ސިޔާސީ ކަންކަމުގެ ތެރެއިން ފަސް މިލިއަން ޑޮލަރު ލިބިވަޑައިގެންނެވި ކަމަށާއި އެ ފައިސާ ހުރީ ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ އަތްޕުޅުގައި ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެއެވެ.

ހައިކޯޓުގައި މިއަދު އޮތް ޝަރީއަތުގެ މަޖިލީހުގައި ވާހަކަ ދައްވަމުން ރައީސް ޔާމީން ވިދާޅުވީ އެމަނިކުފާނަށް ސިޔާސީ ގޮތުން ފަސް މިލިއަން ޑޮލަރު ލިބިވަޑައިގެންނެވި ކަމަށެވެ. ނަމަވެސް އޭގެ އިތުރު ތަފްސީލެއް ވިދާޅެއް ނުވެއެވެ.

ރައީސް ޔާމީން އެފަދައިން ވިދާޅުވީފައި ވާއިރު، ސައުދީ އަރަބިއްޔާއިން 5 މިލިއަން ޑޮލަރެއް ލިބުނު ކަމަށާއި އެ ފައިސާ ސައުދީން ރާއްޖެ ގެންނެވީ އަދީބާއި ކުރީގެ ފިޝަރީޒް މިނިސްޓަރު މުހައްމަދު ޝައިނީ ކަމަށް ކުރިން ވަނީ ތުހުމަތު ކުރެވިފައެވެ. މިއަދުގެ އަޑުއެހުމުގައި ރައީސް ޔާމީން ވިދާޅުވީ ސައުދީން ލިބުނު ފައިސާ ބަލައި ވަޑައިގެންނެވީ ކުރީގެ ނައިބު ރައީސް އަހުމަދު އަދީބާއި ކުރީގެ ފިޝަރީޒް މިނިސްޓަރު މުހައްމަދު ޝައިނީ ކަމަށާއި ލޯންޗު ގޮއްވާލި ހާދިސާއާ ހަމައަށް އެ ފަސް މިލިއަން ޑޮލަރު ހުރީ ނައިބު ރައީސް އަދީބުގެ އަތްޕުޅުގައި ކަމަށެވެ.

އެއް މިލިއަނެއް ނޫން އަދީބު އަތުގަ، އަޅުގަނޑުގެ ރުފިޔާގެ ގޮތުގަ ހުންނާނީ. ސިޔާސީ އެކި ގޮތްގޮތުން ފަސް މިލިއަން ޑޮލަރު ލިބުނު، ޝައިނީ އާއި އަދީބު ދިޔައީ 5 މިލިއަން ޑޮލަރު ބަލާ، އެ ފައިސާ ހުންނާނީ އަދީބުއަތުގަ، ދައުލަތުގެ ފައިސާ ދޭކަށް އަޅުގަނޑު ނުބުނަން،
ރައީސް ޔާމީން

މިއަދުގެ އަޑުއެހުމުގައި ރައީސް ޔާމީން ވިދާޅުވީ ގއ. ވޮޑުމުލާ އާ އެއްވެސް ގުޅުމެއް ނެތް ކަމަށާއި އެއީ އޮންނަ ރަށެއްކަން ވެސް އެނގިވަޑައިގެންނެވީ ކުރިމިނަލް ކޯޓުގެ ޝަރީއަތުގެ މަޖިލީހުގައި ކަމަށެވެ. އަދި ގއ. ވޮޑުމުލާ އާ ދައުލަތުން ގުޅުވަނީ އެއްވެސް އަސާސެއް އޮވެގެން ނޫން ކަމަށް ވެސް ރައީސް ޔާމީން ވިދާޅުވެއެވެ.

މި މައްސަލަ ބެލި ފުލުހުންނަށް އެނގޭނެ ވޮޑުމުލާ ލިބިފައި އޮތީ ކޮން ބަޔަކަށްކަން، އެ ރަށަށް ބޭރުގެ ބަޔަކަށް ދިނުމުގައި އުޅުނީ އަދީބުގެ ގާތް އެކުވެރިން، އެ ރަށް ލިބުނީ އަދީބުގެ ވަރަށް ގާތް ދެ އެކުވެރިންނަށް،
ރައީސް ޔާމީން

ރައީސް ޔާމީންގެ ވާހަކަފުޅުގައި ވިދާޅުވީ އަދީބުގެ އަތުން ފައިސާ ހޯއްދެވުމަށް ގުޅުއްވާފައި ވާނެ ކަމަށާއި ނަމަވެސް އެއީ ދައުލަތުގެ ފައިސާއެއް ނުވަތަ ވޮޑުމުލާގެ ފައިސާ ހޯދުމަށް ނޫން ކަމަށް ވިދާޅުވިއެވެ. ރައީސް ޔާމީންގެ ގިނަ އަދަދެއްގެ ފައިސާ އަދީބުގެ އަތްޕުޅުގައި ހުރި ކަމަށާއި ލޯންޗުކޮޅު ހާދިސާއަށް ފަހު އެ ފައިސާ ހޯއްދަވަން ބޭނުންފުޅުވި ކަމަށްވެސް ވިދާޅުވިއެވެ. ރައީސް ޔާމީން އެ ވާހަކަ ދައްކަވާފައި ވަނީ ފަނޑިޔާރު ދެއްވި 10 މިނެޓްގެ ތެރޭގައެވެ.

