ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19)ގެ ބަލިމަޑުކަމަށް މިއިން ދުވަހަކު ލުއި ލިބެން ނެތްކަމަށް ސިއްހީ ތަޖިރބާކާރުން ދަނީ ތަކުރާރުކޮށް އިންޒާރު ކުރަމުންނެވެ. ނަމަވެސް އިންޒާރުގެ އަޑު، ބައެއް މީހުންގެ ކަންފަތަށް ނީވެނީ ކަމެއް، ނުވަތަ އިވިމެ، ބީރު ކަންފަތެއް ދެނީ ކަމެއް ނޭނގެއެވެ.

މުޅި ދުނިޔެ މި ބަލިމަޑުކަމުގައި ރައްކާތެރި ކަމުގެ ސާލަކާ ރަޖައަކަށް ކެތްމަދުވެފައި އޮތް މި ދަނޑިވަޅުގައި، ގައުމު ހުޅުވާލާ، އިހު އޮތް އާންމު ދިރިއުޅުން މެކުހަށް ޖެހުމަށް އެންމެ ހަލުވި ދުވެއްޔެއްގައި މަސައްކަތް ކުރައްވަނީ އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަމްޕް ކަމާ މެދު ދެބަސްވާނެ މީހަކު ނެތެވެ. ނަމަވެސް، މިމަސައްކަތްތައް މިހާރު ވަނީ އެމެރިކާ ސަރުކާރުގެ އަތަށް ގޮވަން ފަށާފައޭ ދެންނެވުމަކުންވެސް ގޯހެއް ނެތެވެ. ނަތީޖާއަކަށް ވެފައިވަނީ، ރިޔާސީ އިންތިހާބަށް އެންމެ 4 ވަރަކަށް މަހަށް ވެފައި ވަނިކޮށް، ޓްރަމްޕަށް އޮތް ސިޔާސީ މަގުބޫލުކަން ފަނޑުވާން ފެށުމެވެ.

އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަމްޕް މާސްކުގައި/ފޮޓޯ: ރޮއިޓާޒް

ކޮވިޑް-19ގެ ބަލިމަޑުކަމާއެކު ހުއްޓުމަކަށް ގެންނަން މަޖުބޫރުވި އިގުތިސޯދު އަލުން ހިންގައިގަތުމަށްޓަކައި ގަވަރުނަރުންނާ، ވިޔަފާރީގެ ލީޑަރުންނަށް ހިތްވަރު ދެއްވަން އެންމެ ކުރީ ސަފުގައި ހުންނަވާނެ "ޗިއާލީޑަރަކީ" ޚުދު އޭނާ ކަމަށް ޓްރަމްޕް ގެންދެވީ ވިދާޅުވަމުންނެވެ. އެއީ، ވައިރަހުގެ މައްޗަށް އެމެރިކާއަށް ކުރި ހޯދިދާނެކަމުގެ ފޮނި ތަސައްވުރުގައި ޓްރަމްޕް ކުރެއްސެވި ކުރެހުމެކެވެ. ކެއްކެވީ ހިޔާލީ ފޮލައެއްތާއެވެ. އެމެރިކާގައި އަދިވެސް ކުރި ހޯދަމުންދަނީ ވައިރަހެވެ. ބަލި ޖެހޭ މީހުންގެ އަދަދަށް ބަލާއިރުވެސް، މަރުވާ މީހުންނަށް ބެލި ކަމުގައި ވީ ނަމަވެސް 1 ނަމްބަރު ގައުމަކީ އެމެރިކާއެވެ.

އެމެރިކާއަށް ބަލާއިރު އެންމެ ގަދައަށް ވައިރަސް މިހާރު ފެތުރެމުންދަނީ ހުޅަނގާ ދެކުނުގެ ސަރަހައްދުތަކުގައެވެ. މީގެ ކުރިން ޕީކަށް އެރި ސަރަހައްދުތަކަށްވެސް ވައިރަސް އެނބުރި އަތުވެއްޖެއެވެ. ނަމަވެސް ޓްރަމްޕް ގެންދަވަނީ، ނުރައްކާ ބޮޑުވަމުން އަންނަ ކަން ގަބޫލު ކުރެއްވުމަށް އިންކާރު ކުރައްވަމުންނެވެ. ޓްރަމްޕް އަދިވެސް ވިދާޅުވާ ގޮތުގައި ކޭސް ނަމްބަރު އިތުރު ވަމުންދަނީ، ޓެސްޓު ކުރުން ފުޅާވުމުންނެވެ. ހުއްޖަތަކަށް މިކަން ހައްދަވައިގެން ޓްރަމްޕް ގެންދަވަނީ، އަންނަ މަހު އެމެރިކާގެ ސްކޫލްތަކުގެ އާންމު ކިއެވުން ފެށުމަށްވެސް ބާރު އަޅުއްވަމުންނެވެ.

