މާލޭ ސިޓީ ކައުންސިލްގެ ހަތަރު މުވައްޒަފަކު ކޮވިޑަށް ޕޮޒިޓިވް ވެއްޖެއެވެ.

"ދަ ޕްރެސް" އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ޕޮޒިޓިވް ވެފައި ވަނީ ކައުންސިލްގެ ބަޖެޓް ސެކްޝަންގެ ހަތަރު މުވައްޒަފެކެވެ.

އެންމެ ފުރަތަމަ އެ ސެކްޝަންގެ މުވަޒަފަކު ޕޮޒިޓިވްވީ މިދިޔަ ހުކުރު ދުވަހު ކަމަށާއި އެދުވަހު އެ ސެކްޝަން ބަންދުކޮށް އެންމެން އައިސޮލޭޝަނަށް ފޮނުވާ ލާފައިވާ ކަމަށްވެސް މައުލޫމާތު ލިބެއެވެ. އަދި ފަހުން ޕޮޒިޓިވްވި ތިން މުވަޒަފުންނަނީ އައިސޮލޭޝަންގައި ހުއްޓާ ޕޮޒިޓިވް ވެފައިވާ މުވަޒަފުން ކަމަށްވެސް ވަނީ މައުލޫމާތު ލިބިފައެވެ.

ސިޓީ ކައުންސިގެ މުވަޒަފުންތަކެއް ޕޮޒިޓިވް ވެފައި ވާއިރު، މިއަދު ވަނީ ސޮނެވާފުށި ރިސޯޓުގެ ދިވެހި މުވައްޒަފަކުވެސް ކޮވިޑަށް ޕޮޒިޓިވް ވެފައެވެ.

ރާއްޖެއިން މިހާރު ބަލި ޖެހިފައިވާ މީހުންގެ ޖުމްލަ އަދަދު 2731 އަށް އަރާފައި ވާއިރު ރާއްޖެއިން މިހާރު 2284 މީހުން ވަނީ ރަނގަޅުވެފައެވެ.

ކޮވިޑް ބަލީގައި މިހާތަނަށް ރާއްޖެއިން މަރުވީ 14 މީހުންނެވެ. އޭގެ ތެރޭގައި ހިމެނެނީ 9 ދިވެހިންނާއި 5 ބިދޭސީންނެވެ. 8 ދިވެހިންގެ ތެރޭގައި 4 ފިރިހެނުންނާއި 5 އަންހެނުން ހިމެނޭ އިރު އެއީ ދޮށީ އުމުރުގެ މީހުންނެވެ. އެ ގޮތުން މަރުވި ދިވެހިންގެ ތެރޭގައި ހިމެނެނީ 83 އަހަރުގެ އަންހެނަކާއި 89 އަހަރުގެ އަންހެނަކާއި 70 އަހަރުގެ އަންހެނެއްގެ އިތުރުން 80 އަހަރުގެ ފިރިހެނަކާއި 88 އަހަރުގެ ފިރިހެނަކާއި 92 އަަހަރުގެ ފިރިހެނެއްގެ އިތުރުން 80 އަހަރުގެ ފިރިހެނަކާއި 70 އަހަރުގެ ދިވެހި އަންހެނަކާއި 79 އަހަރުގެ ދިވެހި އަންހެނެކެވެ.

މަރުވި ބިދޭސީ މީހުންގެ ތެރޭގައި ހިމެނެނީ 43 އަހަރުގެ ފިލިޕީންސް އަށް ނިސްބަތްވާ ފިރިހެނަކާއި 33 އަހަރުގެ ބަންގްލަދޭޝް ފިރިހެނަކާއި 45 އަހަރުން ބަންގްލަދޭޝް ފިރިހެނެއްގެ އިތުރުން 54 އަހަރުގެ ބަންގްލަދޭޝް ފިރިހެނަކާއި 38 އަހަރުގެ ބަންގްލަދޭޝް ފިރިހެނެކެވެ.