ކުރީގެ ރައީސް އަބްދުﷲ ޔާމީން ޖަލަށް ލީ ކުރީގެ ނައިބު ރައީސް އަހުމަދު އަދީބާއެކު ސަރުކާރުން ޑީލެއް ހަދައިގެން ކަމަށް ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.
މިއަދު ޕީޕީއެމުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ޝިޔާމް ވިދާޅުވީ، އަދީބާ އެކު މި ސަރުކާރުން ޑީލެއް ހަދައިގެން ރައީސް ޔާމީން ޖަލަށް ލާފައިވާ އިރު މިއަދު ރައީސް ޔާމީން ޖަލުގައި ހުންނަވަން ޖެހޭ ކަމަށް ރައްޔިތުން ގަބޫލު ނުކުރާނެ ކަމަށެވެ. ހަމައެއާއެކު ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ބޭނުންފުޅުވާ މީހަކަށް އަދަބު ދޭންވީމައި ކޮންމެސް މީހެއްގެ އަދަބު ލުއިކޮށްދޭ ގޮތަށް ރައީސް ސޯލިހް ބޭނުންފުޅުވާ ހެކިބަސް ހޯއްދަވަނީ ކަމަށް ޝިޔާމް ވިދާޅުވިއެވެ.
އަހުމަދު އަދީބާއެކު ސަރުކާރުން ވެފައިވާ އެއްބަސްވުމަށް ރިއާޔަތް ކުރައްވަމުން ޝިޔާމް ވިދާޅުވީ އެ އެއްބަސްވުމަކީ ގާނޫނު އަސާސީ ދަންނަ އެއްބަސްވުމެއް ކަމަށް ގަބޫލު ނުކުރައްވާ ކަމަށެވެ. އަދި އެ އެއްބަސްވުމުގެ ބޭނުމަކީ ރައީސް ޔާމީން ޖަލަށްލައި ގިނަ ދުވަހު ޖަލުގައި ބޭއްވުން ކަމަށް ޝިޔާމް ވިދާޅުވިއެވެ.
ރާއްޖޭގައި މިހާރު ގާއިމްވެފައި އިންސާފަކީ މިއީ ކަމަށް ވާނަމަ އިންސާފާ ބެހޭ ގޮތުން ދެން ދައްކަވާނެ އިތުރު ވާހަކައެއް ނެތްކަމަށް ޝިޔާމް ވިދާޅުވިއެވެ. މި ސަރުކާރުން މަސައްކަތް ކުރަނީ ރައްޔިތުންގެ ލޮލުގައި އަނދުން އެޅުވުމަށް ކަަމަށާއި އަދި މިއީ ސަރުކާރުގެ ރޭވުންތަކުގެ ތެރެއިން ހިންގާ ކަމެއް ގޮތުގައި ގަބޫލު ކުރައްވާ ކަމަށް ޝިޔާމް ވިދާޅުވިއެވެ.
އިއްޔެ ޕްރޮސެކިއުޓާ ޖެނެރަލް ހުސައިން ޝަމީމް ނޫސްވެރިންނާ ބައްދަލު ކުރައްވައި ވާހަކަ ދައްކަވަމުން ވިދާލުވެފައި ވަނީ ގާޒީ މައްސަލަ އެ ކޮމިޝަނަށް ހުށަހަޅުއްވާނެ ކަމަށެވެ. މައްސަލަ ބެއްލެވި ގާޒީ އިސްމާއިލް ރަޝީދަށް ފާޑު ވިދާޅުވަމުން ޝަމީމް ވިދާޅުވެފައި ވަނީ އަދި އިއްޔެގެ ނިންމުން އައީ އަދީބު ހުށަހެޅުއްވި ހުށަހެޅުއްވުމެއްގެ މައްޗަށް ނޫން ކަމަށާއި އެއީ ފަނޑިޔާރު އަމިއްލައަށް ހޯއްދެވި މައުލޫމާތުތަކެއްގެ މައްޗަށް ނިންމެވި ނިންމެވުމެއް ކަމަށެވެ. ކްރިމިނަލް ކޯޓުން މައްސަލަތައް ބޭރުކޮށްލި ނަމަވެސް އަދީބުގެ މައްސަލާގައި ކުރިއަށްދާނެ ކަމަށް ވެސް ޝަމީމް ވިދާޅުވެފައި ވެއެވެ.