ވެރިކަމުގެ 2 ވަނަ ދައުރަކަށް ވާދަކުރައްވަމުން ގެންދަވާ އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަމްޕްގެ ކެމްޕޭން ޕޯސްޓަރެއް/ފޮޓޯ: ޑެލަސް މޯނިންގް ނިއުސް

ވައިރަހަށް ޕޮޒިޓިވްވާ މީހުންގެ އަދަދު އިތުރުވަމުންދާ ވަގުތެއްގައި ސްކޫލްތައް ހުޅުވާ ވާހަކަ ފެންމަތިވުމާއެކު ގައުމީ ފެންވަރެއްގައި އެމެރިކާގެ ބެލެނިވެރިންގެ މެދުގައި ވަނީ ހާސްކަމާ ކަންބޮޑުވުން އުފެދިފައެވެ. ގަވަރުނަރުންނާ ސަރަހައްދީ އޮފިޝަލުންނަށްވެސް ލުޔެއް ނެތެވެ. މާ ބޮޑު އިރުޝަދެއް ނެތްތާ، އެކަށީގެންވާ ވަސީލަތްތަކެއްވެސް ނެތް ހާލުގައި އެ ފަރާތްތަކަށް މަޖުބޫރުވެފައިވަނީ ސްކޫލްތައް އަލުން ހުޅުވާލާނެ ޕްލޭންތައް އެކުލަވާލުމަށެވެ.

ޔުނިވާސިޓީ އޮފް މެރިލަންޑްގެ ގަވަމަންޓް އެންޑް ޕޮލިޓިކްސް ޕްރޮފެސާ ޝިބްލީ ތިލްހާމީ ވިދާޅުވާ ގޮތުގައި ޓްރަމްޕަށް ވަނީ ސާބިތުކަން ގެއްލިފައެވެ. ތިލްހާމީ ވަކާލާތު ކުރައްވާ ގޮތުގައި، ބަލިމަޑުކަން ކޮންޓްރޯލް ނުކުރެވެނީސް އިގުތިސޯދެއް ނުހުޅުވޭނެއެވެ.

އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަމްޕް (ކ) އަދި ނައިބު ރައީސް މައިކް ޕެންސް/ފޮޓޯ: އެންވައިޕީ

ކޮވިޑް-19ގެ ބަލިމަޑުކަމާ ގުޅިގެން ޓްރަމްޕް އަޅުއްވަމުން ގެންދަވާ ފިޔަވަޅުތަކާ، އަމަލު ކުރައްވަމުން ގެންދަވާ ގޮތަކީ އެމެރިކާގެ އާންމުންގެ މެދުގައި މާ ބޮޑު މަގުބޫލުކަމެއް އޮތް ކަންތައްތަކެއް ނޫނެވެ.

ނޮވެމްބަރު މަހުގެ 3 ވަނަ ދުވަހަކީ އެމެރިކާގެ ރިޔާސީ އިންތިހާބުގެ ދުވަހެވެ. މި އިންތިހާބުގައި 2 ވަނަ ދައުރެއް ކާމިޔާބު ކުރައްވަން އަތުކުރި އޮޅާލައިގެން ހުންނެވި ޓްރަމްޕާ ދެކޮޅަށް ޑިމޮކްރަޓުންގެ ފަރާތުން ނިކުންނަވަނީ ކުރީގެ ނައިބު ރައީސް ޖޯ ބައިޑަންއެވެ. މިހާތަނަށް ކުރިއަށް ގެންދިޔަ ހިޔާލު ހޯދުމުގެ ވޯޓުތަކުގެ ނަތީޖާއަށް ބަލާއިރު ޓްރަމްޕާ ބައިޑަންއާއި ދެމެދު 8 ޕަސެންޓްގެ ފަރަގެއް އެބައޮތެވެ. މިއީ އިންތިހާބެއްގައި ނަތީޖާ އަނބުރާލަން ފަސޭހަ ފަރަގެއްކަން ފާހަގަ ކުރަންޖެހެއެވެ. އިންތިހާބުގެ ނަތީޖާ ބަދަލުކޮށްލުމުގެ ބާރު އޮތް މުހިންމު ސްޓޭޓްތަކެއް ކަމަށްވާ މިޝިގަން، ވިސްކޮންސިން، ޕެންސިލްވޭނިއާ، އެރިޒޯނާ އަދި ފްލޮރިޑާގައިވެސް މަގުބޫލީ ބައިޑަންއެވެ.

