ހަލުވިކަމާއެކު ފެތުރެމުންދާ ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19)އަށް ވަސީލަތްތައް ހުސްކޮށްލައިގެން ވާން ނެތް ކަމަށާ، ވަސީލަތްތައް ބައި ކުރުމުގައި ކޮވިޑް-19އާ މާ ބޮޑަށް ސަމާލުކަން ދެވިފައި އޮތުމުން އެހެން ބަލިތަކުގައި އިތުރު 1 މިލިއަނެއްހާ މީހުންގެ ފުރާނަ ގެއްލި ދިއުމުގެ ބިރު އެބައޮތް ކަމަށް ރިޕޯޓެއް ބުނެފިއެވެ.

އިންޓަނޭޝަނަލް އެއިޑްސް ސޮސައިޓީއިން އާންމު ކުރި ރިޕޯޓް ބުނާ ގޮތުގައި، ކޮވިޑް-19އާ ކުރިމަތިލުމަށް ހުރިހާ ކަމެއް އެކަމަށް ހުސްކޮށްލުމުން، އެހެން ބަލިތަކުން ދުރުވެ، ރައްކާތެރިވެ، ފަރުވާ ކުރުމަށް އަޅަމުންދިޔަ ފިޔަވަޅުތަކުގެ މިސްރާބު ބަދަލުވެ، މި ރޮނގުން މިހާތަނަށް ހޯދުނު ކުރިއެރުންތައްވެސް އެފުށް މިފުށަށް ޖެހި ދިއުމުގެ ފުރުސަތު އެބަ އޮތެވެ.

ގައުމުތަކުގެ ސިއްހީ ހިދުމަތްތަކުގެ ސަމާލުކަން މުޅިންހެން ކޮވިޑް-19އަށް ހުސްކޮށްލާފައިވާއިރު، އިންތިހާއަށް ނާޒުކު ފައްތަރެއްގައި ތިބި، އެހެން ބަލިތަކުގެ ޕޭޝަންޓުން ތިބީ ނުރައްކަލަށް ހުށަހެޅިފައެވެ. އޭގެ ތެރޭގައި އެޗްއައިވީ، އެއިޑްސް އަދި ޓީބީ ފަދަ ނުރައްކާތެރި ބަލިތައް ތަހައްމަލު ކުރަމުންދާ މީހުންވެސް ހިމެނެއެވެ.

އިންޓަނޭޝަނަލް އެއިޑްސް ސޮސައިޓީގެ ރައީސް އެންޓޮން ޕޮޒްނެއިކް ވިދާޅުވީ ކޮވިޑް-19 ފެތުރުން ކޮންޓްރޯލް ކުރުމަށް ތަންފީޒު ކުރަމުންދާ ލޮކްދާއުންގެ އަމުރުތަކާ، ޖިސްމާނީ ގައިދުރުކަމުގެ ފިޔަވަޅުތަކުގެ ސަބަބުން، އެޗްވައިވީ ފެތުރުން ކޮންޓްރޯލް ކުރުމަށް ހިންގާ ޕްރޮގްރާމްތަކާ، ފަރުވާގެ ޕްރޮގްރާމްތަކުގެ އިތުރު، އެޗްއައިވީ ދިރާސާ މަޝްރޫއުތަކެއް ހުއްޓުމަކަށް އައިސްފައި ވާކަމަށެވެ.

ޖޫން މަހު ގްލޯބަލް ފަންޑުން އާންމު ކުރި ރިޕޯޓަކުންވެސް މިފަދަ އިންޒާރުތަކެއް ވަނީ ދީފައެވެ. އެގޮތުން އެއިޑްސް، ޓީބީ އަދި މެލޭރިއާ ބައްޔާ ދެކޮޅަށް ހަރަކާތްތެރި މަޝްރޫއުތަކެއް 106 ގައުމެއްގައި ހިންގަމުންދިޔައިރު އެޗްއައިވީއަށް ހާއްސަ ކުރެވިފައި އޮތް ބައިން 85 ޕަސެންޓް ހުއްޓުމަކަށް އައި ކަމަށް އެ ރިޕޯޓް ބުނެއެވެ. ޓީބީއިން 78 ޕަސެންޓް އަދި މެލޭރިއާއިން 73 ޕަސެންޓް ހުއްޓުމަކަށް އައި ކަންވެސް އޮތީ ފާހަގަކޮށްފައެވެ.

ޔޫއެންއެއިޑްސް އިން ވެސް ވަނީ މިފަދަ އިންޒާރުތަކެއް ދީފައެވެ. އެގޮތުން، ހިދުމަތަށް އައިސްފައިވާ ހުއްޓުން ދިގުލާ ދާން ވެއްޖެނަމަ، އެއިޑްސް ބައްޔާ ދެކޮޅަށް ފާއިތުވީ 12 ވަރަކަށް އަހަރު ދުވަހުގެ ތެރޭގައި ހޯދި ބޮޑު ކާމިޔާބީގެ ފިޔަވަޅު ފަހަތަށް އަޅާނެއެވެ. އެއްވެސް ބައްޔަކާ ދެކޮޅަށް ކުރާ މަސައްކަތަކީ، އަނެއް ބަލީގެ ނުރައްކާ ބޮޑުވުމުގެ އަގަށް ވެގެން ނުވާނެ ކަމަށްވެސް ޔޫއެންއެއިޑްސް ވަނީ ފާހަގަކޮށްފައެވެ.