ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ޖިންސީ ގޯނާ ކުރިކަމަށް ބުނާ އޯޑިއޯއެއްގެ ސައްހަކަން ބަލަން ފަށައިފިއެވެ.

ފުލުހުން ބުނީ ހޯމް މިނސްޓަރު އިމްރާން އަބްދުﷲގެ މައްޗަށް އަންހެނަކު ޖިންސީ ގޯނާ ނުވަތަ ފުރައްސާރަ ކޮށްފައިވާ ފަދަ މައްސަލައެއް މޯލްޑިވްސް ޕޮލިސް ސާވިސަށް ހުށަހަޅާފައި ނުވާ ކަމަށެވެ. ނަމަވެސް މިހާރު ސޯޝަލް މީޑިއާގައި ދައުރުވަމުން ދާ އޯޑިއޯ ފުލުހުންގެ ސަމާލުކަމަށް އައިސްފައިވާތީ އޯޑިއޯގެ ސައްހަކަން ބެލުމަށް ކުރަންޖެހޭ ކަންކަން ކުރަމުންދާ ކަމަށް ފުލުހުން ބުނެއެވެ.

އިތުބާރު ހުރި މަސްދަރަކުން މައުލޫމާތުދޭ ގޮތުގައި އިމްރާން ގޭގައި އުޅުނު ކުއްޖަކު ޖެންޑާއަށް މައްސަލަ ހުށަހަޅަން ދިޔަކަމަށް ވެއެވެ. ނަމަވެސް ޖެންޑާއިން އެ މައްސަލަ ބަލައިގެންފައެއް ނުވާ ކަމަށް މައުލޫމާތު ދިން ފަރާތުން ބުނެފައި ވެއެވެ.

ސޯޝަލް މީޑިއާގައި ދައުރުވަމުންދާ އޯޑިއޯގައި އަންހެންނަކު ވާހަކަ ދައްކާ އަޑު އިވޭ އިރު އޭނާ ވަނީ ހޯމް މިނިސްޓަރުގެ މައްޗަށް ބޮޑެތި ތުހުމަތުތަކެއް ކޮށްފައެވެ. އެގޮތުން އިމްރާނާއި ކުރީގެ ޖެންޑާ މިނިސްޓަރު ޝިދާތާ ޝަރީފާ ދެމެދު ގުޅުމެއް އޮތް ކަމަށްވެސް އެ އޯޑީއޯގައި ވާހަކަ ދައްކާ މީހާ ބުނެއެވެ.

"ކައިރިއަށް އަންނަ ހަމަ ކުލައަލި ރީތި ކޮންމެ އަންހެންކާ އޭނާ ހިތާވާނެ، މަށަށް އިމްރާން ނުކިޔައިދީ، ހަމަ ހުވާ މަމިތާ ހަތިމު ކީއްކުރަން ކައުބަތުﷲ ގެފުޅުގަވެސް އަތްލަފާނަން."
ސޯޝަލް މީޑިއާގައި ދައުރުވާ އޯޑިއޯގައި ވާހަކަ ދައްކާ އަންހެން މީހާ

ވާހަކަ ދައްކާ އަންހެން މީހާއަށް ޖިންސީ ގޯނާ ކޮށްފައިވާ ކަމަށްވެސް އޭނާ ބުނެއެވެ. އެންމެ ފުރަތަމަ ފޭސްބުކް އިން ފެނިގެން ރަނގަޅު ދުއާއެއް އޮންނާނެ ކަމަށް އިމްރާނާ ވިދާޅުވި ކަމަށް އެ އަންހެން މީހާ ބުނެއެވެ. އަދި ނުދާން އުޅުނީމައި އިސްތިހާރާ ނަމާދެއް އޮންނާނެ ކަމަށާއި އެއީ ކަމެއް ކުރަން ފަށުމުގެ ކުރިން އެއީ ރަނގަޅު ކަމެއްތޯ ނުވަތަ ނުބައިކަމެއްތޯ ބަލަން ކުރާ ނަމާދެއް ކަމަށް އިމްރާން ވިދާޅުވާ ކަމަށްވެސް އޭނާ ބުނެއެވެ. ދެން އެ ނަމާދު ކުރަން އިނގޭތޯ އައްސަވާ އޭނާ ގެންދިޔަ ކަމަށާއި، ދިޔައީ ތަނެއްގެ (އަދާލަތު ޕާޓީގެ) ރައީސަކު ވިދާޅުވީމައި ކަމަށް އޭނާ ބުނެއެވެ.