ފުލުހެއްގެ އަނިޔާވެރިކަމުގައި މަރުވެދިޔަ އެމެރިކާގެ ޖޯޖް ފްލޮއިޑަށް އިންސާފު ހޯދުމަށް އެގައުމުގައި ހިންގަމުންދާ މުޒާހަރާތަކުގެ ތެރެއިން/ފޮޓޯ: ސީއެންއެން

ޔުނިވާސިޓީ އޮފް ވާޖިނިއާގެ ސެންޓާ ފޮ ޕޮލިޓިކްސްގެ އެނަލިސްޓް ކައިލް ކޯންޑިކް ވިދާޅުވި ގޮތުގައި، އެމެރިކާގެ އަދުގެ ރައީސްގެ އޮތީ ވެރިކަން ހިންގެވުމުގެ މައްސަލައެކެވެ. އަދި އެ މައްސަލަ މިހާރު އޮތީ ސިޔާސީ މައްސަލައަކަށް ބަދަލުވެފައެވެ. ކޮވިޑް-19ގެ ބަލިމަޑުކަމާ ދެކޮޅަށް ކުރާ ހަނގުރާމާގައި ޓްރަމްޕް ފެއިލްވެފައިވާކަމަށް އޭނާ ސިފަކުރެއްވިއެވެ.

ޖުލައި12-14 އަށް ދި އިކޮނޮމިސްޓް/ޔޫގަވް ގުޅިގެން ކުރިއަށް ގެންދިޔަ ހިޔާލު ހޯދުމުގެ ސާވޭގައި ބައިވެރިވި 1500 އެއްހާ މީހުން ޖަވާބުދީފައިވާ ގޮތަށް ބަލާއިރު، ޓްރަމްޕަށް އޮތީ 40 ޕަސެންޓް މީހުންގެ ތާއީދެވެ. ބައިޑަން ވަނީ 49 ޕަސެންޓް ހޯއްދަވާފައެވެ. ކޯންޑިކް ވިދާޅުވާ ގޮތުގައި އިންތިހާބު އޮންނަ ދުވަހުވެސް މިކަން މިހެން އޮވެއްޖަނަމަ، ޓްރަމްޕަށް ކާމިޔާބެއް ނެތެވެ.

އެމެރިކާގެ އިސް އިމުނޮލޮޖިސްޓް ޑރ އެންތަނީ ފޯޗީ (މ) އަދި އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަމްޕް ނޫސްވެރިންގެ ބައްދަލުވުމެއްގައި/ފޮޓޯ: ގެޓީ އިމޭޖަޒް

އެމެރިކާގެ ގާނޫނު ހަދާ މަޖިލީހުގެ ތިރިގެ ނުވަތަ ކޮންގްރެސްއާއި ވައިޓް ހައުސްވެސް ޑިމޮކްރަޓުންގެ އަތް މައްޗަށް ގެއްލިގެންދާތަން ބަލަން ބޭނުން ނުވާ، ވެރިކަން ކުރާ ރިޕަބްލިކަންސްގެ ބައެއް މެމްބަރުން މިހާރުވެސް ގެންދަވަނީ އަޑު އުފުއްލަވަމުންނެވެ. ވަކިން ހާއްސަކޮށް، ސިޔާސީ މަސްރަހުގައި ޓްރަމްޕްގެ ބާރު ކެނޑެމުންދާ ކަމާ މެދުވެސް ރިޕަބްލިކަންސް މެމްބަރުން ގެންދަވަނީ ކަންބޮޑުވުން ފާޅު ކުރައްވަމުންނެވެ.

ސިޔާސީ މައިދާނުގައި ޓްރަމްޕްގެ މަގުބޫލުކަން ކުޑަވެފައިވާ މިންވަރު އެންމެ ފާޅުކަން ބޮޑު ގޮތެއްގައި ފެނިގެންދިޔައީ އޮކްލަހޯމާގައި ޓްރަމްޕް ކުރިއަށް ގެންދެވި ރެލީއިންނެވެ. މިލިއަނެއްހާ މީހުން ބައިވެރިވާނެ ކަމުގެ ޔަގީންކަމާއެކު ކުރިއަށް ގެންދެވި ރެލީގައި ބައިވެރިވީ އެންމެ 6500 އެއްހާ މީހުންނެވެ. މިކަމުގެ އިލްޒާމް ޓްރަމްޕް އަމާޒު ކުރެއްވީ ކެމްޕޭން މެނޭޖަރެއްގެ ގޮތުގައި އޭރު ހުންނެވި ބޭފުޅާއަށެވެ. ނަމަވެސް އެމެރިކާގެ ރިޕަބްލިކަންސް ޕާޓީއަށް ނިސްބަތްވެވަޑައިގެންނަވާ ޖޯޖް ޑަބްލިއު ބުޝްއަށް ވެރިކަން ކަށަވަރުކޮށްދެއްވި ކާމިޔާބު ކެމްޕޭންތަކުގެ މޭސްތިރި، ކާލް ރޯވް ވަނީ، ޓްރަމްޕްގެ ކެމްޕޭންއިން "ރީސެޓް" ފިތައް އޮއްބާލަންޖެހިފައިވާކަމަށް ވިދާޅުވެފައެވެ.

