ރާއްޖޭގައި ތިބި ބިދޭސީން އަނބުރާ ގައުމަށް ފޮނުވާލަން ސަރުކާރުން ކުރާ މަސައްކަތުގެ ތެރެއިން، އައްޑޫ ސިޓީގައި ތިބި ބަންގްލަދޭޝްގެ 135 މީހަކު ފުރުވާލައިފިއެވެ.
މިއީ މާލެ ފިޔަވާ އަތޮޅެއްގެ ރަށަކުން ބަންގްލަދޭޝް މީހުން ފުރުވާލި ފުރަތަމަ ފަހަރެވެ.
މޯލްޑިވިއަނުން ބުނީ މިއީ އައްޑޫ ސިޓީން ބިދޭސީން ގެންދިޔަ ފުރަތަމަ ފްލައިޓް ކަމަށާއި އެ މީހުން ފުރުވާލާފައިވަނީ މިއަދު ހެނދުނު ގަން އިންޓަނޭޝަނަލް އެއާޕޯޓުން ކަމަށެވެ. އަދި އެ ފްލައިޓް ދަތުރު ކުރާނީ ބަންގްލަދޭޝްގެ ވެރިރަށް ޑާކާ އަށް ކަމަށްވެސް މޯލްޑިވިއަނުން ބުނެއެވެ.
ރާއްޖޭގައި ތިބި ބިދޭސީންގެ ތެރެއިން އެނބުރި ގައުމަށް ދާން ބޭނުންވާ 3000 އަށްވުރެ ގިނަ މީހަކު މިދިޔަ މަހު ވަނީ ފުރުވާލައިފައެވެ.
ރާއްޖެއަކީ ގިނަ ބިދޭސީންތަކެއް މަސައްކަތް ކުރަމުން އަންނަ ގައުމަކަށް ވީ އިރު ކޮވިޑް-19ގެ މިފަދަ ހާލަތެއްގައިވެސް ގިނަ އަދަދެއްގެ ބިދޭސީން ވަނީ ގައުމަށް ފުރުވާލާފައެވެ. އޭގެތެރެއިން މިދިޔަ މަހު ބަންގްލަދޭޝްގެ 1065 މީހުން ވަނީ ފުރުވާލާފައެވެ. އަދި 21 އެޕްރީލް އިން ފެށިގެން މިދިޔަ މަހުގެ 19 ވަނަ ދުވަހުގެ ނިޔަލަށް، ލިޔެކިޔުން ނެތި ގަވާއިދާ ހިލާފަށް ރާއްޖޭގައި އުޅެމުންދިޔަ ބަންގްލަދޭޝް މީހުންގެ ތެރެއިން 2499 މީހަކު ވަނީ އަނބުރާ ގައުމަށް ފޮނުވާލާފައެވެ.
ގަވާއިދާ ހިލާފަށް އުޅެމުންދާ ބިދޭސީންގެ މައްސަލަ އަކީ ހައްލު ނުކުރެވި ގިނަ ދުވަސްވެފައިވާ މައްސަލައެކަށްވާއިރު، އެ މައްސަލައަށް ހައްލެއް ގެނައުމުގެ ގޮތުން އިކޮނޮމިކް މިނިސްޓްރީން ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން އިކޮނޮމިކް މިނިސްޓަރު ވަނީ ރައްޔިތުންގެ މަޖިލިހުގައި، އަމާޒަކީ މި އަހަރުގެ ތެރޭގައި 20،000 ބިދޭސީން އަނބުރާ ގައުމަށް ފޮނުވާލުން ކަމަށް ވިދާޅުވެފައެވެ.