އަދި ދިޔައީ ޕާޓީ އޮފީހަށް ނުވަތަ ގެދޮރަށް ނޫން ކަމަށް އޭނާ ބުނެއެވެ. އަދި އޭނާ ދިއުމުން ޖިންސީ ގޯނާ ކުރެއްވވި ވާހަކަ އެ ވީޑިއޯގައި އެމީހާ ހިއްސާކުރިއެވެ. އޭނާ ބުނީ އެއީ ޖިންސީ ގޯނާ ކުރެއްވި ފުރަތަމަ މަރުހަލާ ކަމަށާއި ދެން އޮތް މަރުހަލާވެސް ކިޔައިދޭނަން ކަމަށެވެ.

"ދެން މަވީ ހުންނަން. ފުރަތަމަ މަރުހަލާ އެއީ ދެން އޮތް މަރުހަލާވެސް ކިޔައިދޭނަން. ދެން މަށެއް ނުހުންނާނެއްނު. ވަޒީރެއްގެ ވާހަކަ މަގުމަތީގައި މީހުން ކައިރީ ދައްކާ މީހުންނަށް އޭނާ ފިޔަވަޅުވެސް އަޅާނެ. ނާޅާނެ. މި ވަހަކަ ދައްކައްޗޭ ޔުމްނާ ކައިރީގައި. އެ އަހެން ކުއްޖާ އެންމެން ކައިރީގައި ދައްކާ އިރު ކީއްވެހޭ އިމްރާން މަޑުން އެ ހުންނަނީ، ހަމަ ކަމެއްވީމަ. ކިތައް އަހަަރު އެ ވާހަކަ ދައްކާތާ"
ސޯޝަލް މީޑިއާގައި ދައުރުވާ އޯޑިއޯގައި ވާހަކަ ދައްކާ އަންހެންމީހާ

ވަޒީރެއްގެ މަގާމުގައި ހުރި މީހަކަށް ތުހުމަތުކޮށްފައި މަގުމަތީގައި އެފަދަ ވާހަކައެއް ދައްކަމުން ދާ ނަމަ އެމީހަކާ މެދު ފިޔަވަޅު އަޅާނެ ކަމަށް އެ އަންހެން މީހާ ބުނެއެވެ. ނަމަވެސް އެ އަންހެން މީހާ އެވާހަކަތައް ދައްކަމުން ދާ އިރު މިނިސްޓަރު އިމްރާން މަޑުން ހުންނެވުމާ މެދު އޭނާ ވަނީ ސުވާލު އުފައްދާފައެވެ. އަދި އިމްރާން މަޑުން ހުންނަވަނީ ކަމެއް ވީމައި ކަމަށާއި އެ ވާހަކަތައް ދައްކާތާ އެތައް އަހަރު ތަކެއް ވެއްޖެ ކަމަށް އޭނާ ބުނެއެވެ. އަދި އޭނާ ބޭނުން ވަނީ މިނިސްޓަރު އިމްރާންގެ އަނބިކަނބަލުން ޔުމްނާއާ ބައްދަލު ކުރަން ކަމަށާއި ބައްދަލު ނުވެއްޖެ ނަމަ ރައީސް މުހައްމަދު ނަޝީދުގެ އަރިހަށް ދާނެ ކަމަށް އޭނާ ބުނެއެވެ.

މިހާރު ޖެންޑާ މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު ކަމުގެ މަގާމުގައި ހުންނެވީ އިމްރާންގެ ހަނގު އަނބިކަނބަލުން ފާތިމަތު ޔުމްނާއެވެ.

ފަހަކަށް އައިސް ޖިންސީ ގޯނާގެ މައްސަލަތައް ގިނަވަމުން އައިސްފައިވާ އިރު ސަރުކާރުގެ އިސް މަގާމުތަކުގައި ތިއްބަވާ މީހުންނަށް އެފަދަ ތުހުމަތުތައް އަންނަނީ ކުރަމުންނެވެ. އެ ގޮތުން ދާދި ފަހުން ޓޫރިޒަމް މިނިސްޓަރުގެ މަގާމުގައި ހުންނެވި އަލީ ވަހީދުގެ މައްޗަށް ވެސް ވަނީ އެފަދަ ތުހުމަތުތަކެއް ޓޫރިޒަމްގެ މުވައްޒަފުންތަކެއް ކުރުމާއެކު އޭނާ މަގާމުން ވަކިކޮށްފައެވެ. އެ މައްސަލައިގައި އަލީ ވަހީދު ޖިންސީ ގޯނާ ކުރައްވައިފައި ވަނީ ޓޫރިޒަމް މިނިސްޓްރީގެ 12 މުވައްޒަފުންނަށް ކަމަށް މައުލޫމާތު ލިބެއެވެ.