ކޮވިޑް-19އާ ގުޅިގެން އެމެރިކާ ސަރުކާރުން އެކުލަވާލި އާ ދިރާސާ ހުށަހެޅުމުގެ ބައްދަލުވުމުގެ ތެރެއިން ޑޮނާލްޑް ޓްރަމްޕް ބޯޑަކަށް ބަލަހައްޓަވައިގެން/ފޮޓޯ: ގެޓީ އިމޭޖަޒް

މެއި މަސް ނިމެންދަނިކޮށް، އެމެރިކާގައި އުފެދިގެންދިޔަ ދޮން-ކަޅުގެ ނަސްލީ ތަފާތު ކުރުންތަކުގެ މައްސަލާގައިވެސް ޓްރަމްޕްގެ މަގުބޫލުކަން ވަނީ އިންތިހާއަށް ގެއްލިފައެވެ. ގާނޫނު ހަދާ މަޖިލީހުގައި ހިމެނިވަޑައިގަންނަވާ ސެނެޓާ ޖޯން ތޫން ވެސް ވަނީ ޓްރަމްޕްގެ ރާގު ބަދަލު ކުރައްވަން ޖެހިފައިވާކަމަށް ވިދާޅުވެފައެވެ. ތޫން ވިދާޅުވާ ގޮތުގައި، ސިޔާސީ ގޮތުން ވަކި ފަރާތަކަށް ނުޖެހޭ މިނިވަން ވޯޓަރުންގެ ތާއީދުވެސް ޓްރަމްޕަށް ދަނީ ގެއްލެމުންނެވެ.

މިއިންވެސް އެއްވެސް ކަމަކަށް ޓްރަމްޕްގެ ފަރުވާލެއް ނެތެވެ. އަދިވެސް ގެންގުޅުއްވަނީ ހަރުކަށިކަމާ އަމުރުވެރި ރޫހެއްގައި ވެރިކަން ހިންގެވުމުގެ އުސޫލުތަކެކެވެ. ވަކިން ހާއްސަކޮށް މުޒާހަރާތަކާ ގުޅުން ހުރި ކަންކަމާ، ކޮވިޑް-19ގެ ބަލިމަޑުކަން ފެތުރިގެން ދިއުމުގައި ޗައިނާގެ އިހުމާލު އޮތް ކަމަށް ތުހުމަތު ކުރެއްވުމުގައި މިކަން ބޮޑެވެ.

އެމެރިކާގެ ކުރީގެ ނައިބު ރައީސް ޖޯ ބައިޑަން، ލޮސް އެންޖަލީސްގެ ކެމްޕޭން ރެލީއެއްގަ/ފައިލް ފޮޓޯ: މައިކް ބްލޭކް

ކޮވިޑް-19އާ ގުޅިގެން މީގެ ކުރިން ކޮންމެ ދުވަހަކު ދެއްވަމުން ގެންދެވި ބްރީފިންގްތަކުންވެސް ޓްރަމްޕް ވަނީ އެކަހެރިވެވަޑައިގެންފައެވެ. އެމެރިކާގެ ސެންޓާޒް ފޮ ޑިޒީޒް ކޮންޓްރޯލް އެންޑް ޕްރިވެންޝަން (ސީޑީސީ) ގައި ތިއްބަވާ ސަރުކާރުގެ ސައެންސްވެރިން ވަނީ ހަވާސާއަށް "އެހެލައްވާފަ"އެވެ. ނޭޝަނަލް އިންސްޓިޓިއުޓްސް އޮފް ހެލްތްގައި މަސައްކަތް ކުރައްވަމުން ގެންދަވާ އިންފެކްޝަސް ޑިޒީޒަސްގެ އިސް ތަޖުރިބާކާރު، ޑރ އެންތަނީ ފައޫޗީއަށް ޓްރަމްޕް ކުރައްވާ ފުރައްސާ ކުޑައެއް ނޫނެވެ.

