މީހަކު މަރާލަން ރައްޔިތުން މަޖިލީހަށް ހުށަހެޅުމަކީ އިސްލާމް ދީނުގެ ހަމަތަކާ ހިލާފް ކަމެއް ކަމަށް އޭދަފުށީ ދާއިރާގެ މެންބަރު އަހްމަދު ސަލީމް ވިދާޅުވެއްޖެއެވެ.

މެންބަރު ސަލީމް ވިދާޅުވީ މީހަކު މަރާލަން މަޖިލީހަށް ގަރާރެއް ހުށަ ނޭޅޭނެ ކަމަށާއި އެއީ އިސްލާމީ ހަމަތަކާއި ދުނިޔަވީ ހަމަތަކާވެސް ހިލާފް ކަމެއް ކަމަށެވެ. އަދި އެފަދަ ވާހަކަ ދެއްކުމުގައި ބުއްދީގެ ބޭނުން ކުރުންވެސް މުހިއްމު ކަމަށް ސަލީމް ވިދާޅުވިއެވެ.

ސަލީމް އެދަފައިން ވިދާޅުވެފައި ވަނީ ރައްޔިތުންގެ މަޖިލީހުގެ މެމްބަރަކު އަވަހާރަ ކޮށްލަން ގަރާރު ހުށަހަޅައި ވާހަކަ މަޖިލީހުގައި ދެއްކޭނެ ކަމަށް، ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވުމާ ގުޅިގެންނެވެ.

"މެންބަރަކު އަވަހާރަ ކުރާ ގަރާރެއްގެ ވާހަކަ" ދެކެވުނީ، މިއަދުގެ ޖަލްސާ އަށް ސިޓީ، ކައުންސިލްތަކާއި އަތޮޅު ކައުންސިލްތަކާއި ރަށު ކައުންސިލްތައް އުވައިލުމަށާއި ލޯކަލް ގަވާމަންޓް އޮތޯރިޓީ (އެލްޖީއޭ) ވެސް އުވައިލުމަށް، ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު ހުށަހެޅުއްވުމުން މަޖިލީސް ވަގުތުގައި ދެކެވުނު ވާހަކައަށް ރައީސް ނަޝީދު ދެއްވި ރައްދެއްގައެވެ.

ޖާބިރުގެ ގަރާރު އެޖެންޑާގައި ހިމެނުމުން އެމްޑީޕީގެ ބައެއް މަޖިލިސް މެންބަރުން ވިދާޅުވީ، އެއީ ގާނޫނުއަސާސީއާ ހިލާފު ކަމެއް ކަމަށާއި އެ ގަރާރު މަޖިލީހަށް ބަލައި ނުގަނެވޭނެ ކަމަށެވެ.

އެ ގަރާރަކާ ގުޅިގެން ބައެއް މެންބަރުންގެ މެދުގައި އުފެދުނު ހިޔާލު ތަފާތުވުންތަކަށް ދެއްވި ޖަވާބެއްގަައި ރައީސް ނަޝީދު ވިދާޅުވީ މަޖިލީހުގައި ގަރާރަކުން ނުދެއްކޭނެ ހަމައެކަނި ވާހަކައަކީ އިސްލާމް ދީނުގެ އަސްލަކާ ހިލާފުވާ ވާހަކަ ކަމަށާއި މަޖިލީހުގައި ގަރާރަކުން އިއްޒަތްތެރި މެންބަރަކު އަވަހާރަ ކޮށްލުމުގެ ވާހަކަ ވެސް ދެއްކޭނެ ކަމަށެވެ.