އަދާލަތު ޕާތީގެ އިލްމުވެރިންގެ މަޖިލީހުގެ ފަރާތުން އުތެމަ ޖަމިއްޔައާ މެދު ހުރި ކަންބޮޑުވުންތައް ޔޫތް މިނިސްޓަރު އަހުމަދު މަހްލޫފާ ހިއްސާކޮށްފިއެވެ.
އަދާލަތު ޕާޓީން މިއަދު ކުރި ޓްވީޓެއްގައި ބުނީ، އުތެމަ ޖަމިއްޔާއިން ސީޑޯ ކޮމިޓީއަށް ހުށަހަޅާފައިވާ ޝެޑޯ ރިޕޯޓުގައި ހުރި އިސްލާމްދީނާއި ހިލާފް ކަންކަމާ މެދު އުފެދިފައިވާ ކަންބޮޑުވުންތައް ހިއްސާ ކުރުމަށް އަދާލަތު ޕާޓީގެ އިލްމުވެރިންގެ މަޖިލީހުގެ ފަރާތުން ޔޫތު މިނިސްޓަރާ ބައްދަލުކޮށްފައިވާ ކަމަށެވެ.
އަދާލަތުން ވަނީ 2015 އަހަރު ޝާއިއުކުރި މޯލްޑިވިއަން ޑިމޮކްރެޓިކް ނެޓްވޯކް (އެމްޑީއެން) ގެ ރިޕޯޓާ ގުޅިގެން އެ ޖަމިއްޔާ އުވާލުމާއެކު އިޖުތިމާއީ ހާލަތަށް ދިމާވެފައިވާ ބޮޑެތި މައްސަލަތައް ވަޒަން ކުރުމަށް ފަހު ކަމަށް ބުނެ އަންހެނުންނާ މެދު ކުރެވޭ ތަފާތު ކުރުންތައް ނައްތާލުމަށް އދގެ ބައިނަލްއަގްވާމީ މުއާހަދާ ސީޑޯ ކޮމިޓީއަށް ހުށަހެޅުމަށް އުތެމަ ޖަމިއްޔާއިން މި އަހަރުގެ އޭޕްރީލް މަހުގެ 20 ވަނަ ދުވަހު އާންމު ކުރި ރިޕޯޓާ މެދު ކަންބޮޑުވުންތައް ފާޅުކޮށް ބަޔާނެއް ވެސް ނެރެފައެވެ.
އުތެމައިން ނެރުނު ރިޕޯޓުގައި ވަނީ އެމްޑީއެންއިން ނެރުނު ރިޕޯޓަށް ތާއީދުކޮށް އަދި އިސްލާމްދީން ތައުހީނުކޮށް ޝަރީއަތުގެ ހުކުމްތަކަށް ފުރައްސާރަކޮށް ތައުހީނުކޮށްފައި ކަމަށް އަދާލާތުން ނެރުނު ބަޔާނުގައި ބުނެފައި ވެއެވެ. އަދި އެފަދަ ކަންކަމަކީ ސައްތައިންސައްތަ މުސްލިމް ގައުމެއްގައި އެއްވެސް ފަރުދެއްގެ ކިބައިން ފެނިގެން ވާނެ ކަންކަން ނޫން ކަމަށް އަދާލަތުން ބުނެފައި ވެއެވެ. އަދާލަތު ޕާޓީން ވަނީ މިފަދަ މުންކަރާތަކުން ދުރުހެލިވުމަށާއި އިލާހީ ކޯފާއަށް ބިރުވެތިވުމަށް އެދި އެންމެ ހާ ރައްޔިތުންނަށް ނަސޭހަތްތެރިވެފައެވެ.
މީގެ ކުރިން އެ ޖަމިއްޔާއާ ދެކޮޅަށް ފިޔަވަޅު އެޅުމަށް އިލްމުވެރިންގެ ޖަމިއްޔާއިން ވަނީ ގޮވާލާފައެވެ. އިލްމުވެރިންގެ ޖަމިއްޔާއިން ބުނެފައި ވަނީ އުތެމައިން ލާދީނީ ކަންކަމަށް ހިތްވަރުދީ ދިވެހި ފަސްގަނޑުގައި އެފަދަ ކަންކަން އާލާކުރުމަށް ބާރު އަޅައި ހިންގަމުން ގެންދާ އަމަލުތައް ކުށްވެރިކުރާ ކަމަށާއި އެ ޖަމިއްޔާއާ ދެކޮޅަށް ފިޔަވަޅު އެޅުން އަވަސްކުރަން ޖެހޭ ކަމަށެވެ.
މީގެ ކުރިން އިސްލާމް ދީނަށް ފުރައްސާރަ ކޮށް ރިޕޯޓެއް ނެރެފައިވާ ޖަމިއްޔާއެއް ކަމަށްވާ އެމްޑީއެންއާ ދެކޮޅަށް ރާއްޖޭގެ އެތައް ބަޔަކު ވަނީ އަޑު އުފުލާ ކަންބޮޑުވުން ފާޅުކޮށްފައެވެ. ފަހުން އެ ޖަމިއްޔާ ވަނީ އުވާލާފައެވެ.