މޫސުން ގޯސްވެ ތިނަދޫއަށް އުދަ އަރަމުންދާތީ ރަށުން ފުރުމާއި ލެފުމުގައި ދަތިތަކެއް ކުރިމަތިވެއްޖެއެވެ.
ފޭސްބޫކް ގައި އާންމު މީހަކު ކުރި ލައިވް ވިޑިއޯއަކުން ފެންނަނީ ތޮށިގަނޑު ކައިރިއަށް ގާތްކޮށްފައިވާ ދޯންޏަކަށް މީހުން އަރުވަމުން ދާ މަންޒަރެވެ. ތޮށިގަނޑުމަތިން މުޅި ރަށުތެރެއަށް އޭރުވެސް އުދަ އަރަމުންދާ މަންޒަރު ފެނެއެވެ. ދިޔަވަރު ބޮޑުވެފައި އޮތުމުން ދޯންޏަށް މީހުން އަރާ ފޭބުމުގައި ދަތިތަކެއް އުޅޭތީ އެވަގުތު އެ ސަރަހައްދަށް ލޯޑަރެއް ގެންގޮސްގެން މީހުން އަރުވަމުން ދާ މަންޒަރު ފެނެއެވެ.
'ދަ ޕްރެސް' އަށް މައުލޫމާތު ދެއްވަމުން ގދ. ތިނަދޫ ކައުންސިލްގެ ރައީސް އަލީ އަމްޖަދު ވިދާޅުވީ، މޫސުން ގޯސްވެއްޖެ ނަމަ އެ ރަށަށް އަބަދުވެސް އުދަ އަރާ ކަމަށެވެ. ނަމަވެސް މިއަދު ވަރަށް ބޮޑަށް އުދަ އަރާފައިވާ ކަމަށެވެ. އެހެން ކަމުން އަތޮޅުތެރޭގައި ދަތުރު ކުރާ އެމްޓީސީސީ ފެރީއަށް މީހުން އެރުވުމަށް ދަތިތަކެއް ކުރިމަތިވެފައިވާ ކަމަށް އަމްޖަދު ވިދާޅުވިއެވެ.
މިއަދު ފެރީއާށް މީހުން އެރުވުމަށް އެ ސަރަހައްދަށް ޅޯޑަރެއް ގެންގޮސްގެން މަސައްކަތް ކޮށްފައިވާ ކަމަށް އަމްޖަދު ވިދާޅުވިއެވެ.
މެޓް އޮފީހުން މިއަދު ބުނެފައި ވަނީ ރާއްޖޭގެ އެކިހިސާބަށް ވިއްސާރަކުރާނެ ކަމަށާއި ގުގުރުން އެކަށީގެންވާ ކަމަށެވެ. އެ ގޮތުން ދެކުނުގެ އަތޮޅުތަކަށް އިރުދެކުނާއި ދެކުނުން ގަޑިއަކު 10 މޭލާ 20 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ޖެހޭނެ ކަމަށާއި އެހެން ހިސާބުތަކުގައި އިރުދެކުނާއި ހުޅަނގުދެކުނުން ގަޑިއަކު 03 މޭލާއި 13 މޭލާ ދެމެދުގެ ބާރު މިނުގައި ވައިޖެހޭނެ ކަމަށް މެޓް އޮފީހުން ބުނެއެވެ. އަދި ވިލާ ގަނޑުގައި ގަޑިއަކު ގާތްގަޑަކަށް 35 މޭލަށް ވައިގަދަވުން އެކަށީގެންވާ ކަމަށް ވެސް މެޓް އޮފީހުން ބުނެއެވެ.
ރާއްޖޭގެ ކަނޑުތައް ދެކުނުގައި އާދައިގެވަރަކަށް ގަދަވާނެ ކަމަށާއި އުތުރާއި މެދުރާއްޖެތެރޭގައި އާދައިގެ ވަރަކަށް މަޑު ވާނެ ކަމަށް މެޓް އޮފީހުން ބުނެއެވެ. އަދި ދިޔަވަރު ބޮޑުވާ ގަޑިތަކުގައި ބައެއް ރަށްތަކަށް އުދައިގެ އަސަރު ކުރުމަކީ އެކަށީގެންވާ ކަމެއް ކަމަށް މެތް އޮފީހުން ބުނެއެވެ.