ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަން (އެންއައިސީ)ގެ ނާއިބް ރައީސް ހައްސާން ހަމީދު އަދި އެކޮމިޝަންގެ އިތުރު ދެ މެންބަރަކު އިސްތިއުފާ ދެއްވައިފިއެވެ.
ރައީސް އޮފީހުން ބުނީ ކޮމިޝަނުގެ ނައިބު ރައީސް ހައްސާން ހަމީދާއި ކޮމިޝަނު މެންބަރުން އަހްމަދު އަމީން އަދި ހަދީޖާ އަބްދުﷲ ވަނީ ބުރާސްފަތި ދުވަހު ކޮމިޝަނުން އިސްތިއުފާ ދެއްވާފައިވާ ކަމަށެވެ.
އެންއައިސީން ތިން މެންބަރަކު އިސްތިއުފާދީފައިވާއިރު އެ ކޮމިޝަންގެ ގެ ހަތަރު މެންބަރަކު ވަކި ކުރަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް އަންގަން ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީން ނިންމާފައި ވަނީ މިދިޔަ ޖޫން މަހުގެ އަށް ވަނަ ދުވަހެވެ.
ފަސް މެންބަރުންގެ މައްޗަށް އެކުލެވޭ އެންއައިސީގައި ދެން އިންނަވަނީ އެ ކޮމިޝަނަށް މި ސަރުކާރުން އައްޔަން ކުރެއްވި، ކާނަލް (ރޓޑ) އަހްމަދު ޖިހާދެވެ. ޖިހާދު ކޮމިޝަނަށް އައްޔަންކުރީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހެވެ.
އެންއައިސީގެ މެންބަރުން ވަކިކުރަން ރައީސަށް އަންގާ ގޮތަށް ކޮމިޓީން ނިންމީ، އެ ކޮމިޝަންގެ ގާނޫނުގައި ބުނާ ގޮތުން އެ ކޮމިޝަންގެ މެންބަރުން ވަކި ކުރުމުގެ އިހްތިޔާރު ރައީސަށް އޮންނަ ކަމަށް ބުނެފައިވާތީއެވެ. އެއީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި، ޕީޕީއެމްގެ މެޖޯރިޓީ އޮތް މަޖިލީހުން ފާސްކުރި ގާނޫނެކެވެ. އެއީ 2015 ވަނަ އަހަރުގައެވެ.
އެންއައިސީއަކީ ކަސްޓްމްސް އާއި ފުލުހުންނާއި ކަރެކްޝަންސްގެ އިތުރުން އިމިގްރޭޝަންގެ މުވައްޒަފުން ކުރާ ގާނޫނާއި ގަވާއިދާ ހިލާފު އަމަލުތައް ތަހުގީގު ކުރުމަށާއި އެފަދަ ކަމަކަށް ތުހުމަތުކުރެވި މައްސަލައެއް ހުށަހަޅައިފިނަމަ އެ ކަން ތަހުގީގު ކުރަން އުފައްދާފައިވާ ކޮމިޝަނެކެވެ.