މަނީ ލޯންޑަރިންގެ ކުށް ސާބިތުވެ ފަސް އަހަރު ދުވަހަށް ޖަލަށް ލުމަށް ހުކުމް ކޮށްފައިވާ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސިއްހީ ހާލުކޮޅު ސީރިއަސް ކަމަށާއި މިއަދު އެމަނިކުފާނު އަމިއްލަފުޅަށް ހިނގާ ބިނގާވެ އުޅުއްވުމަށް ދަތި ކަމަށް އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަން އިން ބުނެފިއެވެ.
އިދިކޮޅުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ރައީސް ޔާމީންގެ ގާނޫނީ ވަކީލުންގެ ޓީމާ ހަވާލާ ދެއްވާ މިއަދު އިދިކޮޅު ލީޑު ކުރަމުން ގެންދަވާ ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ވަނީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ސަރުކާރުން ރައީސް ޔާމީން މިހާރުން މިހާރަށް ގެއަށް ބަދަލު ކޮށްދިނުމަށް ގޮވާލައްވާފައެވެ.
ހައްގުން ކަމަކާ ނުލާ ރައީސް ޔާމީނަށް އެހާ ބޮޑަށް އަނިޔާ ކުރަމުން ގެންދަނީ ކޮން މަގުސަދެއް ހާސިލް ކުރަންތޯ އަދުރޭ ވަނީ ސުވާލު ކުރައްވާފައެވެ. އޭނާ ވަނީ އަދުގެ ސަރުކާރަށް އެއްވެސް ކަމެއް ނުކުރެވުމުން އަދި ސަރުކާރު ބޮޑުތަނުން ފެއިލްވުމުން އެކަމުގެ ހުރިހާ "ހަސްކާ" އެއް ބާލަނީ ރައީސް ޔާމީނަށް ކަން އެނގިވަޑައިގަންނަވާ ކަމަށެވެ.
ރައީސް ޔާމީންގެ ސިއްހީ ހާލުކޮޅާ ގުޅިގެން އިދިކޮޅުން ކަންބޮޑުވުން ފާޅުކުރި އިރު ރައީސް އަބްދުﷲ ޔާމީންގެ އިސްތިއުނާފް ޝަރީއަތެއް އަންނަ ބުދަ ދުވަހަށް ހައި ކޯޓްގައި ވަނީ ތާވަލު ކޮށްފައެވެ. ބުދަ ދުވަހު ބާއްވާ އަޑުއެހުމަކީ މައްސަލާގެ ހުލާސާ ބަޔާން އިއްވުމަށް ބާއްވައި އަޑުއެހުމެވެ. އަދި އެ އަޑުއެހުމަށް ފަހު ދެން އޮންނާނީ ހުކުމް ކުރާ މަޖިލީހެވެ.