ކްލައިމެޓް ވަލްނަރަބްލް ފޯރަމް (ސީވީއެފް) ގެ ތީމެޓިކް އެމްބެސެޑަރު ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު އައްޔަން ކޮށްފިއެވެ.

ރައްޔިތުން މަޖިލީހުން ބުނީ ތީމެޓިކް އެމްބެސެޑަރުގެ މަސްއޫލިއްޔަތަކީ ރައީސް ނަޝީދު އަމިއްލަފުޅަށް ހިލޭސާބަހަށް އަދާކުރައްވާނެ މަސްއޫލިއްޔަތެއް ކަމަށާއި ނަޝީދު އެ މަގާމަށް އައްޔަން ކޮށްފައި ވަނީ، މޫސުމަށް އަންނަ ނޭދެވޭ ބަދަލުތަކުގެ ސަބަބުން ކުރާ އަސަރުތަކާ ދެކޮޅަށް ކުރައްވާފައިވާ މަސައްކަތާއި މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ލިބޭ ގެއްލުންތައް ދުނިޔޭގެ ސަމާލުކަމަށް ގެނައުމަށް ކުރައްވާ މަސައްކަތްތަކުގެ ސަބަބުން ކަމަށެވެ. އަދި އެ މަގާމު ދިނުމުއި ނަޝީދު ރާއްޖޭގެ ރައީސްކަމުގައި ހުންނަވައި ކުރެއްވި ހިދުމަތަށް ވެސް ބަލާފައިވާ ކަމަށެވެ.

ތީމެޓިކް އެމްބެސެޑަރުގެ މަގާމަށް ނަޝީދު އައްޔަން ކުރިކަން އެންގީ ސީވީއެފްގެ މި ދައުރުގެ ރިޔާސަތު ބަލަހައްޓާ ބަންގްލަދޭޝްގެ ހާރިޖީ ވަޒީރު ޑރ. އޭކޭ އަބްދުލްމޯމެން ނަޝީދަށް ފޮނުއްވި ސިޓީއެއްގައެވެ.

ސީވީއެފް އަކީ މޫސުމަށް އަންނަ ނޭދެވޭ ބަދަލުތަކުގެ ޝިކާރައަކަށް ވުން ގާތް 48 ގައުމު ބައިވެރިވާ ބައިނަލްއަގުވާމީ ފޯރަމްއެކެވެ. މި ފޯރަމްގެ އެންމެ ފުރަތަމަ ބައްދަލުވުން ބޭއްވީ 2009 ވަނަ އަހަރު ދިވެހިރާއްޖޭގައެވެ. އެ ފޯރަމްގެ މައިގަނޑު މަގަސަދަކީ މޫސުމީ ބަދަލުތަކުގެ ސަބަބުން ކުރާ ނޭދެވޭ އަސަރުތަކާ ގުޅޭގޮތުން ޤައުމުތައް އަހުލުވެރިކޮށް، ތިމާވެށްޓާ ރަޙްމަތްތެރި ސިޔާސަތުތަކެއް ތަންފީޒުކޮށް މެންބަރު ޤައުމުތަކުން ބޭނުންކުރާ ހަކަތައަކީ 100 އިންސައްތަ އިޔާދަކުރަނިވި ހަކަތައަށް ބަދަލުކުރުމަށް މަސައްކަތް ކުރުމެވެ.