ވިލިމާލޭގެ ބޯޅަދަނޑު ސަރަަހައްދުން ގިނަ އަދަދެއްގެ މަސްތުވާތަކެތި ހޯދައި ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.
ފުލުހުން ބުނީ، މަސްތުވާތަކެއްޗާ ދެކޮޅަށް ކުރަމުންގެންދާ މަސައްކަތްތަކުގެ ތެރެއިން ވިލިމާލެއިން ގިނަ އަދަދެއްގެ މަސްތުވާތަކެތި ހޯދައި ފުލުހުންގެ ބެލުމުގެ ދަށަށް ގެން ގޮސްފައިވާ ކަމަށެވެ. އަދި މި ތަކެތި ހޯދާފައި ވަނީ މިދިޔަ ހޯމަ ދުވަހު ވިލިމާލެ ޕެޓްރޯލް ކުރަމުން ދިޔަ ފުލުހުން ވިލިމާލެ ފުޓުބޯޅަ ދަނޑު ސަރަހައްދުން ކަމަށް ފުލުހުން ބުނެއެވެ.
ފުލުހުން ބުނީ އެސަރަހައްދު ބަލައި ފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި 60 ރަބަރު ޕެކެޓް ފެނިފައިވާ ކަމަށާއި އަދި މި މައްސަލައިގައި މީހަކު ހައްޔަރުކޮށްފައި ނުވާ ކަމަށެވެ.
ވިލިމާލެ ޕޮލިސް ސްޓޭޝަނުން ގެންދަނީ މި މައްސަލަ ތަހުގީގު ކުރަމުން ކަމަށް ފުލުހުން ބުނެއެވެ.
ދާދީ ފަހުންވެސް ވިލިމާލެއިން މަސްތުވާތަކެއްޗާއެކު ދެ މީހަކު ވަނީ ހައްޔަރުކޮށްފައެވެ. ވިލިމާލޭ ޕޮލިސް ސްޓޭޝަނުން ހިންގި އޮޕަރޭޝަނެއްގައި، ބަނގުރާ ކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި ފުޅިތަކަކާއެކު އިންޑިއާ އަށް ނިސްބަތްވާ ދެ ފިރިހެނުން ހައްޔަރުކޮށް އެ މީހުންގެ ބަންދަށް ދެ ދުވަހުގެ މުއްދަތެއް ވަނީ ޖަހާފައެވެ.