އިންދިރާ ގާންޑީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް)ގެ ލެބޯޓްރީން، ކޮވިޑްއ-19އާ ގުޅިގެން ހެދި ޕީސީއާރު ޓެސްޓްގެ އަދަދު ބައިލައްކައަށް އަރައިފިއެވެ.

އައިޖީއެމްއެޗުން ބުނީ މިއަދުގެ ނިޔަލަށް އެ ހޮސްޕިޓަލްގެ ލެބޯޓްރީން 50،000 ޕީސީއާރު ޓެސްޓް ހަދާފައިވާކަމަށާއި އެ ޓެސްޓް ތަކަކީ ކަރުންނާއި ނޭފަތުން ސާމްޕަލް ނަގައިގެން ކުރީބައިގައި ވައިރަސް ހުރިކަން ދެނެގަނެވި ކޮވިޑް-19 ޖެހިފައިވާކަން ކަށަވަރު ކުރުމަށް ކުރެވޭ ޓެސްޓެއް ކަމަށެވެ.

އައިޖީއެމްއެޗަކީ ރާއްޖޭގައި އެންމެ ފުރަތަމަ ކޮވިޑް ޓެސްޓް ކުރަންފެށި ހޮސްޕިޓަލެވެ. އެގޮތުން އައިޖީއެމްއެޗް އިން ކޮވިޑަށް ހަދަމުންދާ ޓެސްޓްތަކަށް ދުނިޔޭގެ ސިއްހަތު ޖަމިއްއްޔާ (ޑަބްލިއުއެޗްއޯ) ގަބޫލުކުރާ މިންގަނޑަށް ހަދަމުންދާ ޓެސްޓް ތަކެކެވެ.

އައިޖީއެމްއެޗްގައި 24 ގަޑިއިރު ކޮވިޑަށް ޓެސްޓް ކުރަމުންދާއިރު، އޭޑީކޭގައިވެސް ދަނީ ކޮވިޑަށް ޓެސްޓް ކުރަމުންނެވެ.

މީގެއިތުރުން ފުލުހުންގެ ލެބުގައި ވެސް ކޮވިޑަށް ޓެސްޓު ކުރުމުގެ މަސައްކަތް ކުރިއަށްދާ ކަމަށާއި އެ ލެބުން ދުވާލަކު 145 ޓެސްޓު ހަދައެވެ.

ހަމަ އެއާއެކު ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ބަލި ދެނެގަތުމަށް ތަހްލީލްތައް ކުރުމަށްޓަކައި، ޖީން އެކްސްޕާޓް މެޝިން ބޭނުންކޮށްގެން ރާއްޖޭގެ ހަތް ރަށެއްގައި ކޮވިޑަށް ޓެސްޓްކުރުމުގެ އިންތިޒާމް ހަމަޖެހިގެން ގޮސްފައިވާކަން ސަރުކާރުން އިއުލާން ކޮށްފައި ވަނީ މިދިޔަ ޖޫން މަހުގެ 29 ވަނަ ދުވަހެވެ.

އެއީ ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް އަދި އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލްގެ އިތުރުން ށ އަތޮޅު ހޮސްޕިޓަލާއި ރ.އުނގޫފާރު ރީޖަނަލް ހޮސްފިޓަލާއި ބ އަތޮޅު ހޮސްޕިޓަލާއި ކުޑަ ދ.ހުވަދޫ ހޮސްޕިޓަލާއި ގއ އަތޮޅު ހޮސްޕިޓަލާއި ޑރ. އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލެވެ. އެގޮތަށް ހަމަޖެހުމުން ބަލިމީހުންގެ ސާމްޕަލްތައް އެންމެ ކައިރީގައި ހުންނަ ޓެސްޓް ސެންޓަރއަކަށް ގެންދެވި، ނަތީޖާ ލިބުން އަވަސްވެގެންދާނެކަން މިނިސްޓްރީން ފާހަގަކުރެއެވެ.