ބޯކޮށް ވާރޭވެހި ފެންބޮޑުވުމުގެ ސަބަބުން ނޭޕާލްގައި ހިނގި ބިންގަނޑުކަނޑައިގެން ދިއުމުގެ ހާދިސާތަކުގައި މަރުވި މީހުންގެ އަދަދު 40 އަށް އަރައިފިއެވެ.

ބައެއް މީހުންނަށް އެކި ވަރުގެ ޒަހަމްތައް ލިބިފައިވާއިރު، ބައެއް ސަރަހައްދުތަކުން ވީނުވީއެއް ނޭނގި، މީހުން ގެއްލިފައިވާ ކަމަށްވެސް ޚަބަރު ލިބެއެވެ.

މި ހާދިސާތަކާ ގުޅިގެން އެތައް ހާސް ބައެއްގެ ގެދޮރު ގެއްލިފައިވާކަމަށް ނޭޕާލްގެ އޮފިޝަލުން މައުލޫމާތު ދެއްވައެވެ.

އިންޑިއާއާއި ނޭޕާލް ހިއްސާކުރާ ބޯޑަރު ސަރަހައްދުގައި އޮންނަ ކޯޝީ ކޯރުގެ ފެންގަނޑު މިހާރު ވަނީ، ނުރައްލާ ދަރަޖައިގެ ފާހަގައަށްވުރެ މައްޗަށް އުފުލިފައި ކަމަށް ފުލުހުންނާ ހަވާލާދީ ބައިނަލްއަގުވާމީ މީޑިއާއިން ވަނީ ރިޕޯޓްކޮށްފައެވެ. މި ކޯރުގެ ފެންގަނޑު ބޮޑުވުމުގެ ސަބަބުން، އިންޑިއާގެ އިރުމަތީ ސްޓޭޓެއް ކަމަށްވާ ބިހާރުގައިވެސް ކޮންމެ އަހަރަކުހެން ފެންބޮޑުވުމުގެ ހާދިސާތައް ހިނގުމަށް މެދުވެރިވެއެވެ.

ކޮންމެ އަހަރެއްގެވެސް ޖޫން މަހާ ސެޕްޓެމްބަރު މަހާ ދެމެދު ހޭދަވާ މުއްދަތަކީ، ފަރުބަދަ މަތީ ނޭޕާލްގައި ފެންބޮޑުވުމާ، ބިންގަނޑުކަނޑައިގެން ދިއުމުގެ ހާދިސާތައް ގިނަ ދުވަސްވަރެކެވެ.