ޕީޖީ އޮފީހުގެ އިދާރީ މުވައްޒަފަކު ކޮވިޑަށް ޕޮޒިޓިވް ވެއްޖެ

"ފަ ޕްރެސް" އަށް މައުލޫމާތު ދެއްވަމުން ޕީޖީ އޮފީހުގެ ޕަބްލިކް ޕްރޮސިކިއުޓާ އަހްމަދު ޝަފީއު ވިދާޅުވީ އެ އޮފީހުގެ އިދާރީ މުވައްޒަފެއް ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވާތީ މިއަދުން ފެށިގެން އެ އޮފީހުގެ ހުރިހާ މުވައްޒަފުން ގޭގައި މަސައްކަތްކުރަން ނިންމަފައިވާ ކަމަށެވެ.

އޭގެ އިތުރުން މިއަދު އޮފީސް ޑިސްއިންފެކްޓް ކުރުމާއި ޕޮޒިޓިވްވި މުވައްޒަފާ ޑައިރެކްޓް ކޮންޓެކްޓްވި މުވައްޒަފުން ދެނެގަނެ އެޗްޕީއޭއަށް އެންގުމުގެ މަސައްކަތް ކުރިއަށްދާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

މި ހަފްތާގައި އޮފީހުގައި މަސައްކަތްކުރި މުވައްޒަފުން މިމަހުގެ 12 ވަނަ ދުވަހުން ފެށިގެން ގޭގައި މަސައްކަތްކުރަން ނިންމާފައިވާ ކަމަށާއި މިމަހުގެ 05 އިން 09 ޖުލައި އަށް ގޭގައި މަސައްކަތްކުރި މުވައްޒަފުން، 12 ޖުލައި އިން ފެށިގެން އޮފީހުގައި މަސައްކަތްކުރަން ނިންމާފައިވާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ކޮވިޑް-19 އާ ގުޅިގެން އެކަށައަޅާފައިވާ އުސޫލުތަކާއެއްގޮތަށް މެދުކެނޑުމެއްނެތި އޮފީހުގެ މައްސަކަތްތައް ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާ ކަމަށްވެސް ޝަފީއު ވިދާޅުވިއެވެ.

ޕީޖީ އޮފީހުގެ މުވައްޒަފަކު ކޮވިޑަށް ޕޮޒިޓިވްވުމާ ގުޅިގެން އޮފީސް ޑިސްއިންފެކްޓް ކުރުމުގެ މަސައްކަތް ކުރިއަށް ގެންދާތީ މިއަދު ކްރިމިނަލް ކޯޓުގައި ބާއްވަން ތާވަލުކުރި ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ މައްޗަށް ކުރާ ދައުވާގެ އަޑުއެހުން ވަނީ ކެންސަލް ކޮށްފައެވެ.