ހދ. ހަނިމާދޫ އެއާޕޯޓު އިންޓަނޭޝަނަލް ފެންވަރަށް ތަރައްގީ ކުރުމުގެ މަޝްރޫއަށް އިންޑިއާއިން ފަންޑު ކުރާކަން ހާމަ ކޮށްފިއެވެ.

ރާއްޖޭގައި ހުންނަ އިންޑިއާގެ ހައިކޮމިޝަނުން ބުނީ އިންޑިއާއިން ރާއްޖެއަށް ދޫކޮށްފައިވާ ލައިން އޮފް ކްރެޑިޓްގެ ދަށުން ހަނިމާދޫ އެއާޕޯޓު ތަރައްގީ ކުރުމުގެ މަޝްރޫއަށް ފަންޑު ކުރާނެ ކަމަށެވެ.

އިންޑިއާ އާއި ރައްޖެއިން ސޮއިކޮށްފައިވާ 800 މިލިޔަން ޑޮލަރުގެ ލައިން އޮފް ކްރެޑިޓް އެއްބަސްވުމުގެ ދަށުން ހިންގާނެ އެއް ޕްރޮޖެކްޓަކީ ބޮޑެތި މަތިންދާބޯޓު ޖެއްސޭ ވަރަށް ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓް ބޮޑުކުރުމުގެ ޕްރޮޖެކްޓެއް ކަމަށް މައުލޫމާތު ލިބެއެވެ.

އިންޑިއާ އާއި ރާއްޖެއިން 800 މިލިޔަން ޑޮލަރުގެ ލައިން އޮފް ކްރެޑިޓް އެއްބަސްވުމެއްގައި ސޮއިކުރީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހު 2018 ވަނަ އަހަރު އިންޑިއާއަށް ކުރެއްވި ރަސްމީ ދަތުރުފުޅުގައެވެ.

ހަނިމާދޫ އެއާޕޯޓު އިންޓަނޭޝަނަލް ފެންވަރަށް ތަރައްގީ ކުރުމަކީ ރިޔާސީ ކެމްޕޭނުގެ ތެރޭގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވެވަޑައިގެންނެވި ވައުދުފުޅެކެވެ. އެކަން ކުރަން ނިންމާފައިވާކަން މީގެ ކުރިން އެމަނިކުފާނުގެ ސަރުކާރުން ވަނީ އިއުލާނުކޮށްފައެވެ.

ހަނިމާދޫ އެއާޕޯޓު އިންޓަނޭޝަނަލް ކުރަން އިންޑިއާއިން އެހީ ދޭ އިރު، އެ އެއާޕޯޓަށް އިންޑިއާއާއި ޗައިނާއިންވެސް ޝައުގުވެރި ވާ ކަމަށް އެކިއެކި މަސްދަރުތަކުން އެނގިފައި ވެއެވެ.