ފަނޑިޔާރުންގެ މައްސަލަތަކުގައިވަކި ސިޔާސީ ޕާޓީއަކަށް ނުވަތަ ފިކުރަކަށް ބެލުމެއް ނެތި، މައްސަލަތައް ނިންމާފައިވާނެ ކަަމަށް އެ ކޮމިޝަނުން ބުނެފިއެވެ.

ޖޭއެސްސީން މިއަދު ނެރުނު ބަޔާނެއްގައި ބުނީ ފަނޑިޔާރުކަމުގެ މަގާމުގައި ހުރެ ސިޔާސީ ހަރަކާތެއްގައި ފަނޑިޔާރަކު ބައިވެރިވުމަކީ އިސްތިސްނާއެއް ނެތި، ފަނޑިޔާރުން ގާނޫނުން މަނާކުރެވިފައިވާ ކަމެއް ކަމަށާއި ފަނޑިޔާރުންގެ މައްސަލަތައް ބަލަމުން ދަނީ ފަނޑިޔާރުންގެ ތެރޭގައި ތަފާތުކުރުމެއް ނެތި، ގާނޫނުއަސާސީއާއިި ފަނޑިޔާރުންގެ ގާނޫނާއި ފަނޑިޔާރުންގެ ސުލޫކީ މިންގަނޑު އެއީ އަސާސްކަމުގައި ބަލައިގެން ކަމަށެވެ.

އެގޮތުން 2019-2020 ވަނަ އަހަރު އެއެމްޑީޕީ އަދި ޕީޕީއެމްގެ ސިޔާސީ ހަރަކާތްތަކުގައި ބައިވެރިވެގެން އެ ކޮމިޝަނުން 14 މައްސަލައެއް ބަލާފައިިވާނެ ކަމަށާއި އެފަދަ މައްސަލަތައް ތަހުގީގުކޮށް ނިމުމުން ދެ ފަނޑިޔާރަކު މަގާމުން އިސްތިއުފާ ދެއްވާފައިވާ ކަމަށްވެސް ޖޭއެސްސީން ބުނެއެވެ.

ޖޭއެސްސީން މިއަދު ބަޔާނެއް ނެރެފައި ވަނީ، ޖޭއެސްސީ އަކީ ސިޔާސީ ހަރުގެއެއް ކަމަށް މަހިބަދޫ ދާއިރާގެ މެމްބަރު އަހްމަދު ތޯރިގު (ޓޮމް) މިއަދުގެ ރައްޔިތުންގެ މަޖިލީހުގެ ޖަަލްސާގައި ވިދާޅުވެފައި ވަނިކޮށެވެ. ޖޭއެސްސީއަށް މެންބަރު ތޯރިގު ފާޑުވިދާޅުވީ ކްރިމިނަލް ކޯޓުގެ ގާޒީ، ހަސަން ނަޖީބު ފަނޑިޔާރުކަމުން ވަކިކުރަން ފެންނަ ކަމަށް ނިންމައި، ޖޭއެސްސީން މަޖިލީހަށް ފޮނުވި މައްސަލައާ ގުޅިގެން ވާހަކަ ދައްކަވަމުންނެވެ.

އެ މައްސަލައާ ގުޅިގެން ޖޭއެސްސީން މިއަދު ނެރުނު ބަޔާނުގައި ބުނީ ހަސަން ނަޖީބާ ގުޅޭގޮތުން ހުށަހެޅިފައިވާ ބައެއް މައްސަލަތައް ކޮމިޝަނުން ބެލުމަށްފަހު، ފިޔަވަޅެއްގެ ގޮތުގައި ފަނޑިޔާރުކަމުގެ މަގާމުން ވަކިކުރަން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމަށް ޖުލައި އެއް ވަނަ ދުވަހު ކޮމިޝަނުން ނިންމާފައިިވަނީ ކޮމިޝަންގެ ގާނޫނުގައި ބަޔާންކޮށްފައިވާ ހުރިހާ އިޖުރާއަތުތައް ފުރިހަމަކޮށް އެފަނޑިޔާރަށް ލިބިދޭންޖެހޭ ކަމަށް ގާނޫނުން ކަނޑައަޅާފައިވާ އެންމެހާ ހައްގުތައް ފުރިހަމައަށް ދިނުމަށްފަހުގައި ކަމަށެވެ.

ހަސަން ނަޖީބާ ގުޅޭގޮތުން ހުށަހެޅުނު ހަތް މައްސަލައެއް ޖޭއެސްސީން ބަލާފައިވާއިރު، އެ މައްސަލަތަކުގެ ގޮތުގައި ޖޭއެސްސީން ފާހަގަ ކޮށްފައިވާ މައްސަލަ ތަކަކީ:

