ބިދޭސީންނަށް ރެޒިޑެންޓް ވިސާ ދޭ ގޮތަށް އިމިގްރޭޝަންގެ ގާނޫނަށް އިސްލާހު ގެންނަން ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު އެދިވަޑައިގެންފިއެވެ.

އިމިގްރޭޝަންގެ ގާނޫނަށް އިސްލާހު ގެންނަން ސަރުކާރުން މަޖިލީހަށް ހުށަހެޅި ބިލް އެ ކޮމިޓީން ދިރާސާކޮށް، ރައްޔިތުންގެ މަޖިލީހުން ގޮތެއް ނިންމަން ފޮނުވުމުން ރައީސް ނަޝީދު ވިދާޅުވީ އެ އިސްލާހާ އެކު، އެ ބިލާ މެދު އަލުން ކޮމިޓީން ވިސްނުމަށް އެދިވަޑައިގަންނަވާ ކަމަށެވެ.

މަޖިލީހުގެ ގައުމީ ސަލާމަތާއި ހާރިޖީ ގުޅުންތަކާ ކޮމިޓީ އަށް ރައީސް ނަޝީދު ހުށަހެޅުއްވީ 10 އަހަރަށް ވުރެ ދިގު މުއްދަތަކަށް ގެއެއް ކުއްޔަށް ހިފާ ބިދޭސީންނަށާއި އެއް ލައްކަ ރުފިޔާ އަށް ވުރެ ބޮޑު އިންވެސްޓްމަންޓެއް ކުރާ ބިދޭސީންނަށް ވެސް ރެސިޑެންޓް ވިސާ ދޭ ގޮތަށާއި ދިިވެއްސަކާ ކައިވެނި ކުރާ ބިދޭސީންނަށް ވެސް އެ ވިސާ ލިބޭ ގޮތަށް ބަދަލު ގެނައުމަށެވެ.

އެ އިސްލާހާ ގުޅިގެން ކޮމެޓީގައި ހިމެނިވަޑައިގަންނަވާ ގިނަ މެންބަރުން ވިދާޅުވީ، ތަނެއް ކުއްޔަށް ހިފާ ކޮންމެ ބިދޭސީއަކަށް ރެސިޑެންޓް ވިސާ ދޭން ފަށައިފި ނަމަ، އޭގެ ނާޖާއިޒު ފައިދާ ބަޔަކު ނަގަން ފަށާފާނެ ކަމަށާއި ކުއްޔަށް ހިފާ މީހުންނަށް ރެސިޑެންޓް ވިސާ ދިނުމަކީ އެއްވެސް ގައުމަކުން ކުރާ ކަމެއް ނޫން ކަމަށެވެ.

އިމިގްރޭޝަންގެ އެ އިސްލާހާ ދެކޮޅަށް ގިން މެންބަރުން ވާހަކަދައްކަވާފައި ވާއިރު، ކޮމިޓީން ނިންމީ އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލް ކޮމިޓީ އަށް ހާޒިރުކޮށް، އެކަމާ ބެހޭގޮތުން މަޝްވަރާ ކުރުމަށެވެ.

އިމިގްރޭޝަން ގާނޫނު މިހާރު އޮންނަ ގޮތުން ރެސިޑެންޓް ވިސާ ދެވޭނީ ދިވެއްސަކާ ކައިވެނި ކޮށްގެން އުޅޭ ބިދޭސީންނާއި ސަރުކާރުން ގަބޫލުކުރާ ވިޔަފާރިތަކުގައިި ބޮޑެތި އިންވެސްޓްމަންޓް ކުރާ ބިދޭސީންނަށް އެކަނިއެވެ.