ހުޅުމާލޭ 2 ވަނަ ފިޔަވަހީގައި އަޅާފައިވާ 25 ބުރީގެ ޓަވަރުތަކުގެ މަސައްކަތް ނިންމުމަށް އިތުރު 8 މަސް ދުވަސް ބޭނުންވާ ސަބަބު އޮޅުން ފިލުވައި ދިނުމަށް އިދިކޮޅު ކޯލިޝަނުން ގޮވާލައިފިއެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ފަށާފައިވާ ހިޔާ މަޝްރޫއުގެ ދަށުން ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި އަޅަމުން ގެންދާ ފްލެޓްތަކާއި ގުޅުވައިގެން ސަރުކާރުގެ ފަރާތުން ދޮގު ހަދާ ރައްޔިތުންނަށް ހަގީގަތް އޮޅުވާލާ ދައްކަމުން ގެންދާ ވާހަކަތަކާ ގުޅިގެން ރައްޔިތުންގެ ފަރާތުން ޝަކުވާތައް ލިބެމުންދާ ކަަމަށް އިދިކޮޅު ކޯލިޝަނުން ބުނެއެވެ. އެހެންކަމުން އެ ކަމުގެ ހަގީގަތް ރައްޔިތުންނަށް ހާމަކޮށްދިނުމަށް ފްލެޓްތަކުގެ މަސައްކަތް ހިނގަމުންދާ ގޮތް ބަލާލުމަށް ހުޅުމާލޭ 2 ވަނަ ފިޔަވައްސަށް އެ ކޯލިޝަންގެ ލީޑާޝިޕުން ވަނީ ޒިޔާރަތްކޮށްފައި ކަމަށް އިދިކޮޅުން ބުނެއެވެ.

އެގޮތުން ޒިޔާރަތްކޮށް ބެލި ބެލުމުން 25 ބުރީގެ ޓަވަރުތަކުގެ މަސައްކަތްތައް ނިންމުމަށް އިތުރު 8 މަސް ބޭނުންވާނެ ކަމަށް ބުނެ ސަރުކާރުގެ ފަރާތުން ދައްކަމުން ގެންދާ ބަހަނާ ތަކަކީ އެއްވެސް ހަގީގަތެއް ނޫންކަމަށް އިދިކޮޅުން ބުނެއެވެ. އަދި އެތަންތަން ނިންމާ ރައްޔިތުންނާއި ހަވާލުކުރުމަށް އިތުރު 8 މަސް ބޭނުންވާން ޖެހޭ ސަބަބަކީ ކޮބައިކަން ތަފްސީލްކޮށް ރައްޔިތުންނަށް ހާމަކޮށް ދިނުމަށް އިދިކޮޅުން ގޮވާލާފައި ވެއެވެ.

ހަމައެއާއެކު ހުޅުމާލޭގެ 2 ވަނަ ފިޔަވަހީގައި ރައްޔިތުން ދިރިއުޅެން ފެށުމަށްޓަކައި ސަރުކާރުގެ ފަރާތުން ގާއިމްކޮށްދޭން ޖެހޭ ހިދުމަތްތައް އޭރު ޕްލޭން ކޮށްފައިވާ ގޮތަށް މަސައްކަތް ކޮށްފައި ނުވާކަމަށް އެކޯލިޝަނުން ބުނެއެވެ. އަދި ކުރީ ސަރުކާރުން ނިންމާފައިވާ ގޮތަށް މަސައްކަތްތައް ކުރިއަށް ގެންދިޔަނަމަ 2019 ވަނަ އަހަރުގެ ޖުލައި މަހުގެ ތެރޭގައި އެތަނުގައި ދިރިއުޅެން ބޭނުންވާ ހުރިހާ ވަސީލަތެއް ގާއިމްކުރެވި ރައްޔިތުން އެތަނަށް އަވަހަށް ވަދެ ދިރިއުޅެވޭ ވަރު ވާނެ ކަމަށް ވެސް އިދިކޮޅުން ބުނެއެވެ.

ހުޅުމާލޭ 2 ވަނަ ފިޔަވަހީގައި ފަށާފައިވާ ފްލެޓްތައް ނިންމާ އޭގެ ހައްގުވެރިންނަށް ހަވާލު ނުކޮށް ހުރުމާއި 2 ވަނަ ފިޔަވަހީގައި ކުރަންޖެހޭ މަސައްކަތްތައް އެއް ގޮތަކަށް ވެސް ކުރިއަށް ނުގޮސް ހުރުމަކީ މި ސަރުކާރުގެ ދޯހަޅިކަން އިތުރަށް ހާމަވެ ރައްޔިތުންނަށް މި ސަރުކާރުން ކަންކަން ކޮށްދޭން ބޭނުންނުވާކަމަށް ދެކެވެމުންދާ ވާހަކަތަކަކީ ހަގީގަތެއްކަން އެނގިގެން ހިނގައްޖެ ކަމަށް އެ ކޯލިޝަނުން ބުނެއެވެ.

ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ގާއިމް ކުރެވެމުންދާ ފްލެތްތަކާއި އެތަނުގެ މަސައްކަތްތަކާ ބެހޭ ގޮތުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އަދި ހައުސިންގް މިނސްޓަރު މުހައްމަދު އަސްލަމް ދެއްކެވި ވާހަކަތައް ދިމާނުވާ ކަމަށާއި އެ ދެބޭފުޅުންގެ މައުލޫ އެއްވެސް ގޮތަކަށް އޮޅުން ފިލާފައި ނުވާކަމަށް އިދިކޮޅުން ބުނެއެވެ.

މިދިޔަ ހޯމަ ދުވަހު ހައުސިން މިނިސްޓްރީގައިބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން މިނިސްޓަރު އަސްލަމް ވިުދާޅުވެފައި ވަނީ، ހިޔާ މަޝްރޫއުގެ ފްލެޓްތަކަށް މީހުންނަށް ވަދެވޭވަރު ވާނީ 8 މަސް ދުވަސް ފަހުން ކަމަށެވެ. އެގޮތުން ދެ ވަނަ ފިޔަވައްސަށް ދާއިމީ ކަރަންޓާއި ފެނުގެ ހިދުމަތަށް ސްޓެލްކޯ އާއި އެމްޑަބްލިއުއެސްސީގެ މަސައްކަތަށް ނިންމުމަށް ވެސް 8 މަސް ނަގާނެ ކަމަށް އަސްލަމް ވިދާޅުވެފައި ވެއެވެ.

ދެ ވަނަ ފިޔަވަހީގައި އަޅާ 25 ބުރީގެ 16 ޓަވަރުގެ ގްރައުންޑް ފްލޯ ވިޔަފާރި ބޭނުންތަކަށް ހާއްސަކުރުމުން ފްލެޓްތަކުގެ ޖުމްލައަކީ މިހާރު 6،720 އެވެ. މިތަންތަން ހަވާލު ކުރަން ނިންމާފައި ވަނީ ފިނިޝިން ނުލައެވެ. އަދި މި ފްލެޓްތަކުގެ ތެރޭގައި މުޅިންވެސް ހިމެނެނީ 2 ކޮތަރީގެ ފްލެޓްތަކެވެ.