  1. 2017 ވަނަ އަހަރު ބޭއްވި ލޯކަލް ކައުންސިލް އިންތިހާބުގައި ގއ. ކައުންސިލަށް އެމްޑީޕީން ކުރިމަތިލި ކެންޑިޑޭޓު ގާތުގައި އޭނާގެ ނަން އަނބުރާ ގެންދިއުމަށާއި އެ އިންތިހާބުގައި ޕީޕީއެމްގެ ކެންޑިޑޭޓަށް ތާއީދުކުރުމަށް ހަސަން ނަޖީބު ބުނި ކަމަށާއި އެމްޑީޕީގެ ކެންޑިޑޭޓުގެ ކެންޑިޑަސީ ބާތިލުކުރަން ހަސަން ނަޖީބު އުޅުނު ކަމަށް ބުނެ ހުށަހެޅުނު މައްސަލަ.
  2. 2017 ވަނަ އަހަރު ބޭއްވި ލޯކަލް ކައުންސިލް އިންތިހާބުގައި ގއ. ކައުންސިލަށް ޕީޕީއެމް އިން ވާދަކުރި ކެންޑިޑޭޓަކާއެކު ހަސަން ނަޖީބު އެމްޑީޕީ އެކްޓިވިސްޓަކާ ބައްދަލުކޮށް އޭނާ ޕީޕީއެމް އަށް ސޮއިކުރުމަށް ބުނެ ހުށަހެޅުނު މައްސަލަ.
  3. 2018 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް ތާއީދު ހޯދުމަށް އެ އަހަރުގެ ސެޕްޓެމްބަރު މަހުގެ ކުރީކޮޅު ހަސަން ނަޖީބު އެހެން ފަނޑިޔާރުންތަކަކާއެކު ގއ. ވިލިނގިލި އެސްޓީއޯގެ މުވައްޒަފުންތަކަކާއެކު ބައްދަލުވުމެއް ބާއްވައި ރައީސް ޔާމީނަށް ތާއިދު ހޯދުމަށް ވާހަކަ ދައްކާފައިވާކަމަށް ބުނެ ހުށަހެޅު މައްސަލަ.
  4. ގާޒީ ހަސަން ނަޖީބު ގއ. ވިލިނގިލީ ކޯޓުގައި މެޖިސްޓްރޭޓަކަށް ހުންނެވި އިރު އެއްވެސް ފަރާތަކުން އެ ކޯޓުގެ އަމުރަކަށް އެދި ހުށަހަޅާފައި ނުވަނީސް އަމިއްލަ އިސްނެންގެވުމަށް އެރަށު ދެމީހަކު ހައްޔަރުކުރަން ކޯޓު އަމުރެއް ނެރެފައިވާ ކަމަށް ބުނެ ހުށަހެޅި މައްސަލަ.
  5. 2018 ވަނަ އަހަރު ބޭއްވި ރިޔާސީ އިންތިހާބުގެ ދުވަސްވަރު، އެހެން ފަނޑިޔާރުންތަކަކާއެކު ގއ. ގެމަނަފުށްޓަށް ދަތުރުކޮށް ކްރިމިނަލް ކޯޓުގެ އަމުރެއްގެ ދަށުން ޖަލުގައި ބަންދުކޮށްފައި ހުރި އެރަށު މީހެއްގެ އާއިލާގެ މެންބަރުންތަކަކާއެކު ޕީޕީއެމް އެކްޓިވިސްޓެއްގެ ގޭގައި ބައްދަލުކޮށް އެ އާއިލާގެ އެންމެން ރައީސް ޔާމީނަށް ވޯޓު ދޭން އެއްބަސްވާނަމަ، ޖަލުގައި ހުރި މިނިވަންކުރެވިދާނެ ކަމަށް ބުނެ ހުށަހެޅި މައްސަލަ.
  6. ހަސަން ނަޖީބު ގއ. ވިލިނގިލި ކޯޓުގެ ކެޖިސްޓްރޭޓުގެ މަގާމުގައި ހުންނެވިއިރު، އޭނާގެ އެއްބަނޑު މީހެއްގެ މައްޗަށް ދައުވާކުރެވުނު މައްސަލައެއް ބެލިކަމަށާއި ޝަރީއަތަށް ފާހަގަކުރެވުނު އެއްވެސް ނުކުތާއެއްނެތި ހުކުމް ކުރި ކަމަށް ބުނެ ހުށަހެޅި މައްސަލަ.
  7. ވަކި ސިޔާސީ ޕާޓީއަކަށް މީހަކު ގެނައުމަށް މަސައްކަތްކޮށްފައިިވާ ކަމަށް ބުނެ ހުށަހަޅާފައިވާ މައްސަލަ.

އޭގެ ތެރެއިން 1، 3 އަދި 4 ގައިވާ މައްސަލަ ވަނީ ސާބިތުވެފައެވެ. ޖޭއެސްސީއަށް ދެއްވި މާލީ ބަޔާންތަކުގައި ދޮގު މައުލޫމާތު ދީފައިވާ ކަން ސާބިތުވުމުން ހަސަން ނަޖީބަށް މުސާރަ އާއި އިނާޔަތްތައް ނުލިބޭ ގޮތަށް ތިން މަސް ދުވަހަށް ސަސްޕެންޑް ކުރުމަށް ނިންމާފައި ވަނީ މިދިޔަ އޭޕްރިލް 15 ވަނަ ދުވަހެވެ. އެ ނިންމުނާއެކު އަދިވެސް ހުންނެވީ ސަސްޕެންޝަނުގައެވެ.

ޖޭއެސްސީން ބުނީ އެ މައްސަލައަކީ ކޮމިޝަނަށް ހުށަހެޅި މާލީ ބަޔާންތަކުގައި އޭނާ އަކީ "ބެން މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް"ގެ ހިއްސާދާރެއްކަން ހާމަނުކޮށް، ދޮގު މައުލޫމާތު ދީފައިވާކަމަށް ބުނެ ހުށަހެޅުމުން ބެލުނު މައްސަލައެއް ކަމަށެވެ. އެ މައްސަލައާ ގުޅިގެން ޖޭއެސްސީއަށް ފާހަގަކުރެވުނު ޖިނާއީ މައްސަލަތައް ބަލައިދިނުމަށް އެދި މި އަހަރުގެ އޭޕްރީލް މަހުގެ 16 ވަނަ ދުވަހު ވަނީ އެ މައްސަލަ ފުލުހުންނަށް ވެސް ހުށަހަޅައިފައި ކަމަށް ޖޭއެސްސީގެ ބަޔާނުގައި ވެއެވެ.