ހުޅުމާލޭގައި ހުންނަ ރެހެންދީ ސްކޫލުން ޕޮސިޓިވް ކޭސަތަކެއް މިއަދު ފެނިއްޖެއެވެ.

'ދަ ޕްރެސް' އަށް މައުލޫމާތު ދެއްވަމުން ހެލްތް މިނިސްޓްރީގެ ޑެޕިއުޓީ ޑިރެކްޓާ ޖެނެރަލް ތަސްލީމާ އުސްމާން ވިދާޅުވީ، އެ ސްކޫލްގައި މިއަދު ޕޮޒިޓިވް ކޭސްތަކެއް ފެނިފައިވާ ކަމަށެވެ. ނަމަވެސް ޕޮޒިޓިވް ވީ ކޮން ބައެއް ކަމަާއި ކިތައް މީހުން ކަން ހާމަކޮށްފައެއް ނުވެއެވެ.

އޮންލައިން ނޫހެއްގައި ބުނެފައިވާ ގޮތުގައި ރެހެންދި ސްކޫލުން ޕޮޒިޓިވް ވެފައި ވަނީ ގްރޭޑް 9 އަދި 10 ގެ ދަރިވަރަކާއި އެ ސްކޫލަގުއި ކިޔަވައި ދެމުން ދާ ޓީޗަރެއް ކަމަށެވެ. އަދި އެ ދެ ކުދިންނާއި ޓީޗަރު ޕޮޒިޓިވްކަން އެނގިފައި ވަނީ މިއަދުއެވެ. މިހާރު އެ ސްކޫލްގައި ކޮންޓެކްޓް ޓްރޭސިންގެ ހެދުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ.

ލޮކްޑައުނަށް ލުއި ދިނުމުގެ މަރުހަލާގެ ތެރެއިން ސްކޫލްތަކުގައި ކިޔެވުން ފެށުނު ފަހުން އެކި ސްކޫލްތަކުގެ ބައެއް މުވައްޒަފުން ވަނީ ކޮވިޑަށް ޕޮޒިޓިވްވެފައެވެ. އެ ގޮތުން ހުރަވީ ސްކޫލްގެ ސީނިއާ ސްޓާފަކާއި ދަރުމަވަންތަ ސްކޫލްގެ ސްޓާފަކާއި، ޣިޔާސުއްދީން ސްކޫލުގެ ސްޓާފެއް ކޮވިޑަށް ޕޮޒިޓިވްވެފައި ވެއެވެ. އަދި އައިޖީއެމްއެޗުން ޕޮޒިޓިވް ވި މީހަކާ ކޮންޓެކްޓް ވި އިމާދުއްދީންގެ ސްޓާފެއްވެސް ވަނީ ފާހަގަ ވެފައެވެ.

މިހާތަނަށް ރާއްޖެއިން ކޮވިޑަށް ޕޮޒިޓިވް ވެފައިވާ މީހުންގެ އަދަދު ވަނީ 2831 އަށް އަރާފައެވެ. މި ވަގުތު 482 މީހުން ރާއްޖޭގައި މި ބައްޔަށް ފަރުވާ ހޯދަމުންދާ އިރު 2321 މީހުން ވަނީ މި ބަލިން ފަރުވާ ލިބި ރަނގަޅުވެފައެވެ. މިހާތަނަށް މިބަލީގައި ރާއްޖޭގައި 14 މީހަކު ވަނީ މަރުވެފައެވެ. މަރުވި މީހުންގެ ތެރޭގައި ހިމެނެނީ 5 ބިދޭސީންނާއި 9 ދިވެހިންނެވެ. އިއްޔެ ޖުމްލަ 30 ކޭސް ފެނިފައިވާ އިރު އޭގެތެރޭގައި ތިބި 29 މީހުންނަކީ ދިވެހިންނެވެ.