ރޭ އިންގްލިޝް ޕްރިމިއާ ލީގުުގައި އާސަނަލްއާ ލެސްޓާ ސިޓީ ކުޅުނު މެޗު 1-1 އަކުން އެއްވަރު ވެއްޖެވެ.
މިމެޗުުގެ 21 ވަނަ މިނެޓްގައި އާސަނަލްއަށް ލީޑު ނަގާދަނީ ކެޕްޓަން ޕިޔޭ އެމްރިކް އޮބަމިޔޭންގްއެވެ. މިއީ ސީޒަންގައި އޭނާ ކާމިޔާބުކޮށްދިން 20 ވަނަ ލަނޑެވެ.
މިމެޗުގެ ކުރިން ކުޅުނު ހަތަރު މެޗުން ވެސް މޮޅުވެފައިވާ އާސަނަލްއިން ރޭގެ މެޗުގައި ވެސް ގިނަ ފުރުސަތުތަކެއް އުފެއްދި ނަމަވެސް ލެސްޓާގެ ކީޕަރު ކެސްޕާ ޝްމައިކަލް ވަނީ މުހިއްމު ސޭވްތަކެއްކޮށް ސްކޯ 1-0 ގައި ހިފަހައްޓާފައެވެ. އޭނާގެ ފަރާތުން ފެނުން މި މޮޅު ކުޅުމުގެ ސަބަބުން މެޗުގައި ލެސްޓާއަށް ޕޮއިންޓެއް ހޯދުމުގެ ފުރުސަތު އިތުރުވި އިރު މެޗުގެ 75 ވަނަ މިނެޓްގައި އާސަނަލްގެ އެންކާޓީއާއަށް ދެއްކި ރަތްކާޑާއެކު ލެސްޓާގެ ކުޅުން އަވަސްކުރިއެވެ.
ދެވަނަ ހާފްގައި ކުޅެން ނިކުތް އެންކާޓީއަށް ރަތްކާޑު ދެއްކީ ދަނޑަށް އެރިތާ 4 މިނެޓްގެ ތެރޭގައި ލެސްޓާގެ ޖޭމީ ވާޑީއަށް ކުރި ނުރައްކާތެރި ފައުލަށެވެ.
އެއަށް ފަހު ލެސްޓާއިން ދިހަ މީހުންނާ އެކު ކުޅުނު އާސަނަލްގެ ގޯލަށް ގިނަ ހަމަލާތަކެއް އަމާޒުކުރި އިރު 1-1 ސްކޯ ހެދީ ޑާމާރައި ގްރޭ ނަގާދިން ހުރަހެއް ގޯލަށް ވައްދާލައިގެން ލެސްޓާގެ ކުޅަދާނަ ފޯވަޑް ވާޑީއެވެ.
އާސަނަލް އަތުން ޕޮއިންޓެއް ހޯދިނަމަވެސް ރޭ ޗެލްސީ ކުޅުނު މެޗުން އެޓީމު މޮޅުވުމުން ލެސްޓާ މިވަނީ ތާވާލުގެ ތިނަކުން ހަތަރަކަށް ވެއްޓިފައެވެ. އެހެން ނަމަވެސް ފަސްވަނައިގައި އޮތް މެންޗެސްޓާ ޔުނައިޓަޑާ ލެސްޓާއާ ދެމެދު ހަތަރު ޕޮއިންޓްގެ ތަފާތެއް އެބައޮތެވެ.
އާސަނަލްއަށް ލިބުނު ޕޮއިންޓާއެކު އެޓީމު އަދި ވެސް އޮތީ 7 ވަނައިގައެވެ. އަދި ސީޒަން ނިމެންދާ އިރު ގަދަ ހަތަރަކަށް އެރުމުގެ އުއްމީދު އެޓީމަށް ދަނީ ފަނޑުވަމުންނެވެ.