ޖުލައި 14 ވަނަ ދުވަހު ވައިޓްހައުސްގައި ދެއްވި ތަގުރީރެއްގައި ޓްރަމްޕް ވަނީ، އެމެރިކާއިން ކޮވިޑް-19 ޖެހިގެން މަރުވާ މީހުންގެ އަދަދު ދަށަށް ދާނެ ކަމަށް ވިދާޅުވެފައެވެ. އަދި އިގުތިސޯދު އަރާސްތު ކުރެއްވުމާ، އެމެރިކާއަށް އެތެރެވާ މީހުން ހުއްޓުވުމާ، ޗައިނާގެ މައްސަލާގައި ހަރުކަށިކަން ގެންގުޅުއްވުމުގައި ޓްރަމްޕެގެ ސިޔަސަތުތަކާ ބައިޑަންގެ އުސޫލު ތަފާތު ވާނެ ކަމަށް ވިދާޅުވިއެވެ.

އެމެރިކާއާއި ދެކޮޅަށް އީރާނުގެ ރައްޔިތުން ކުރި މުޒާހަރާއެއްގެ ތެރެއިން/ފޮޓޯ: ވޮއިސް އޮފް އެމެރިކާ ނިއުސް

ނަމަވެސް ފާހަގަކުރަންޖެހޭ ކަމަކީ، ޓްރަމްޕް ދައްކަވާ މިފަދަ ގިނަ ވާހަކަފުޅުތަކަކީ އަސާސީ އެއްވެސް ބުރަދަނެއް ނެތް ބަސްތަކެއް ކަމެވެ. މިކަމަށް ފާޑުކިއުން އަމާޒުވުމާއެކު، ކެމްޕޭން މެނޭޖަރު ބަދަލު ކުރެއްވިއެވެ. އެ މަގާމަށް އެންމެ ފަހުން މި އައްޔަން ކުރެއްވި ބިލް ސްޓެޕީންއަށް، ކެމްޕޭންގެ އޮއެވަރު ބަދަލު ކޮށްލެވިދާނެ ކަމާ މެދު ޖެހިފައިވަނީ ބޮޑު ސުވާލު މާކެކެވެ.

ކުރިއަށް އޮތީ ރިޕަބްލިކަންސްއަށް މުހިންމު ދުވަސްވަރެކެވެ. ވަކިން ހާއްސަކޮށް ޓްރަމްޕަށެވެ. ރިބަލިކަންސްގެ ފަރާތުން ރިޔާސަތަށް ވާދަކުރައްވާ ކެންޑިޑޭޓަކަށް ރަސްމީ ޓިކެޓް އެރުވުން ޝެޑިއުލް ކޮށްފައިވަނީ އަންނަ އޯގަސްޓް މަހުގެ 24-27 އާ ދެމެދަށެވެ. ނަމަވެސް ފާހަގަ ކުރަންޖެހޭ ކަމަކީ، ގައުމީ ފެންވަރުގައި ލީޑަރެއް ހުރެމެ، އޭނާގެ ފަރާތުން މާ ބޮޑު އެހީތެރިކަމެއް ނުލިބި ސަރަހައްދީ ފެންވަރުގެ ލީޑަރުން އެކަނި މައި އެކަނި ބޮޑެތި އިސްތިރާކުތައް އެކުލަވާލަން މަސައްކަތް ކުރަންޖެހިފައިވާކެމެވެ.

އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަމްޕް، ކޮވިޑް-19 އާ ގުޅޭ ތަފާސް ހިސާބުތަކެއް ޕްރިންޓްކޮށްފައިވާ ކަރުދާސްތަކެއް ހިއްޕަވައިގެން/ފޮޓޯ: އެލެކްސް ބްރޭންޑަން

ޓްރަމްޕަކީ އިރުޝާދުތަކަށް އެހެން މީހެއް ކުރެ ލަފާ އައްސަވާނެ ބޭފުޅެއް ނޫންކަމަށް ގާނޫނު ހަދާ މަޖިލީހުގައި ހިމެނިވަޑައިގަންނަވާ 1 ނަމްބަރު ކެންޑިޑޭޓް ނޭންސީ ޕެލޯސީ ސިފަކުރައްވާފައިވާއިރު، ހަގީގީ ޖަވާބު އޮތީ ސައެންސްވެރިންގެ އަތުގައި ކަމަށް ޕެލޯސީ ވަނީ ވިދާޅުވެފައެވެ.