސް ވިސާ ދެވިގެން ނުވާނެ ކަމަށެވެ. އަދި ގެއެއް ކުއްޔަށް ހިފާ އިރަށް ރެސިޑެންޓް އަކަށް ވާކަށް ނުޖެހޭ ކަމަށާއި އެއީ ގަބޫލު ކުރެއްވޭ ކަމެއް ނޫން ކަމަށް ރޮޒެއިނާ ވިދާޅުވިއެވެ.

ނަޝީދު އިސްލާހު ހުށަހެޅުއްވީ އިމިގްރޭޝަންގެ ގާނޫނަށް އިސްލާހު ގެންނަން ސަރުކާރުން މަޖިލީހަށް ހުށަހެޅި ބިލު ކޮމިޓީން ދިރާސާކޮށް ނިންމުމަށް ފަހު މަޖިލީހުގެ ތަޅުމަށް ފޮނުވުމުން އަނބުރާ ކޮމިޓީ އަށް ބިލު ފޮނުވާލުމަށް ފަހުއެވެ. އެގޮތުން ނަޝީދު ވަނީ ރިޔާސަތުން ހުށަހެޅި އެ އިސްލާހާއެކު އެ ބިލާ މެދު އަލުން ވިސްނުމަށް އެދިވަޑައިގެންފައެވެ.

ނަޝީދު ހުށަހެޅުއްވި އިސްލާހަކީ ގައުމުގެ މިނިވަންކަން ނަގާލަން ހުށަހަޅުއްވާފައިވާ އިސްލާހެއް ކަމަށާއި އެކަމަށް ރައްޔިތުން ހޭލާ ތިބުމަށް ރައްޔިތުން މަޖިލީހުގެ ބައެއް މެންބަރުން ވަނީ ގޮވާލައްވައިފައެވެ.

ހަމަ އެެހެންމެ އެ އިސްލާހަށް އާންމުންގެ ފާޑުކިޔުން އަމާޒުވެފައި ވާއިރު، ރާއްޖޭގައި ބިދޭސީންގެ މައްސަލަތައް ބޮޑުވެ، ހައްދުން ނެއްޓި، މައްސަލަތައް ހައްލުކުރުމުގައި މުއައްސަސާތައް ފޭލުވެފައި ވާކަމަށް ގިނަ ބަޔަކު ބުނަމުން ދާ މި ދަނޑިވަޅުގައި ރައްޔިތުންގެ މަޖިލީހުގައި މިހާރު އޮތް އިމިގްރޭޝަން ގާނޫނަށް ރައީސް ނަޝީދު ބޭނުންފުޅުވަނީ އެ އިސްލާހު ގެނެސް ބިދޭސީންނަށް ރެސިޑެންޓް ވިސާ ލިބޭނެ މަގު ފަހިކޮށްދޭށެވެ.

އެކަން އެގޮތަށް ކުރުމުގައި ދިރާސާއެއް ކޮށް، ހުރި މައްސަލަތަކާއި، ހައްލުތަކާއި ހަރަދުތަކާއި އެނޫންވެސް އިޖުތިމާއީ އެއްވެސް ކަމަކަމަށް ބިލު ދިރާސާ ކުރާ ކޮމިޓީއަކުން ބަލާފައި ނުވާ ކަން ފާހަގަ ކުރެވެއެވެ.