ޖިންސީ ފުރައްސާރައިގެ މައްސަލަތަކުގެ ޒިންމާ ނަގަން ޖެހޭނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ކަމަށް އިދިކޮޅު ކޯލިޝަނުން ބުނެފިއެވެ.

ޕީޕީއެމް އިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޕީޕީއެމްގެ ޗީފް ސްޕޯކްސްޕާސަން ހީނާ ވަލީދު ވިދާޅުވީ ޖިންސީ ގޯނާ އާއި ރޭޕް ކޭސްތަކުގެ މައްސަލަތަކަކީ މި ސަރުކާރުން ސީރިއަސް މައްސަލައިގެ ގޮތުގައި ނުބަލާ މައްސަލަތަކެއް ކަމަށާއި ކޮންމެ ކަމެއްގައިވެސް އޮންނަނީ "ޕަބަލިކް ޕްރެޝާ" ކަމަށެވެ.

އާންމުންގެ ނުފޫޒު ގަދަވުމުން އެ މައްސަލަ އެއް ބަލާ ކަމަށާއި ސަރުކާރުން އެކަމަށް ފިޔަވަޅު އަޅާ ކަމަށް އޭނާ ވިދާޅުވިއެވެ. އެގޮތުން ސަރުކާރުގެ މުއައްސަސާގެ ތެރއިން އެފަދަ އެތައް މައްސަލައެއް އެތައް މައްސަލައެއް ފެންމަތިވެފައި ވާއިރު، ކަމާބެހޭ ފަރާތްތަކުންނާއި ދައުލަތުގެ އެންމެ މަތީ ފަރާތްތަކުން އެކަމެއްގައި ނަގަން ޖެހޭ އެންމެ ފުރިހަމަ ފިޔަވަޅު އަޅާފައިނުވާ ކަމަށް އިދިކޮޅުން ވަނީ ފާހަގަ ކޮށްފައެވެ.

އެގޮތުން ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދުގެ ގިނަ މައްސަލަތަކެއް އައިސްފައިވާ ކަން ފާދަ ކުރައްވާ ހީނާ ވިދާޅުވީ ސަރުކާރުގެ އެންމެ އިސްވެރިންނާ ހަމައަށް ރިޕޯޓް ކުރެވުނު ކަމުގައިވާ ނަމަވެސް ބައެއް މައްސަލަތައް އޮއްބާލުމާއި މަޑުޖައްސާލުމާއި އިންސާފު ނުލިބި ދާތަން އެބަ ފާހަގަވާ ކަމަށާއި އެފަދަ ކަންތައްތަކުގެ ސަބަނުން ކަންބޮޑުވުން ފާޅުކުރައްވާ ކަމަށެވެ. އަދި އެފަދަ މައްސަލަތަކުގެ ޒިންމާ ނަންގަވަން ޖެހޭނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ކަމަށްވެސް އެ ކޯލިޝަނުން ބުނެއެވެ.

ޖިންސީ ފުރައްސާރަ އާއި ޖިންސީ ގޯނާގެ މައްސަލަތަކުގައި އެކަށީގެންވާ ފިޔަވަޅެއް އެޅިފައި ނެތުމުން އެފަދަ ކުއްތައް ދަނީ އިތުރު ވަމުން، މިކަމުގެ ސަބަބުން އަންހެނުންގެ އިންސާނީ ކަރާމާތް ނިގުޅައިގަތުމަކީ އަންހެނުންގެ ހައިސިއްޔަތުން ވަރަށް ކަންބޮޑުވާ ކަމެއް. މިފަދަ މައްސަލަތައް ސަރުކާރުގެ އެންމެ އިސްވެރިންނާ ހަމައަށް ރިޕޯޓް ކުރެވުނުކަމުގައިވާ ނަމަވެސް ބައެއް މައްސަލަތައް އޮއްބާލުމާއި މަޑުޖައްސާލުމާއި އިންސާފު ނުލިބި ދާތަން އެބަ ފާހަގަވޭ، މިފަދަ ކަންތައްތަކުގެ ސަބަނުން ކަންބޮޑުމުން ފާޅުކުރަން، ކޯލިޝަނުން ގަބޫލުކުރާ ގޮތުގައިި އިންސާފް ހޯދުމަށް ދާންޖެހޭ ދިމާއެއް ނޭންގޭ، އިންސާފް ލިބޭން ކަމުގެ އެއްވެސް ޔަގީން ކަމެއް ނޭންގޭ، މިކަމުގައި އަޅުގަނޑުމެންގެ ކޯލިޝަނުން ގަބޫލުކުރާ ގޮތުގައި ދައުލަތުގެ އެންމެ އިސްވެރިޔާގެ ހައިސިއްޔަތުން ޒިންމާ ނަގަން ޖެހޭނީ ރައީސް ސޯލިހް، ހަމަސީދާ ޒިންމާ ނަންގަވަން ޖެހޭނެ
އިދިކޮޅު ކޯލިޝަން

އިދިކޮޅު ކޯލިޝަނުން މިފަދަ މޭރުމަކުން ވާހަކަ ދައްކަވާފައި ވަނީ، ޓޫރިޒަމް މިނިސްޓަރުކަމުގައި ހުންނަވައި ޓޫރިޒަމް މިނިސްޓްރީގެ މުވައްޒަފުންތަކަށް ޖިންސީ ގޯނާކޮށްފައިވާ ކަމަށް ތުހުމަތުކުރެވޭ މައްސަލައެއް ފެންމަތިވެ ޓޫރިޒަމް މިނިސްޓަރުކަމުން އަލީ ވަހީދު ވަކިކޮށްފައިވާ ދަނޑިވަޅެއްގައެވެ.

ހަމަ އެހެންމެ އަލީ ވަހީދުގެ މައްސަލައާ ގުޅިގެން އެ މިނިސްޓްރީގެ ސީނިޔާ ޕޮލިސީ ޑިރެކްޓަރުގެ މަގާމުގައި ހުންނެވި މުހައްމަދު ހައްސާން ފުއާދުވެސް މަގާމުން ވަކިކޮށްފައިވާ ދަނޑިވަޅެއްގައެވެ.