ރައީސް ޔާމީންގެ ގާނޫނީ ވަކީލުންގެ ޓީމުން މައްސަލާގައި ހުލާސާ ގޮތެއްގައި ދައްކަން ބޭނުންވާ ވާހަކަތައް ދައްކަވާފައި ވާއިރު ގާފަހަ ކޮށްފައި ވަނީ އިސްތިއުނާފީ ނުކުތާގެ ގޮތުގައި ހުށަހެޅި 75 ނުކުތާގެ ތެރެެއިން ބައެއް ކަންކަންކަމެވެ. ރައީސް ޔާމީންގެ ވަކީލް، ކުރީގެ ނައިބު ރައީސް މުހައްމަދު ޖަމީލު އަހުމަދު ވިދާޅުވީ ރައީސް ޔާމީން ކުރެއްވި ކުށެއް ސާފު ނުވާ ކަމަށާއި އޭސީސީގެ ތަހުގީގު އެއްވެސް ރިޕޯޓެއްގައި ރައީސް ޔާމީނަށް ތުހުމަތެއް ކޮށްފައިނުވާ ކަމަށެވެ. އެގޮތުން އެމަނީ ލޯންޑްރިންގެ ކުށުގެ ތުހުމަތަށް ސުވާލު ވެސް ކޮށްފައި ނުވާ ކަމަށް ޖަމީލް ވިދާޅުވި އިރު، ޔާމީން މަނީލޯންޑާ ކުރެއްވި ފައިސާއަކީ ވޮޑުމުލާގެ ފައިސާކަން ދައުލަތުގެ ކަނޑައެޅި އަސާސެއް ސާބިތުކޮށް ނުދެވޭ ކަމަށް ވުމުން އެ މައްސަލާގައި ހިނގާފައިވާ ކޮރަޕްޝަންގެ އަމަލަކީ ކޮބައި ކަމެއް ވެސް ސާފު ނުވާ ކަމަށް ތަކުރާރުކޮށް ވަނީ ވިދާޅުވެފައެވެ.

ރައީސް ޔާމީންގެ ފަރާތުން ދެއްކި ވާހަކަތަކަށް ރައްދު ދެއްވަމުން ދައުލަތުގެ ވަކީލް އައިޝަތު މުހައްމަދު ވިދާޅުވީ އެ މައްސަލައަކީ އޭސީސީއިން ހިންގި ތަހުގީގެއްގެ މައްޗަށް ކުރިއަށްދާ މައްސަލައެއް ނޫން ކަމަށައި އެއީ ފުލުހުން ބަލަމުންދާ މައްސަލައެއް ކަމަށެވެ. ފުލުހުން ހިންގި ތަހުގީގުގައި އޮތް މަނީ ލޯންޑްރިންގެ ތުހުމަތު، ޝަތީއަތުގެ މަޖިލީހުގައި އިއްވައި އެކަމާ ގުޅޭ ގޮތުން ރައީސް ޔާމީނާ ސުވާލު ކޮށްފައި ވާނެ ކަމަށާއި، އެސްއޯއެފްއިން ރައީސް ޔާމީނަށް ޖަމާކުރީ ވޮޑުމުލާގެ ފައިސާކަން ސާބިތުވާ ކަމަށް ދައުލަތުގެ ފަރާތުން ބުނެއެވެ.

ފަހު ބަސް އިއްވުމަށް ފުރުސަތު ދެއްވުމުން ރައީސް ޔާމީން އެދިވަޑައިގެންނެވީ ވަކީލުންނާ ބައްދަލު ކުރައްވައި ޖަވާބު ތައްޔާރުކުރުމަށް ފުރުސަތެއް ދެއްވުމަށެވެ. ސަބަބަކީ މިހާރު ވަކީލުންނާ ބައްދަލު ނުކުރެވޭ އިރު، ފޯނުން ގުޅުއްވައިގެން ވާހަކަ ދެއްކުމަށް ލިބޭިވަޑައިގަންނަވާ 10 މިނެޓްގައި ހުރިހާ މަޝްވަރާއެއް ނުކުރެއްވޭ ކަމަށެވެ. ފަނޑިޔާރުންގެ ބެންޗުން ވަނީ ރައީސް ޔާމީންއާ ވަކީލުން ބައްދަލު ކުރެވޭނެ އިންތިޒާމް ހަމަޖެހޭތޯ ބެލުމަށް ދައުލަތަށް އަންގާފައެވެ.

މަނީ ލޯންޑަރިންގެ ކުށް ސާބިތުވެ، ފަސް މިލިއަން ޑޮލަރުން ޖޫރިމަނާކޮށް، ފަސް އަހަރަށް ޖަލަށް ލުމަށް ކްރިމިނަލް ކޯޓުން އިއްވި ހުކުމް އިސްތިއުނާފު ކުރުމަށް ހުށަހަޅާފައިވާ މައްސަލާގައި މިއަދުގެ ޝަރީއަތަކީ ފަހު ބަސް އިއްވުމަށް ބޭއްވި އަޑުއެހުމެވެ. އެއީ ރައީސް ޔާމީންގެ އެކައުންޓަށް އެސްއޯއެފް ކުންފުނިން ޖަމާކުރި އެއް މިލިއަން ޑޮލަރު، އޭސީސީގެ އެކްސްކުރޯ އެކައުންޓަށް ޖަމާކުރުމުގެ ބަދަލުގައި އެ ސޭވިން އެކައުންޓަކަށް ޖަމާކޮށް އޭގެ މަންފާ ހޯއްދެވި މައްސަލައެވެ. މިއަދުގެ އަޑުއެހުމާ ގުޅިގެން ދައުލަތުން ބުނަނީ އެސްއޯއެފްއިން ރައީސް ޔާމީންގެ އެކައުންޓަށް ޖަމާކުރި އެއް މިލިއަން ޑޮލަރަކީ ގދ. ވޮޑަމުލާ ކުއްޔަށް ދޫކޮށްގެން އެމްއެމްޕީއާރްސީއަށް ލިބުނު ފައިސާ ކަމަށެވެ.