ރާއްޖެއިން ކޮވިޑް-19 އާށް އިތުރު 67 މީހަކު ޕޮޒިޓިވް ވެފައިވާކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފިއެވެ.
އެޗްޕީއޭން ބުނީ މިއަދު ކޮވިޑަށް ޕޮޒިޓިވް ވި މީހުންގެ ތެރޭގައި ހިމެނެނީ 52 ދިވެހިންނާއި ބަންގްލަދޭޝްގެ 14 މީހުންނާއި އިންޑިއާގެ މީހެއް ކަމަށެވެ.
މިއަދު 67 މީހަކު ޕޮޒިޓިވް ވެފައި ވާއިރު، ބަލި ޖެހިފައިވާ މީހުންގެ ޖުމްލަ އަދަދު 2731 އަށް އަރާފައެވެ. ވޭތުވެދިޔަ 24 ގަޑިއިރު ތެރޭ ބަލިން ރަނގަޅުވެފައި ވަނީ 16 މީހެކެވެ. މިހާތަނަށް ރާއްޖެއިން ބަލިން ރަނގަޅު ވެފައިވާ މީހުންގެ އަދަދު ވަނީ 2284 އަށް އަރާފައެވެ.
ރާއްޖެއިން މިހާރު 2284 މީހުން ރަނގަޅުވެފައި ވާއިރު، ރާއްޖެ ވަނީ ނިއު ނޯމަލްގެ އާ އާންމު ހާލަތަށް ހުޅުވާލާފައެވެ. ބޭރަށް ނުކުމެ އުޅުމާއި ވިޔަފާރިތަކާއި ކެފޭ ރެސްޓޯރަންޓުތަކާއި ޕާކުތައްވެސް ވަނީ ހުޅުވާލާފައެވެ. އަދި މިހާރު މާލެތޭރޭގައި މީހުންނަށް ނުކުމެ އުޅެވޭ ވަގުތުވެސް ވަނީ ފަތިހު 5:00 އިން ރޭގަނޑު 11:00 އަށް ހަމަޖައްސާފައެވެ.
މިވަގުތު ކަރަންޓީންގައި 97 މީހުން ތބި އިރު އައިސޮލޭޝަންގައި 270 މީހުން ތިބި ކަމަށް އެޗްޕީއޭއިން ބުނެއެވެ. އަދި މިބަލީގައި މިހާރު ފަރުވާ ހޯދަމުން ދަނީ 419 މީހެކެވެ.
ކޮވިޑް ބަލީގައި މިހާތަނަށް ރާއްޖެއިން މަރުވީ 13 މީހުންނެވެ. އޭގެ ތެރޭގައި ހިމެނެނީ 8 ދިވެހިންނާއި 5 ބިދޭސީންނެވެ. 8 ދިވެހިންގެ ތެރޭގައި 4 ފިރިހެނުންނާއި 4 އަންހެނުން ހިމެނޭ އިރު އެއީ ދޮށީ އުމުރުގެ މީހުންނެވެ. އެ ގޮތުން މަރުވި ދިވެހިންގެ ތެރޭގައި ހިމެނެނީ 83 އަހަރުގެ އަންހެނަކާއި 89 އަހަރުގެ އަންހެނަކާއި 70 އަހަރުގެ އަންހެނެއްގެ އިތުރުން 80 އަހަރުގެ ފިރިހެނަކާއި 88 އަހަރުގެ ފިރިހެނަކާއި 92 އަަހަރުގެ ފިރިހެނެއްގެ އިތުރުން 80 އަހަރުގެ ފިރިހެނަކާއި 70 އަހަރުގެ ދިވެހި އަންހެނެކެވެ.
މަރުވި ބިދޭސީ މީހުންގެ ތެރޭގައި ހިމެނެނީ 43 އަހަރުގެ ފިލިޕީންސް އަށް ނިސްބަތްވާ ފިރިހެނަކާއި 33 އަހަރުގެ ބަންގްލަދޭޝް ފިރިހެނަކާއި 45 އަހަރުން ބަންގްލަދޭޝް ފިރިހެނެއްގެ އިތުރުން 54 އަހަރުގެ ބަންގްލަދޭޝް ފިރިހެނަކާއި 38 އަހަރުގެ ބަންގްލަދޭޝް ފިރިހެނެކެވެ.