މާލެއިން ރ. ހުޅުދުއްފާރަށް ގޮސްފައިވާ މީހަކު ކަރަންޓީނުގެ އުސޫލުތަކާ ހިލާފަށް ރަށުތެރޭގައި އުޅެމުންދާތީ ހައްޔަރުކޮށްފިއެވެ.
މިކަމާ ގުޅިގެން ފުލުހުން ބުނީ، މި މައްސަލާގައި ގުޅިގެން ހައްޔަރުކޮށްފައިވަނީ 30 އަހަރުގެ ދިވެހި ފިރިހެނަކު ކަމަށެވެ. އަދި އޭނާ ހައްޔަރުކޮށްފަ އިވަނީ ޖޫން މަހުގެ 30 ވަނަ ދުވަހުން ފެށިގެން 14 ދުވަހުގެ މުއްދަތަަށް ކަރަންޓީނުގައި ބެހެއްޓުމުން، ކަރަންޓީނުގެ އުސޫލުތަކާ ހިލާފަށް ތަކުރާރުކޮށް ގެއިން ބޭރަށް ނުކުމެ އުޅެމުންދާތީ ކަމަށް ފުލުހުން ބުނެއެވެ.
ފުހުން ބުނީ، ކަރަންޓީނުގެ އުސޫލުތަކާ ހިލާފަށް ބޭރުގައި އުޅޭތީ ރަށު ކައުންސިލުން ތަކުރާރުކޮށް ނަސޭހަތްތެރިވެ އަދި ފުލުހުން ވެސް ތަކުރާރުކޮށް ނަސޭހަތްތެރިވުމުން ވެސް އޭނާ އެކަމަށް އިޖާބަ ދީފައި ނުވާ ކަމަށެވެ.
މި މައްސަލައާ ގުޅިގެން އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް އުނގޫފާރު މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކުރުމުން، މިނިސްޓްރީ އޮފް ހޯމްއެފެއާޒުން ކަނޑައަޅާ ތަނެއްގައި ބަންދުގައި ބެހެއްޓުމަށް 10 ދުވަހުގެ މުއްދަތު ދީފައިވެއެވެ. މި މައްސަލަ އުނގޫފާރު ޕޮލިސް ސްޓޭޝަނުން ގެންދަނީ ތަހުގީގު ކުރަމުންނެވެ.
ކަރަންޓީނު އުސޫލުތަކާ ހިލާފުވި މީހަކު ހުޅުދުއްފާރުން ހައްޔަރުކުރިއިރު، އެރަށުގައި ހޯމް ކަރަންޓީނު ވެގެން ހުރި މީހަކު ވަނީ މިދިޔަ އާދިއްތަ ދުވަހު ޕޮޒިޓިވްވެފައެވެ. އޭނާ ޕޮޒިޓިވް ކަން އެނގިފައި ވަނީ ކަރަންޓީނުގެ 14 ދުވަސް ހަމަވުމުން ނެގި ސާމްޕަލް އަކުންނެވެ.
ހުޅުދުއްފާރުން ޕޮޒިޓިވް ވި ފަރާތް ކަރަންޓީނު ވެގެން ހުރީ އެކަންޏެވެ. އަދި އޭނާ އެރަށަށް ގޮސްފައި ވަނީ އިފުރު މަގުން ކަމަށްވީއިރު، އޭނާ ދަތުރުކުރި ފްލައިޓުން އެރަށުގެ އިތުރު މީހަކު ދަތުރުކޮށްފައި ނުވާތީ އެނާ ރަށަށް ދިޔައީ އެމްއެންޑީއެފްގެ އެހީތެރިކަމާއެކު އެކަންޏެވެ. ނަމަވެސް އެކި ދުވަސްމަތިން މާލެއިން ރަށަށް ދަތުރުކުރި މީހުން ހޯމް ކަރަންޓީނުވެގެން ތިބި ކަމަށް އެރަސު ކައުންސިލުން މައުލޫމާތުދެއެވެ.