އިންޑިއާ ސަރުކާރުގެ ހިލޭ އެހީގެ ދަށުން ރާއްޖޭގެ 61 ރަށެއްގައި އައުޓް ޑޯ ޖިމް ގާއިމްކުރުމަށް ބޭނުންވާ ސާމާނު މިއަދު ހަވާލުކޮށްފިއެވެ.

ގަލޮޅު ރަސްމީ ދަނޑުގައި ބޭއްވި ހާއްސަ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން މިނިސްޓަރު ޝާހިދު ވިދާޅުވީ މިއީ ރާއްޖޭގެ ހުރިހާ ރަށެއްގައިވެސް ދުޅަހެޔޮ ސިއްހަތެއްގައި ތިބުމަށް މަގިފަހިކުރުމަށް ސަރުކާރުން ވީ ވައުދުގެ ތެރެއިން ހިންގޭ ޕްރޮޖެކްޓެއްކަމަށެވެ.

އަދި މިއީ ރަށްރަށުގައި އިޖްތިމާއީ ގުޅުން ވަރުގަދަކޮށް ދޭދޭ ގުޅުންތައް ހަރުދަނާކުރުމަށް މަގުފަހިވެގެންދާނެ ކަމެއްކަމަށްވެސް މިނިސްޓާ ވިދާޅުވިއެވެ.

އެ ޕްރޮޖެކްޓަށް ބޭނުންވާ ފައިސާ ހަމަޖައްސަވައިދެއްވީ އިންޑިއާ ސަރުކާރުން، 2019 ވަނަ އަހަރުގެ މާޗް މަހެވެ. ދިވެހިންގެ މެދުގައި ދުޅަހެޔޮ ސިއްހަތެއްގައި ތިބުމުގެ ރޫހު އިތުރުކޮށް، ހަށިހެޔޮ ދުޅަހެޔޮ ދިރިއުޅުމަަކަށް މަގު ފަހިކުރުމުގެ ގޮތުން 61 ރަށެއްގައި އައުޓް ޑޯ ޖިމް ގާއިމްކުރުމަށް ޔޫތު މިނިސްޓްރީއަށް އަށް މިލިއަން ރުފިޔާގެ އެހީ އިންޑިއާ އިން ވަނީ ހަމަޖައްސައިދީފައެވެ.

އިންޑިއާ ސަރުކާރުގެ އެހީގައި 61 ރަށެއްގައި އައުޓް ޑޯ ޖިމް ގާއިމްކުރުމަށް ބޭނުންވާ ސާމާނު ހަވާލުކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން / ފޮޓޯ: ފޮރިން މިނިސްޓްރީ

އެ ރަސްމިއްޔާރުގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދުއާއި، މިނިސްޓާ އޮފް ފޮރިން އެފެއާޒް އަބްދުﷲ ޝާހިދާއި މިނިސްޓާ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަމަންޓް އަހުމަދު މަހުލޫފުގެ އިތުރުން ދިވެހިރާއްޖެއިން އިންޑިއާއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ސަންޖޭ ސުދީރު ބައިވެރިވެވަޑައިގެންނެވިއެވެ.

މީގެ އިތުރުން އައުޓް ޑޯ ޖިމްތައް ޤާއިމްކުރާ ރަށްރަށް ނިސްބަތްވާ ދާއިރާތަކުގެ ރައްޔިތުންގެ މަޖިލިސް މެންބަރުންނާއި، ސަރުކާރުގެ ބައެއް އިސް އޮފިޝަލުންގެ އިތުރުން އިންޑިއާ ހައިކޮމިޝަންގެ އިސް ބޭފުޅުން މި ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތެވެ.