މިހާރު ރާއްޖޭގައި ހުރި ފްލޫ ކްލިނިކްތަކަށް ދައްކައިގެން ނަގާ ސާމްޕަލްތަކުން ކޮވިޑް ބަލިމަޑުކަން ފެންނަ މިންވަރު އިތުރުވެފައިވާ ކަމަށް އެޗްއީއޯސީން ބުނެފިއެވެ.

މިހާރު ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމުގައި އެޗްއީއޯސީގެ ފަރާތުން ވާހަކަ ދައްކަވަމުން އައިޖީއެމްއެޗް ޓެގް ޓީމްގައި ހިމެނޭ ޑރ. ޝަހީދު ވިދާޅުވީ، ނިމިދިޔަ ހަފްތާގެ ސްޓެސްޓިކްސް އެނަލައިޒް ކޮށްފައި އޭގެ ކުރީގެ ހަފްތާގެ ސްޓެޓިސްޓިކްސްއާ އަޅާ ކިޔާއިރު މި ދިޔަ ހަފްތާގައި ފްލޫ ކްލިނިކްތަކުން ނަގާ ސާމްޕަލްތަކުން ޕޮޒިޓިވްސް ފެންނަ އަދަދު މައްޗަށް ގޮސްފައި ކަމަށެވެ.

ނިމިދިޔަ ހަފްތާގެ ސްޓެޓިސްޓިކްސްއަށް ބަލާއިރު، އާންމުކޮށް ފްލޫގެ ނިޝާންތަކާއެކުގައި ފްލޫ ކްލިނިކަށް ދައްކައިގެން ޓެސްޓު ކުރާ ސާމްޕަލްތަކުގެ ތެރެއިން އާންމުކޮށް ޕޮޒިޓިވްވާ ރޭޓް އާންމުކޮށް ކުރީ ހަފްތާތަކުގެ އެވްރެޖް ރޭޓް އުޅޭނީ 5 ޕަސެންޓްގައި ކަމަށް ޑރ. ޝަހީދު ވިދާޅުވިއެވެ. ނަމަވެސް ނިގެން ދިޔަ ހަފްތާގައި އެ އަދަދު ވަނީ 9 ޕަސެންޓަށް މައްޗަށް ގޮސްފައި ކަމަށް އޭނާ ވިދާޅުވިއެވެ. ހަމައެއާއެކު ނިމިދިޔަ ހަފްތާގައި ފްލޫގެ ނިޝާންތަކާއެކު ފްލޫ ކްލިނިކްތަކަށް ދައްކަން ދިޔަ މީހުން ވަނީ ދުވަހަކުން ދުވަހެއް އިތުރުވެފައި ކަަމަށް ޑރ. ޝަހީދު ވިދާޅުވިއެވެ.

އެޗްޕީއޭއިން ދާދި ދެންމެ އާންމު ކުރި 24 ގަޑިއިރުގެ ތަފާސް ހިސާބު ދައްކާ ގޮތުން މިއަދު1 7 މީހަކު ކޮވިޑަށް ޕޮޒިޓިވްވެ 14 މީހަކު ވަނީ ބަލިން ރަނގަޅުވެފައެވެ. މިއަދު ޕޮޒިޓިވް ވި މީހުންގެ ތެރޭގައި ހިމެނެނީ 13 ދިވެހިންނާއި ބަންގްލަދޭޝްގެ 3 މީހުންނާއި ސްރީލަންކާގެ އެކަކެވެ. ބަލި ޖެހިފައިވާ މީހުންގެ ޖުމްލަ އަދަދު 2930 އަށް އަރާފައިވާ އިރު މި ބަލިން ރަނގަޅުވެފައިވާ މީހުންގެ އަދަދު ވަނީ 2340 އަށް އަރާފައެވެ.

މިވަގުތު ކަރަންޓީންގައި ތިބީ 21 މީހުން އަދި އައިސޮލޭޝަންގައި ތިބީ 433 މީހުން ކަމަށް އެޗްޕީއޭއިން ބުނެއެވެ. އަދި ކޮވިޑް ބަލީގައި މިހާތަނަށް ރާއްޖެއިން މަރުވި މީޙުންގެ އަދަދު ވަނީ 15 އަށް އަރާފައެވެ.

މިހާތަނަށް ރާއްޖެއިން ކޮވިޑަށް ޕޮޒިޓިވްވެފައި ވަނީ 1230 ދިވެހިންނާއި، ބަންގްލަދޭޝްއަށް ނިސްބަތްވާ 1360 މީހުންނެވެ. އަދި އިންޑީއާއަށް ނިސްބަތްވާ 243 މީހުންނާއި ނޭޕާލަށް ނިސްބަތްވާ 46 މީހުންނާއި ސްރީލަންކާގެ 24 މީހުންނެވެ.