މިއަހަރުގެ ފިތުރު ޒަކާތް ބަހާފައި ވަނީ އެންމެ އިންސާފުން ނޫން ކަމަށް ރައްޔިތުންގެ މަޖިލީހުން މިއަދު ނިންމުމާއި ގުޅިގެން އެކަމަށް ދީނީ އިލްމުވެރިޔާ ޝެއިހް އިލްޔާސް ހުސެއިން ސުވާލު އުފައްދަވައިފިއެވެ.

އެކަމާ ގުޅިގެން ޝެއިހް އިލްޔާސް ވަނީ އިސްލާމިކް މިނިސްޓްރީން ފިތުރު ޒަކާތް ބަހާފައި ވަނީ އިންސާފުވެރިކޮށް ނޫން ކަމަށް މަޖިލީހުން ނިންމުން އިންސާފުވެރި ވަނީ ކޮން ހަމަޔަކުން ތޯ ސުވާލު ކުރައްވާފައެވެ. އަދި އިސްލާމް ދީނަށް ހީނަރުކަން ލިބޭގޮތައް ފާޑުފާޑުގެ އިސްލާހުތައް ހެދުން (މަޖިލީހުން އިސްލާހުތައް ފާސްކުރުން) އިންސާފުވެރިތޯ ސުވާލު ކުރައްވާފައެވެ.

ޝައިހް އިލްޔާސް އެފަދައިން ސުވާލު އުފައްދަވާފައި ވާއިރު، މިއަދުގެ މަޖިލީހުން ވަނީ، މި އަހަރު ޒަކާތް ބެހުމުގައި އިސްލާމިކް މިނިސްޓްރީން އަމަލުކޮށްފައިވާ ގޮތް އިޖްތިމާއީ ކޮމިޓީން ދިރާސާކޮށް ނިންމިގޮތުގެ ރިޕޯޓު ފާސްކޮށްފައެވެ. އެ ރިޕޯޓް ފާސްކުރީ ވޯޓްގައި ބައިވެރިވި 58 މެންބަރުންގެ އިއްތިފާގުންނެވެ.

ތޮއްޑޫ ދާއިރާގެ އެމްޑީޕީ މެންބަރު ހަސަން ޝިޔާން ހުށަހަޅުއްވައިގެން އިޖުތިމާއީ ކޮމެޓީން ބެލި މައްސަލާގައި ބުނެފައި ވަނީ ފިތުރު ޒަކާތަކީ ވަކި މުއްދަތެއްގައި އޭގެ ހައްގުވެރިންނާ ހަވާލުކުރަންޖެހޭ އެއްޗަކަށް ވާއިރު، މި އަހަރު ލިސްޓަށް ބަދަލު ގެނައުމަކާ ނުލައި، ޒަކާތް ބެހުމުން ހަމަހަމަ ފުރުސަތު ލިބިފައި ނުވާ ކަމަށެވެ.

އިސްލާމިކް މިނިސްޓްރީން މި އަހަރުގެ ފިތުރު ޒަކާތް ބަހާފައި ވަނީ މިދިޔަ އަހަރު އެކުލަވައިލި ފަގީރުންގެ ލިސްޓަށް ކަމަށް ބުނެ ކުރިމަތި ވެފައިވާ ފާޑުކިޔުންތަކާ ގުޅޭގޮތުން މީގެ ކުރިން މެންބަރުން ސުވާލު ކުރުމުން މިނިސްޓަރު އަހުމަދު ޒާހިރު ވަނީ އެކަމަށްވެސް ޖަވާބު ދެއްވާފައެވެ. އެގޮތުން މިނިސްޓަރު ވިދާޅުވީ ޒަކާތް ބަހާފައި ވަނީ 19 އޮކްޓޯބަރު 2019 ގައި އެކުލަވާލި ލިސްޓަކަށް ކަމަށެވެ. 2019 ވަނަ އަހަރު ދެ ފަހަރެއްގެ މަތިން ފަގީރުންގެ ލިސްޓް އެކުލަވާލިކަން ފާހަގަ ކުރައްވައި މިނިސްޓަރު ވިދާޅުވީ އެ ލިސްޓަކީ މި ހިނގާ 1441 ވަނަ އަހަރު އެކުލަވާލާފައިވާ ލިސްޓެއް ކަމަށެވެ.